އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލް މަރާލި މައްސަލައިގައި، ދައުލަތުން ދައުވާ އުފުލާފައިވާ އެ ކުއްޖާގެ މަންމަ ވ. ރަކީދޫ އާފިޔާ މުހައްމަދު މަނިކު ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހެޅި، އޭނާގެ ފިރިމީހާ ވެސް އޭނާއާ ދެކޮޅަށް ހެކިބަސް ދީފިއެވެ.
އިބްތިހާލް މަރާލި މައްސަލައިގައި އާފިޔާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ގަސްތުގައި ކުއްޖަކު މަރާލުމާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއެވެ.
އެ މައްސަލައިގައި މިއަދު އޮތީ އާފިޔާގެ ފިރިމީހާ، އަދި އިބްތިހާލްގެ ދޮން ބައްޕަ، އިބްރާހިމް ޝަފީގްގެ ހެކިބަސް ނެގުމެވެ. ޝަފީގް އަކީ ދައުލަތުގެ ފަރާތުން ވެސް އަދި އާފިޔާގެ ފަރާތުން ވެސް ހުށަހަޅާފައިވާ ހެއްކެކެވެ.
އާފިޔާގެ ފަރާތުން ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ ވެސް ޝަފީގު އެކަންޏެވެ. މިއަދު ކްރިމިނަލް ކޯޓުގައި ޝަފީގް ހެކިބަސް ދީފައި ވަނީ ށ. ފުނަދޫ ކޯޓުގައި ހުރެގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.
ޝަފީގަކީ ފެރީއެއްގައި ވަޒީފާ އަދާކުރާ މީހެކެވެ. ޝަފީގް މިއަދު ބުނީ ފެރީގައި މަސައްކަތް ކުރުމަށްފަހު ގެއަށް ދަނީ ހަވީރު ކަމަށާއި، ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ވެސް އޭނާ ގެއަށްދާއިރު އިބްތިހާލް އިންނާނީ ބަނޑުހައިވެފަ ކަމަށެވެ.
ޝަފީގް ބުނީ ގިނަ ދުވަސް ދުވަހު އިބްތިހާލް ހުންނާނީ ވެސް ފެން ނުވަރުވާ ހަމައެކަނި ނެޕީއެއް ޖައްސުވާފައި ކަމަށެވެ. އަދި އިބްތިހާލް ބަނޑުހައިވެފައި ހުންނަ ވަރުން ޝަފީގް ގެންނަ ކާ އެއްޗެހި ވެސް ކޮތަޅުން ނުނެގެނީސް އިބްތިހާލް އަތުލާ ކަމަށެވެ.
އިބްތިހާލް ކިތަންމެ ބަނޑުހައިވެފައި ހުރި ނަމަވެސް އެކުއްޖާ ދުވަހަކު ވެސް ޝަކުވާ ނުކުރާ ކަމަށް ޝަފީގް ބުންޏެވެ.
ޝަފީގް ކޯޓުގައި ބުނީ އާފިޔާ އާއި އޭނާގެ ދެ ދަރިންނަށް އާފިޔާ ވަރަށް ރަނގަޅު ކަމަށެވެ. އެ ދެ ކުދިންނަށް ވަރަށް ރަނގަޅަށް އާފިޔާ ކަންތައް ކޮށްދިން ނަމަވެސް، އެ ދެ ކުދިންނާ އިބްތިހާލް އާ ތަފާތު ކުރާ ކަމަށެވެ.
އިބްތިހާލް އަކީ ގެންގުޅެން އުނދަގޫ ކުއްޖެއް ނޫން ނަމަވެސް، އިބްތިހާލްގެ ހުރިހާ ކަމެއްގައި ވެސް އާފިޔާ އިހުމާލުވި ކަމަށް ޝަފީގް ބުންޏެވެ.
ޝަފީގް ބުނީ އާފިޔާ އިބްތިހާލަށް އަނިޔާ ކުރާތަން ފެނިފައި ނުވާކަމަށެވެ. އެހެން ނަމަވެސް އިބްތިހާލްގެ ހަށިގަނޑުގައި ނޫފައިގެންފައި ހުންނަ ތަންތަން ފެނުމުން އެކަމާ ސުވާލު ކުރުމުން، ބައެއް ފަހަރު މަންމަ ޖެހީ ކަމަށް އިބްތިހާލް ބުނެފައިވާ ކަމަށެވެ.
އިބްތިހާލް އާމެދު އާފިޔާ އަމަލު ކުރަމުންދިޔަ ހަރުކަށި ގޮތުގެ ސަބަބުން ބައެއް ދުވަސް ދުވަހު މަސައްކަތަށް ދާއިރު ޝަފީގް ދަނީ އިބްތިހާލް ގޮވައިގެންނެވެ. އެފަދަ ދުވަސް ދުވަހު އަނބުރާ ގެއަށް ނުދާން އިބްތިހާލް އުޅޭކަމަށް ޝަފީގް މިއަދު ކޯޓުގައި ބުންޏެވެ. ނަމަވެސް ސަބަބެއް އިބްތިހާލް ނުބުނެއެވެ.
