ދޮގު މައުލޫމާތު ދިން ފުލުހަކު ވަކިކުރީ ރަނގަޅަށް ކަމަށް ސުޕްރީމްކޯޓުން ނިންމައިފި

އޮކްޓޯބަރު 1، 2019: ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޭޕްގެ މައްސަލައެއްގައި ކުރެވުނު ތުހުމަތުތަކާ ގުޅިގެން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑަށް ދޮގު ހެކިބަސް ދިން މައްސަލައެއްގައި ވަޒީފާއިން ވަކިކުރި ކުރީގެ ފުލުހެއް ކަމަށްވާ ހއ. ކެލާ އަލިވާގޭ އަލީ ނަޝީދު ވަޒީފާއިން ވަކިކުރީ ގަވައިދާ ހިލާފަށް ކަމަށް ކަނޑައަޅައި ދަށު ކޯޓުތަކުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ.

އަލީ ނަޝީދު ފުލުހުންގެ ވަޒީފާއިން ވަކި ކުރަން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމީ 2010 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި މާލޭގައި އަންހެނަކު ގަދަކަމުން ފުލުހުންގެ ކާރަކަށް އަރުވައިގެން ފުލުހުންތަކެއް އެ އަންހެން މީހާ ރޭޕް ކުރި ކަމަށް ބުނާ މައްސަލައިގައި އަލީ ނަޝީދު ބައިވެރިވިކަމަށް ގަބޫލު ކުރެވިގެން ހިންގި ތަހުގީގަކަށް ފަހު އެވެ. އަލީ ނަޝީދު ވަޒީފާއިން ވަކި ކުރީ އޭނާ އެ މައްސަލައިގައި ޑިސިޕްލިނަރީ ބޯޑަށް ދައްކާފައި ހުރި ވާހަކަތައް ފުށުއަރާތީއާއި، މުޅި މައްސަލަ އޮޅުވާލަން އުޅޭ ކަމަށް ގަބޫލުކުރެވޭތީއާއި، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށުގެ ބާވަތަށް ބަލާއިރު އެފަދަ ކުށެއްގެ ތުހުމަތު ކުރެވޭ މީހަކު ފުލުހުންގެ ވަޒީފާގައި ބެހެއްޓުމަކީ ފުލުހުންގެ މުއައްސަސާއަށް ރައްޔިތުން ކުރާ އިތުބާރު ހީނަރުވެދާނެ ކަމަށް ގަބޫލު ކުރެވޭތީއެވެ.

ފުލުހުންގެ ވަޒީފާއާ ބެހޭ ގަވައިދުގެ 24 ވަނަ މާއްދާގެ (ށ)ގައި އޮންނަނީ ފުލުހަކު ވަޒީފާއިން ވަކި ކުރެވޭނީ އޭނާ ގާނޫނާއި ހިލާފު ކަމެއްކޮށްފިކަން ސާބިތުވުމުން އަދި އެ އަމަލަކީ އެކަމެއް ސާބިތުވުމުގެ ސަބަބުން ފުލުހުންގެ މުއައްސަސާއަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވެދާނެ ކަމަށް ޑިސިޕްލިނަރީ ބޯޑަށް ގަބޫލުކުރެވިގެން ކަމަށެވެ.

ޑިސިޕްލިނަރީ ބޯޑުގެ ނިންމުމާ ގުޅިގެން އޭނާ ވަޒީފާއިން ވަކި ކުރީ ގަވައިދާ ހިލާފަށް ކަމަށް ބުނެ އަލީ ނަޝީދު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެ މައްސަލައިގައި އެ ކޯޓުން ކުރި ހުކުމުގައި ފާހަގަކޮށްފައި ވަނީ ފުލުހުންގެ ވަޒީފާއާ ބެހޭ ގަވައިދުގެ 24 ވަނަ މާއްދާގެ (ށ)ގެ ދަށުން ވަޒީފާއިން މީހަކު ވަކިކުރަނީ ނަމަ، ކުށުގެ ތުހުމަތަކީ ހަމައެކެނި ހީކުރެވޭ ހީކުރެވުމަކަށް ނުވެ، އެ ތުހުމަތު ކުރާ ކުށަކާ ކުށް ކުރި ކަމަށް ބުނާ މީހާއާ ގުޅޭ ސަބަބުތަކެއް ހުންނަން ޖެހޭނެ ކަމެވެ. އެކަމަކު، އަލީ ނަޝީދު ވަޒީފާއިން ވަކި ކުރީ އޭނާ ކުރި ކަމަށް ތުހުމަތު ކުރާ ކުށާއި އޭނާއާ ގުޅޭ ހެއްކެއް ދައުލަތުން ހުށަހަޅާފައި ނެތަތީސް ކަމަށް ހުކުމުގައި ބުނެފައިވެއެވެ. އެހެންކަމުން، ސިވިލް ކޯޓުން ހުުކުމް ކުރީ އަލީ ނަޝީދު ވަޒީފާއިން ވަކި ކުރީ ފުލުހުންގެ ވަޒީފާއާ ބެހޭ ގަވައިދާ ހިލާފަށް ކަމަށެވެ.

