ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް ދީނީ ދަރުސް ދިނުމަށް ރާއްޖެ ގެންނަން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، ޑރ. ޕިލިޕްސް ރާއްޖެ ގެންނަން ނިންމާފައިވާކަން އިއުލާނު ކުރައްވައިފަ އެވެ. ޑރ. ބިލާލް ފިލިޕްސްއަށް ދައުވަތު ދިނީ، ޒުވާނުނަށް ޓޮލެރެންސްގެ އިތުރުން ސުލްހަ މަސަލަސްކަމާ ބެހޭ ގޮތުން ދަރުސް ދިނުމަށް ކަމަށް މަހުލޫފު ވިދާޅުވި އެވެ.
މަހުލޫފު އެކަން އިއުލާނުކުރެއްވުމާ އެކު، ޑރ. ފިލިޕްސް އަކީ ދީނީ ހައްދުފަހަނަ އަޅާފައިވާ ފިކުރު ފަތުރާ ކަމަށް ގިނަ ގައުމުތަކުން ދެކޭ މީހެއްކަން ފާހަގަކޮށް އޭނާ ގެންނަން ނުފެންނަ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވަނީ މިއަދު ޓްވިޓާގައި ވިދާޅުވެފަ އެވެ. އަދި މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲވެސް ވަނީ އެކަމާ ދެކޮޅަށް އަޑުއުފުލައިފައެވެ. އެއާއެކު ޑރ. ފިލިޕްސް ގެނައުމާ ބެހޭގޮތުން ހޫނު ބަހުސެއް ކުރެވެން ވަނީ ފަށައިފަ އެވެ.
އެ ބަހުސްގެ ތެރެއަށް މަޖިލީހުގެ ރައީސް، ރައީސް ނަޝީދުވެސް ވަނީ ވަދެވަޑައިގެންފައެވެ. މިރޭ ކުރެއްވި ޓްވީޓެއްގައި ނަޝީދު ވިދާޅުވީ، ޑރ. ފިލިޕްސް އަކީ ދީނީ ހެޔޮލަފާ ނަސޭހަތް ދެއްވާ ބޭފުޅެއްގެ ގޮތުގައި ގިނަ އިސްލާމީ މުޖުތަމައުތަކުން ބަލައިނުގަންނަ ބޭފުޅެއް ކަމަށެވެ. އެހެންކަމުން އޭނާ ރާއްޖެ ގެންނަން ނުފެންނަ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ޖެމެއިކާއަށް އުފަން ކެނެޑާގެ ރައްޔިތެއް ކަމަށްވާ ޑރ. ބިލާލް ފިލިޕްސް، 74، އަކީ މީގެ ކުރިންވެސް ރާއްޖޭގައި ދީނީ ދަރުސްދެއްވާފައިވާ ބޭފުޅެކެވެ.
ނަޝީދު އެހެން ވިދާޅުވި އިރު ޑރ. ބިލާލް ފިލިޕަކީ މީގެ ކުރިން ވެސް ރާއްޖޭގައި ދީނީ ދަރުސު ދެއްވާފައިވާ ބޭފުޅެކެވެ. އެ ގޮތުން ރައީސް ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ވެސް އޭނާ ވަނީ ރާއްޖޭގައި ދީނީ ދަރުސު ދެއްވައިފަ އެވެ.
ދީނީ ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތުގައި އިނގިރޭސިވިލާތް އޮސްޓްރޭލިއާ އަދި ޑެންމާކު ފަދަ ގައުމުތަކުން ވަނީ އޭނާއަށް އެގައުމުތަކަށް އެތެރެ ނުވެވޭނެ ގޮތް ހަދައިފައެވެ. އަދި އެފަދަ ތުހުމަތުތަކެއްގައި ބަންގަލަދޭޝްއިންވެސް އޭނާ ޑީޕޯޓުކޮށްފައިވެއެވެ.