ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި އެ ހައްގުތައް ހޯދައިދިނުމުގެ މަސައްކަތަކީ ގިނަ ބައެއް އެކީގައި ކުރަން ޖެހޭ މަސައްކަތެއް ކަމަށާއި އެމަސައްކަތަކީ ހަމައެކަނި މިނިސްޓްރީއަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ (އައިޝާ) ވިދާޅުވެއްޖެ އެވެ.
ގާލް ގައިޑުގެ، ތިންކިން ޑޭ ފާހަގަކުރުމަށް މިއަދު ރެހެންދި ސްކޫލުގައި ކުރިއަށްދާ ހަރަކާތް ފެއްޓެވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އައިޝާ ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހު ވުޖޫދަށް އައި ކުޑަކުދީންގެ ހައްގުތަކާ ގުޅޭ ގާނޫނު ތަންފީޒުކުރަން ޖެހެނީ ޖެންޑާ މިނިސްޓްރީ އިން ކަމަށެވެ.
އެހެންނަމަވެސް އެ ގާނޫނު ތަންފީޒުކުރާއިރު ހަތަރު ފަރާތެއްގެ ޒިންމާ އޮތް ކަމަށް މިނިސްޓަރު އައިޝާ ވިދާޅުވި އެވެ. އެއީ ކުޑަކުދީންގެ ޒިންމާ އާއި ބެލެނިވެރިންގެ ޒިންމާ އާއި ދިރިއުޅޭ މުޖުތަމައުގެ ޒިންމާ އަދި ސަރުކާރާއި ސަރުކާރާ ގުޅިފައިވާ މުވައްސަސާތަކުގެ ޒިންމާ އެވެ.

ތިންކިން ޑޭ ފެށުމަށް ރެހެންދި ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ، ދަރިވަރުންނާ މުހާތަބުކުރައްވާ ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ
"މި ޒިންމާ އަދާކުރުމުގައި އަޅުގަނޑުމެން ހަމައެކަނި ކުޑަކުދިންނަށް ދޫކޮށްލާފައި، ނޫނީ ތިކުދިންގެ ބެލެނިވެރިންނަށް ދޫކޮށްލާފައި، ނޫން ސްކޫލުތަކަށް ދޫކޮށްލާފައި، ނޫނީ މުޖުތަމައަށް ދޫކޮށްލާފައި، ނޫނީ ސަރުކާރަށް އެކަނި ދޫކޮށްލާފައި މިކަން ކުރަން ވެއްޖެއްޔާ އަޅުގަނޑުމެންނަށް ތިކުދިންގެ ހައްގު ހޯދައެއް ނުދެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ކުޑަކުދިންގެ ހައްގުތައް ހޯދައިދެވޭނީ ހުރިހާ އެންމެން އަތުގައި ހިފައިގެން ހުރިހާ އެންމެން އެއްބަސް ކިޔައިގެން ކަމަށް އައިޝާ ފާހަގަކުރެއްވި އެވެ.
ކުޑަކުދީންނާ މުހާތަބުކުރައްވައި މިނިސްޓަރު ވަނީ މުޖުުތަމައުގައި ބައިވެރިކުރުމާއި ޑައިވާސިޓީ އަދި ޓޮލަރެންސް އާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވައިފަ އެވެ. މުޖުތަމައުގެ ކޮންމެ މީހަކީ ވެސް ތަފާތު މީހެއް ކަމަށާއި އެކަކު އަނެކަކުގެ ތަފާތުތަކަށް އިހުތިރާމުކޮށް އެކަންތައްތައް ބަލައިގަތުމަކީ މުހިއްމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.