އެ ހުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓައިފައެވެ. އެއީ އަލީ ނަޝީދުގެ މައްޗަށް ތުހުމަތު ކުރެވުނު ކުށުގެ ތަހުގީގުގައި އޭނާ ގާނޫނާ ހިލާފު ކަމެއްކޮށްފައިވާކަން ސާބިތުކޮށްދީފައި ނުވާތީ ކަމަށް އެ ކޯޓުގެ ހުކުމުގައިވެއެވެ.

ސުޕްރީިމް ކޯޓުގެ 2012 ވަނަ އަހަރުގެ 27 ވަނަ ނަމްބަރު ގަޟިއްޔާގެ ހުކުމާ ހަވާލާދީ މި މައްސަލައިގެ ހުކުމުގައި ބުނެފައި ވަނީ ފުލުހުންގެ މައްސަލަ ޑިސިޕްލިނަރީ ބޯޑުން ބަލާ އިރު ފިޔަވަޅު އެޅުމަށް އެކަށީގެންވާ ހެކި ހުރިތޯ ވަޒަން ކުރަން ޖެހޭނީ ބެލެންސް އޮފް ޕްރޮބަބިލިޓީގެ މިންގަނޑުން ކަމަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ އަލީ ނަޝީދު ވަކި ކުރަން ބޯޑަށް ފެނުނީ، އޭނާ ބޯޑަށް ދައްކާފައި ހުރި ވާހަކަތައް ފުށޫއަރާތީއާއި، މުޅި މައްސަލައިގެ އަސްލު އޮޅުވާލަން އޭނާ މަސައްކަތް ކުރަން އުޅުނު ކަމަށް ބޯޑަށް ގަބޫލު ކުރެވޭތީއާއި، އެއީ އޭރު އަމަލުކުރަމުން ދިޔަ ގާނޫނުލްއުގޫބާތުގެ ޗެޕްޓަރު ތިނެއްގެ 62 ވަނަ މާއްދާގެ ދަށުން ކުށެއް ކަމަށްވާތީ ކަމަށެވެ. އަލީ ނަޝީދާ ދެކޮޅަށް ޑިސިޕްލިނަރީ ބޯޑަށް ލިބިފައި ހުރި ހެކިތަކަށް ބަލާއިރު އޭނާ ކުށް ނުކުރާ ކަމަށް ވުރެ ބޮޑަށް ކުށް ކުރި ކަމަށް ބުރަވެވޭ ހެކި ލިބިފައި ހުރިކަމަށް ގަބޫލުކުރެވޭކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެއެވެ. އަދި ތަހުގީގަށް ދޮގު މައުލޫމާތުދީ ދޮގުހެކި ދިން މީހަކު ފުލުހުންގެ ވަޒީފާގައި ބެހެއްޓުމުން ފުލުހުންގެ މުއައްސަސާއަށް ރައްޔިތުން ކުރާ އިތުބާރު ހީނަރުވެދާނެތީ ކަމަށް ފުލުހުންގެ ބޯޑަށް ގަބޫލުކުރެވޭތީކަން އެނގޭކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ވެއެވެ.

ތަހުގީގަށް އަލީ ނަޝީދާ ސުވާލު ކުރުމުން އޭނާ ބުނެފައި ވަނީ އޭނާ އުޅުނީ ހާދިސާ ހިނގި ރޭ 2:45 ވަންދެން ހޭލައި ކަމަށެވެ. އެފަހުން ނިދުމަށް ފަހު ހޭލީ އަނެއް ދުވަހު މެންދުރު 11:00 އެހާއިރު ކަމަށް އޭނާ ބުނެފައިވެެއެވެ.