ޝަފީގަކީ އާފިޔާގެ ފަރާތުން ވެސް ހުށަހަޅާފައިވާ ހެއްކަކަށް ވާތީ ޝަރީއަތުން ވަނީ ޝަފީގް އާ ސުވާލު ކުރުމުގެ ފުރުސަތު އާފިޔާއަށް ވެސް ދީފައެވެ. ނަމަވެސް އާފިޔާ ބުނީ ޝަފީގް އާ ކުރާނެ ސުވާލެއް ނެތް ކަމަށެވެ.
އަދި ޝަފީގް ކޯޓުގައި ހެދީ ހުސް ދޮގު ކަމަށް ވެސް އާފިޔާ ވަނީ ބުނެފައެވެ.
ޝަފީގްގެ ހެކިބަހާ އެކު، އެ މައްސަލައިގައި ހެކިބަސް ނެގުން މިހާރު ވަނީ ނިމިފައެވެ. ދެން އޮންނާނީ ހުލާސާ ބަޔާން އިއްވުމެވެ. ހުލާސާ ބަޔާން ހުށަހެޅުމުގެ އަޑުއެހުން އަންނަ ހަފްތާގައި ބާއްވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ މުހައްމަދު ސަމީރު ވިދާޅުވި އިރު، މައްސަލައިގެ ހުކުމް އިއްވުން އޮންނާނީ މާޗު މަހުގެ އަށް ވަނަ ދުވަހުއެވެ.
މީގެކުރިން މި މައްސަލައިގައި ވ. ރަކީދޫގައި ތިބި ދައުލަތުގެ ފަސް ހެކިވެރިއެއްގެ ހެކިބަސް ވަނީ ނަގައިފައެވެ. އެ މީހުންގެ ހެކިބަސް ވެސް ނަގާފައި ވަނީ ރަކީދޫ ކޯޓުގައި ވީޑިއޯ ކޮންފަރެންސް ކޯލް މެދުވެރިކޮށެވެ.
އެދުވަހު ކެހިބަސް ދިން އެކަކު ބުނީ އިބްތިހާލްގެ ގައިން އަނިޔާގެ ނިޝާންތައް ފެނުނު ނަމަވެސް، ދުވަހަކުވެސް އިބްތިހާލްގެ ގައިގައި އާފިޔާ ޖެހި ތަން ނުފެންނަ ކަމަށެވެ. އަދި އިބްތިހާލަށް އަނިޔާ ނުކުރާ ކަމަށް އާފިޔާ އޭނާ ގާތުގައި ބުނި ކަމަށްވެސް ބުންޏެވެ.
ނަމަވެސް އިބްތިހާލަށް "އައްދޮ ކުރީ ކާކުހޭ، މަންމަ ހެއްޔޭ" އެހުމުން ޖަވާބުގައި އިބްތިހާލް ބޯޖަހާލިކަމަށް ވެސް ހެކެރިޔާ ބުނެފައިވެއެވެ.
ކޯޓުގައި ހެކިބަސް ދިން އާފިޔާގެ އަވަށްޓެރިޔަކު ބުނެފައި ވަނީ އެއް ދުވަހަކު، އާފިޔާ އިބްތިހާލްގެ ގައިގައި ޖެހިތަން ފެނުނު ކަމަށެވެ. އަދި އިބްތިހާލްއާ އެހެން ދަރިންނާ އާފިޔާ ތަފާތު ކުރާ ކަމަށާއި، ކާގޭގައިވެސް އިބްތިހާލް ބަހައްޓާފައި ހުންނާނީ ވަކި ގޮނޑިއެއްގައި ކަމަށް ބުންޏެވެ.
ކޯޓުގައި ހެކިބަސް ދިން އެންމެން ވެސް ވަނީ އިބްތިހާލްގެ ހަށިގަނޑުން އަނިޔާގެ ނިޝާންތައް ފެނިފައިވާކަމަށް ބުނެފައެވެ.
މީގެ ކުރިން އާފިޔާ ވަނީ އިބްތިހާލް މަރާލި ކަމަށް އިއުތިރާފުވެފަ އެވެ. އެގޮތުން އިބްތިހާލްއަށް އަނިޔާ ކުރި ގޮތް އޭނާ ވަނީ ބުދެއް ބޭނުންކޮށްގެން ފުލުހުންގެ ތަހުގީގަށްވެސް ކިޔައިދީފަ އެވެ. އަދި ޝަރީއަތުގެ މަޖިލީހުގައިވެސް އޭނާ ވަނީ އިބްތިހާލް މަރާލި ކަމަށް އިއުތިރާފުވެފަ އެވެ.
އެކަމަކު އެފަހުން މިދިޔަ އަހަރުގެ އޮކްޓޯބަރު އަށް ވަނަ ދުވަހު މަރުގެ މައްސަލައިގައި ބޭއްވި ހެކިބަސް ނެގުމުގެ އަޑުއެހުމުގައި އާފިޔާ ވަނީ އިބްތިހާލަށް އަނިޔާ ނުކުރާ ކަމަށް ބުނެ އެކަމަށް ދެކޮޅު ހަދާފަ އެވެ. އޭނާ ބުނީ ކުރިން އިއުތިރާފުވީ ޖަލު އޮފިސަރުން އޭނާއަށް ވަޅިން ބިރު ދެއްކުމުން ކަމަށެވެ.