ރަށްވެހި ފަތިސް އަލިވިލޭނީ އަނެއް ދިވެހިރާއްޖެއަށް: ނަޝީދު

އެމްޑީޕީން ކައުންސިލް އިންތިހާބު ކެމްޕެއިން ފެށުމަށް ބޭއްވި ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން މިހާރު ފަށާފައިވާ "ރަށްވެހި ފަތިސް" ކެމްޕޭންގެ އަލިވިލޭނީ، އެ ޕާޓީން އެދޭ "އަނެއް ދިވެހިރާއްޖެ" ލިބޭ ތަނަށް ކަމަށް އެމްޑީޕީގެ ރައީސް، އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެ ކެމްޕޭން ލޯންޗުކުރުމަށް ރޭ ކާނިވާ ސަރަހައްދުގައި ކުރިއަށް ދިޔަ ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ކައުންސިލް އިންތިހާބާއެކު ރާއްޖެ އަލިވިލޭނީ ދިވެހިން އަދި ނުދެކޭ ތަނަކަށް ކަމަށެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ ބޮޑެތި އިސްލާހުތަކާ، ކައުންސިލްތަކަށް ދީފައިވާ ބޮޑު ބަޖެޓާއެކު ކޮންމެ ރަށަކަށް، އަތޮޅަކަށް އަދި ސިޓީއަކަށް ވެސް ހަގީގީ ބާރުވެރިކަން ލިބި، އެ ބާރުވެރިކަމުގައި އަމިއްލަ ދިރިއުޅުން ތަނަވަސް ކުރެވޭނެ ނިޒާމެއް ގާއިމުވެގެންދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ކައުންސިލް އިންތިހާބާއެކު ރާއްޖެ އަލިވިލޭނީ ތަރައްގީގެ އެންމެ ބޮޑު ވަސީލަތް ދިވެހިންނަށް ލިއްބައިދޭނެ ފަތިހަކަށް ކަމަށެވެ.

"މިއީ ލާމަރުކަޒީ ނިޒާމު ތިބޭފުޅުންނަށް ފޯރުކޮށްދޭނޭ ފަތިސް. އަލިވިލެން މި ދަނީ އަޅުގަނޑުމެން ދެކެން މި އެދޭ އަނެއް ދިވެހިރާއްޖެ އަޅުގަނޑުމެންނަށް ލިބޭނެ ތަނަށް،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެއީ ރަށްވެހި ފަތިސް ކަމަށާއި، އެއީ ހަމައެކަނި އެމްޑީޕީގެ ފިކުރެއް ކަމަށެވެ.

"މިއީ ރަން ރީނދޫއިން ޖަރީކުރެވިފައިވާ ފަތިހެއް. މިއީ އެހެން ބައެއްގެ ފަތިހެއް ނޫން. މިއީ އަޅުގަނޑުމެންގެ ފަތިހެއް. މިއީ ތިބޭފުޅުންގެ ފަތިހެއް،" ޖަލްސާއަށް ހާޒިރުވެރި ތިބި އެމްޑީޕީގެ ސަޕޯޓަރުންނަށް އިޝާރާތްކުރައްވާ ނަޝީދު ވިދާޅުވިއެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ޒަމާނުއްސުރެ ދިވެހި ވެރިން އައީ ދިވެހި ރައްޔިތުން ހިފަހައްޓާ އޮބަހައްޓަމުން ކަމަށެވެ. ނަމަވެސް މިހާރުގެ ދިވެހި ޖީލަކީ ދިން މިންވަރެއް ވަރިހަމަކޮށްގެން، ކުރުނީސްކޮށް ފަހަތަށް ޖެހިލާނެ ބައެއް ނޫން ކަމަށާއި މިއަދުގެ ދިވެހިން ނުކުމެ ތިބީ، ހައްގު މިންވަރު ހޯދުމަށް ކަމަށެވެ.

"ލާމަރުކަޒީ ނިޒާމަކީ ދޫކޮށްލާ ނިޒާމު. އޮބަހައްޓާ ނިޒާމެއް ނޫން. ހެދި ފޯދުމަށް ކުރިއަރާ ދިއުމަށް، ފިތުރަތުގެ އުސޫލަށް ދޫކޮށްލާ ނިޒާމު ދިވެހިންނަށް ހޯދައިދިނުމަށް ދިވެހި ރައްޔިތުންގެ ޕާޓީން ގަދައަޅާ މަސައްކަތް ކުރަމުން އައި ނިޒާމު، އެ ރައްޔިތުންނަށް މިއަދު މި ލިބެނީ،" ނަޝީދު ވިދާޅުވިއެވެ.

comment ކޮމެންޓް