އެެހެންނަމަވެސް، އޭނާ ނިދާފައި އޮތް ކަމަށް ބުނާ ގަޑީގައި އޭނާގެ ފޯނުން 10 ކޯލެއް ލޮގްކޮށްފައިވާކަން ފުލުހުންނަށް ވަނީ އެނގިފައެވެ. އަދި އޭނާގެ ކޯލުތަކުގެ ސިގްނަލް ލިބިފައި ހުރީ އޭނާ ދިރިއުޅޭ ގެއާ ދުރު ސަރަހައްދުތަކުންނެވެ. އަލީ ނަޝީދު ބުނި ގޮތުގައި އޭނާ ނިދުމަށް ފަހު އޭނާގެ ފޯނު ގެންގުޅުނީ އޭނާގެ އަންހެނުންގެ ކޮއްކޮއެވެ. އެ މީހާ ވަނީ އެކަމަށް ބާރުދީ ދަށު ކޯޓުގައި ހެކިބަސްވެސް ދީފައެވެ. އެކަމަކު، އެ މީހާ ދައްކާފައިވާ ވާހަކަތަކާއި ފުލުހުންގެ ފޮރެންސިކުން ހޯދާފައިވާ ކޯލު ލޮގުތަކާއި ފޯނުގެ ސިގްނަލް ނަގާފައި ހުރި ސައިޓުތަކާ ދިމާނުވާތީ އޭނާގެ ހެކިބަހަށް ބުރަ ނުވެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެއެވެ.

އެހެންކަމުން، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދު، އާއިޝާ ޝުޖޫން އަދި ޑރ. އަޒްމިރަލްދާ ޒާހިރުގެ އިއްތިފާގުން ހުކުމް ކުރީ ސިވިލް ކޯޓާއި ހައިކޯޓުން ހުކުމްކޮށްފައި ވަނީ ގާނޫނާ އެއްގޮތަށް ނޫން ކަމަށާއި، ފުލުހުންގެ ވަޒީފާއިން އަލީ ނަޝީދު ވަކި ކުރީ ގަވައިދާ އެއްގޮތަށް ކަމަށެވެ.

އަލީ ނަޝީދުގެ އިތުރުން އަންހެން މީހާ ރޭޕް ކުރި މައްސަލައިގައި ތުހުމަތު ކުރެވުނު މީހުންނަކީ ކުރީގެ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ހުސެއިން ރިޝީފް ތޯހާ، އާއި ކުރީގެ ފުލުހުންތަކެއް ކަމަށްވާ ހުޝާމް ހަމީދު އަދި މުހައްމަދު ފަޔާޒެވެ.

އެ މައްސަލައިގައި ރޭޕް ކުރި އަންހެން މީހާ އާއި އިތުރު ހެކިވެރިންގެ ބަޔާނުން އެނގެނީ އެ އަންހެން މީހާ އަރުވައިގެން ގެންދިޔައީ ފުލުހުންގެ ކަޅު ކުލައިގެ ކާރެއްގައި ކަމެވެ. އެ އަންހެން މީހާ ފުލުހުންނަށް ދީފައިވާ ބަޔާނުގައި ބުނެފައި ވަނީ އޭނާ އަރުވައިގެން ދަނިކޮށް، ދަކަނދާމަގުން ކާރު ސައިކަލެއްގައި ޖެހި އެކްސިޑެންޓުވި ކަމަށެވެ. ފުލުހުން ބެލި ބެލުމުން އޭނާ އަރުވައިގެން ގެންދިޔަ ކާރުގެ މަގަތު ފަރާތުގެ ފަހަތު ފުރޮޅުގެ ތަށިފަޅި ވަނީ އެކްސިޑެންޓުވި ކަމަށް ބުނާ ސަރަހައްދުން ފެނިފައެވެ. އަދި އެކްސިޑެންޓުވެފައިވާ ޕަލްސާ ސައިކަލުގެ ދަވާދާއި ކާރުގައި ހޭކިފައި ހުރި ދަވާދާ ދިމާވެސްވިއެވެ.

އޭގެ އިތުރުން ކާރުގެ ތެރޭގައި ތިބި މީހުން އެހެން މީހަކަށް ގުޅައިގެން ވާހަކަދައްކަމުން ދިޔަކަމަށް އަންހެން މީހާ ބަޔާން ދީފައިވެއެވެ. ސުޕްރީމްކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ކާރު ދުއްވި ކަމަށް އަންހެން މީހާ ބުނާ މަގުތަކާއި، ހާދިސާ ހިނގި ވަގުތު އެ މައްސަލައިގައި ތުހުމަތުވާ ފަޔާޒްްއާއި ހުޝާމްއަށް ފޯނު ކޯލުތައް ލިބިފައިވާކަމަށް ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގެ ކޯލް ލޮކޭޝަންތަކުން ދައްކާ ކަމަށެވެ.

comment ކޮމެންޓް