ކަރަންޓީނު ފުރިހަމަކުރި 7 ދިވެހީން ރާއްޖެ އައުމަށް ދަތުރު ފަށައިފި

ދިއްލީގައި ކަރަންޓީނު ފުރިހަމަކުރި ހަތް ދިވެހީން ރާއްޖެ އައުމަށްޓަކައި އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ހެނދުނު --- ފޮޓޯ/ ސިދްހަންތު ސިބާލް-ވިއޯން ނިއުސް

ކޮވިޑް-19 ފެތުރެން ފެށި ޗައިނާގެ ވޫހާން ސިޓީން ނެރެގެން އިންޑިއާގައި ކަރަންޓީނު ކުރި ހަތް ދިވެހިންގެ ކަރަންޓީނު މުއްދަތު ހަމަވެ، އެމީހުން އެނބުރި ރާއްޖެ އައުމުގެ ދަތުރު ފަށައިފި އެވެ.

އިންޑިއާގެ ދިއްލީ ބޭރުގައި ހުންނަ އިންޑޯ-ޓިބެޓަން ބޯޑާ ޕޮލިސްގެ ޗައުޅާ ކޭމްޕުގައި ކަރަންޓީނުކުރި ދިވެހިންގެ ތެރޭގައި ހިމެނެނީ ފަސް އަންހެނުންނާއި ފިރިހެނެއްގެ އިތުރުން ކުޑަކުއްޖެކެވެ.

އެއާ އިންޑިއާގެ ފްލައިޓެއްގައި އެ ހަތް މީހުން ރާއްޖެ އައުމަށް ދަތުރު ފެށީ މިއަދު ރާއްޖެ ގަޑިން ފަތިހު 5:30 ހާއިރު އެވެ. އެ ފްލައިޓު ރާއްޖެ އަންނާނެކަމަށް ބެލެވެނީ މިއަދު ހެނދުނު ރާއްޖެ ގަޑިން 10:05 ހާއިރު އެވެ.

އެ ހަތް ދިވެހީން ފުރަން ތައްޔާރުވެގެން ދިއްލީގެ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓުގައި ތިބި ވީޑިއޯއެއް އިންޑިއާގެ ނޫސްވެރިއަކު ޓްވިޓާގައި އާންމުކުރި އިރު، އެ ވީޑިއޯގައި އެމީހުން ބުނަނީ ކަރަންޓީން ކޭމްޕުގައި ކުރެވުނީ ވަރަށް އުފާވެރި، ރަނގަޅު ތަޖުރިބާއެއް ކަމަށެވެ.

"[ކޭމްޕު ބެލެހެއްޓި މީހުން] އަހަރެމެންގެ ކަންކަން ވަރަށް ގާތުން ބަލަހައްޓަމުން ދިޔަ. އަހަރެމެން އެދުނު ކޮންމެ ކަމެއްވެސް ވީހާވެސް އަވަހަކަށް ފުއްދައިދޭން އެމީހުން މަސައްކަތްކުރި. އިންޑިއާގެ ސަރުކާރަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" އޭގެ ތެރެއިން އެއް ދިވެއްސަކު ބުންޏެވެ.

ކޮވިޑް 19 ބަލި ފެތުރެން ފެށި ޗައިނާގެ ވޫހާންއިން ނެރެގެން ދިއްލީގައި ކަރަންޓީނުކުރި ހަތް ދިވެހީންވެސް އެ ބައްޔަށް ނެގަޓިވްކަން ހާމަކުރެއްވީ އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.

https://sun.mv/131194

comment ކޮމެންޓް