އިންވެސްޓްމެންޓް ބޭންކެއް ގާއިމުކުރުމުގެ މަސައްކަތް ހުވަދު އަތޮޅުން ފަށައިފި

ގއ. ވިލިނގިލި -- ފޮޓޯ/ ޖަމްޝީދު އަލީ

ހުވަދު އަތޮޅުގެ ކުދި ވިޔަފާރިތައް ކުރިއަރުވައި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހުވަދޫ ފައިނޭންސް ކޯޕަރޭޝަން (ހުވަދޫ ބޭންކް)ގެ ނަމުގައި އިންވެސްޓްމެންޓް ބޭންކެއް އުފެއްދުމުގެ މަސައްކަތް ގއ. އަތޮޅު ކައުންސިލުން ފަށައިފިއެވެ.

ގއ. އަތޮޅު ކައުންސިލުން މި މަހުގެ 11 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ނިންމާފައި ވަނީ ގއ. އަތޮޅުގެ ހުރިހާ ރަށްތަކަށް މަންފާ ވާނެހެން ހުވަދޫ ބޭންކުގެ ނަމުގައި އިންވެސްޓްމެންޓް ބޭންކެއް އުފައްދަން ފެންނަ ކަމަށެވެ. އަދި އެ އިދާރާ އުފެއްދުމަށްޓަކައި ހަދަން ޖެހޭ ގަވައިދުތަކާއި، އުސޫލުތައް ހަދައި ކުރިއަށް ގެންދިޔުމަށް އެ ބައްދަލުވުމުގައި ނިންމާފައިވެއެވެ.

އެ އިދާރާ އުފައްދަން ނިންމާފައިވާކަން މިއަދު ގއ. ވިލިނގިލީގައި ބިޒްނަސް ސެންޓަރުގެ ބްރާންޗެއް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ގއ. އަތޮޅު ކައުންސިލުގެ ރައީސް އަހުމަދު ފުއާދު ވަނީ އިއުލާނުކުރައްވައިފައެވެ. އެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ފުއާދު މިއަދު "ސަން"އަށް ވިދާޅުވީ އެތަނަކީ ގއ. އަތޮޅުގެ މަސްވެރިކަމާއި ދަނޑުވެރިކަމާއި، އެހެނިހެން ކުދި ވިޔަފާރިތަކާއި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ކުރިއެރުވުމުގެ އަމާޒުގައި އުފައްދާ އިންވެސްޓްމެންޓް ބޭންކެއް ކަމަށެވެ. ފުރަތަމަ މަރުހަލާގެ ތެރޭގައި އެތަނުގެ މަސައްކަތަކަށް ވާނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ މޮޑެލްއަށް، އެ އަތޮޅުގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މުސްތަގުބަލުގައި ކޮމާޝަލް ބޭންކަކަށް އެތަން ބަދަލުކުރުމުގެ ހިޔާލުވެސް ގެންގުޅުއްވާކަމަށް އޭނާ ވިދާޅުވިއެވެ.

ހުވަދޫ ފައިނޭންސް ކޯޕަރޭޝަން އުފައްދަން ހަމަޖެހިފައިވަނީ ކައުންސިލުތަކުން އިންވެސްޓުކުރާ ފަސް މިލިއަން ރުފިޔާއާއި މައި ސަރުކާރުން އިންވެސްޓްކުރާ ފަސް މިލިއަން ރުފިޔާ ހިމެނޭ ގޮތުން 10 މިލިއަން ރުފިޔާގެ ކެޕިޓަލަކުން ކަމަށް ފުއާދު ވިދާޅުވިއެވެ.

ގއ. ވިލިނގިލީ ބިޒްނަސް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ ހުވަދޫ ފައިނޭންސް ކޯޕަރޭޝަން އުފެއްދުމަށް ތާއީދުކުރައްވާފައެވެ.

"އަޅުގަނޑު ތިބޭފުޅުންނަށް ޔަގީންކަން އަރުވަން ހުވަދޫ ބޭންކުގެ ބައިވެރިއެއްގެ ގޮތުގައި އަޅުގަނޑުމެން ތިބޭނެކަން. ހުވަދޫ ބޭންކު ފެށުމަށް ތިބޭފުޅުން ނަގާ ފައިސާއަކާ އެއްހަމައަށް އަޅުގަނޑުމެން ފައިސާ ހަމަޖައްސައިދޭންނަން،" ފައްޔާޒު ވިދާޅުވިއެވެ.

ހުވަދޫ ބޭންކު އުފެދުމުން ދަނޑުވެރިންނާއި މަހުން އުފެއްދުންތައް އުފައްދާ ފަރާތްތަކަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

ހުވަދޫ ފައިނޭންސް ކޯޕަރޭޝަން އުފައްދަން ގއ. ގެ އިތުރުން ގދ. އަތޮޅުގެވެސް ރަށްތަކުގެ ކައުންސިލުތަކުން އިންވެސްޓު ކުރަން ދައުވަތު ދެއްވާނެ ކަމަށާއި ކޮންމެ ރަށު ކައުންސިލަކުންވެސް މަދުވެގެން 200،000 ރުފިޔާ ބޭނުންވާނެ ކަމަށްވެސް ފުއާދު ވިދާޅުވިއެވެ. ގއ. އަދި ގދ. އަތޮޅުގައި އޮންނަނީ މީހުން ދިރިއުޅޭ 18 ރަށެވެ.

ގއ. އަތޮޅު ކައުންސިލުން އަމާޒު ހިފާފައި ވަނީ ހުވަދޫ ފައިނޭންސް ކޯޕަރޭޝަނަށް ބޭނުންވާ ހުއްދަތައް ނަގައި، ރޯދަ މަހުގެ ކުރިން ހިދުމަތް ދޭން ފެށުމަށެވެ.

މިވަގުތު ރާއްޖޭގައި އަށް ކޮމާޝަލް ބޭންކެއް ހިންގައެވެ. އަދި ފަސް އިންޝުއަރަންސް ކުންފުނި ހިންގާ އިރު، ނޮން-ބޭންކިންގް ފައިނޭންޝަލް އިންސްޓިޓިއުޝަންސްގެ ގޮތުގައި ތިން ކުންފުންޏެއް ހިންގައެވެ.

comment ކޮމެންޓް