ދައުލަތުގެ ހަރަދުތައް އިތުރުވި ނަމަވެސް 33 މިލިއަން ބާކީކޮށްފި

އޮކްޓޯބަރ 1، 2019: ފިނޭންސް މިނިސްޓްރީ-- ސަން ފޮޓޯ/ ފަޔާޒް މޫސާ

މި މަހުގެ ދެވަނަ ހަފުތާގެ ނިޔަލަށް ދައުލަތުގެ ހަރަދު 16 ޕަސެންޓު އިތުރުވި ނަމަވެސް، ހަރަދަށް ކެނޑުމަށްފަހު 33 މިލިއަން ރުފިޔާ ބާކީކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 2.58 ބިލިއަން ރުފިޔާ އެވެ. އަދި ހަރަދުކޮށްފައިވަނީ 2.54 ބިލިއަން ރުފިޔާ އެވެ.

މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 16 ޕަސެންޓު އިތުރު އަދަދެއް ނަމަވެސް، މިއަހަރުގެ ފެބްރުއަރީ 13ގެ ނިޔަލަށް ލިބުނު އާމްދަނީއަށް ވުރެ 33.6 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.

މިއަހަރުގެ މި މުއްދަތުގައި ހަރަދަށް ކަނޑާފައި 33 މިލިއަން ރުފިޔާ ބާކީ ކުރިއިރު، އޭގެ ކުރީ ހަފުތާގައި 772.7 މިލިއަން ރުފިޔާ ވަނީ ބާކީކޮށްފަ އެވެ.

ހަރަދަށް ކަނޑާފައި ބާކީ ކުރި މިންވަރު ދަށްވިއިރު، ކޮރޯނާ ވައިރަހުގެ ނޭދެވޭ އަސަރު ރާއްޖޭގެ އިގްތިސާދަށް ކޮށްފައިވުމާއެކު ދައުލަތުގެ ހަރަދުތައް ކުޑަކުރަން ފިނޭންސް މިނިސްޓަރު މީގެ ކުރިން ވަނީ އަންގާފަ އެވެ.

މި މަހުގެ ފުރަތަމަ ހަފުތާގައި އެޑްމިނިސްޓްރޭޓިވް އެންޑް އޮޕަރޭޝަނަލް އެކްސްޕެންސަސްގެ ގޮތުގައި 556 މިލިއަން ރުފިޔާ ދައުލަތުން ހަރަދުކުރިއިރު، ޖެހިގެން އައި ހަފުތާގައި އެކަމަށް 257.4 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

އެބައިގެ ތެރެއިން އެންމެ ބޮޑު އިތުރުވުމެއް އައިސްފައިވަނީ ދައުލަތުން ހިލޭ އެހީއާއި ސަބްސިޑީއަށް ކޮށްފައިވާ ހަރަދަށެވެ.

މި މަހުގެ ދެވަނަ ހަފުތާގެ ނިޔަލަށް ދައުލަތަށް ލިބުނު 2.58 މިލިއަން ރުފިޔާގެ އާމްދަނީއަކީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 743.8 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.

މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އާމްދަނީ ދަށްވި މައިގަނޑު ސަބަބަކީ ޓެކުހުގެ އާމްދަނީއާއި ޓެކްސް ނޫން ގޮތްގޮތަށް ލިބުނު އާމްދަނީ ވެސް ދަށްވުމުންނެވެ.

comment ކޮމެންޓް