ދަނޑު ބޭރުން ހިނގާ ކަންތައްތަކުގެ އަސަރެއް ޓީމަކަށް ނުކުރޭ: ސެޓިއެން

ބާސެލޯނާގެ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު ސެލަބްރޭޓް ކުރަނީ ---

ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގުގައި ކުރިއަށް ވަރުދަގަ މެޗުތަކެއް ހުރުމުން ކުޅުންތެރިންގެ ވިސްނުން ދަނޑުބޭރުން ހިންގާ ކަންތައްތަކަށް ދިއުމުގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށް ބާސެލޯނާގެ ކޯޗު ކީކީ ސެޓިއެން ބުނެފި އެވެ.

ކުރިއަށް އޮތް ހަފުތާގައި އިޓަލީގެ ނަޕޯލީއާ ދެކޮޅަށް ޗެމްޕިއަންސް ލީގުގެ ފުރަތަމަ ލެގަށް ބާސެލޯނާ ނުކުތުމުގެ ކުރިން މިރޭ އެއިބާއާ ދެކޮޅަށް ސްޕެނިޝް ލީގުގައި މެޗެއް ކުޅޭނެ އެވެ. އަދި މި ދެ މެޗުގެ އިތުރުން އަންނަ ހަފްތާގައި އޮތް އެލް ކުލެސިކޯ މެޗަށް ވެސް ބާސެލޯނާ ތައްޔާރުވަމުން އަންނަ އިރު ދަނޑުބޭރުގައި އެކުލަބާ ގުޅުން ހުރި ބޮޑެތި ކަންތައްތަކެއް މިފަހުން ވަނީ ހިނގައިފަ އެވެ.

ބާސެލޯނާގެ ކުރީގެ ކޯޗު އާނެސްޓޯ ވަލްވާޑޭގެ ދައުރުގައި ވަކި ކުޅުންތެރިންތަކެއް އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށް ބުނެ އެ ކުލަބުގެ ޑިރެކްޓަރު އެރިކް އަބިޑާލް ދެއްކި ވާހަކަތަކެއްގެ ސަބަބުން ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ވަނީ ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. އެ މައްސަލަ ގަނޑުގެ ތެރޭގައި ބާސެލޯނާއަށް ސަޕޯޓް ކުރާ ގިނަބައެއްގެ ތެރޭގައި ހަމަނުޖެހުން އުފެދިފައިވާ އިރު ބައެއް ކުޅުންތެރިން ވެސް ވަނީ އެކަމުގެ ތެރެއަށް ވަދެ ގޮތް ކިޔައި ހަދާފަ އެވެ.

މީގެ އިތުރުން ސްޕެއިނުގެ ރޭޑިއޯ ނެޓްވޯކް ކުންފުނި (އެސްއީއާރު) އިން ބާސެލޯނާއާއި އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީގެ އަގުވައްޓާލުމުގެ ގޮތުން ސޯޝަލް މީޑިއާގައި ވާހަކަތަކެއް ފެތުރުމަށް ކުންފުންޏަކާ ހަވާލު ކުރި ކަމުގެ ތުހުމަތުތަކެއް ވެސް ވަނީ ކޮށްފަ އެވެ. އަދި ޓްރާންސްފާމާކެޓުގެ ބޭރުން ކުޅުންތެރިއަކު ގެނައުމަށް ސްޕެނިޝް ފުޓުބޯޅަ ފެޑެރޭޝަނުން ބާސެލޯނާއަށް ހާއްސަ ހުއްދައެއް ދިނުމުން ވެސް ގިނަ ބައެއްގެ ފާޑު ކިޔުންތަކެއް އެކުލަބަށް ވަނީ އަމާޒުވެފަ އެވެ.

އެހެން ނަމަވެސް ދަނޑު ބޭރުގައި ހިނގާ ދިޔަ މި ބޮޑެތި ކަންތައްތަކުގެ ސަބަބުން ކުޅުންތެރިންގެ މޯޓިވޭޝަނަށާއި މެޗުގެ ވިސްނުންތަކަށް ބަދަލެއް ނާންނާނެ ކަމަށް އެ ޓީމުގެ ކޯޗު ސެޓިއެން ވަނީ ބުނެފަ އެވެ.

"އަހަރުމެން މިތިބީ ވަރަށް ބޮޑަށް ފޯކަސް ކޮށްގެން. އެންމެން ވެސް ފޯކަސްކޮށްގެން ތިބީ ފުޓުބޯޅައާ ގުޅުންހުރި ކަންކަމުގައި. ހާއްސަކޮށް ދަނޑުން ބޭރުގައިވާ ކަންކަން އެއްކިބާކޮށް ކުރިއަށް ހުރި މެޗުތަކަށް އިސްކަން މި ދެނީ،" ސެޓިއެން ބުންޏެވެ.

ސެޓިއެން ބުނީ، ދަނޑުން ބޭރުގައި ފަހަކަށް އައިސް ހިނގައި ދިޔަ ކަންތައްތަކުގެ ސަބަބުން ކުޅުންތެރިންނަށް ބޮޑު އަސަރެއް ކުރި ކަމަށް ބައެއް މީހުނަށް ހީވެފައި އޮތް ނަމަވެސް ކުޅުންތެރިން ތިބީ ކުރިއަށް އޮތް މެޗުތަކަށް ވަރަށް ރަނގަޅަށް ވިސްނައިގެން ކަމަށެވެ.

"ކުލަބުގެ ރައީސް [ޖޯސެޕް މާރިއޯ ބާޓެމިއޯ] ވެސް ވަނީ މި މައްސަލަތަކުގައި ކުޅުންތެރިންނާ ވާހަކަ ދައްކާފައި. އެކަންކަމާ މެދު ނުވިސްނުމަށް ރައީސް ވަނީ އަންގަވާފައި."

comment ކޮމެންޓް