ވޫހާންއިން ނެރުނު ހަތް ދިވެހިން ވެސް ކޮރޯނާއަށް ނެގެޓިވް

ވޫހާންގައި ތިބި ހަތް ދިވެހީން މިއަދު ދިއްލީގެ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓުގައި --- ފޮޓޯ/ ސިދްހާންތް ސިބާލް (ޓްވިޓާ)

ނޮވެލް ކޮރޯނާވައިރަސް ފެތުރެންފެށި ޗައިނާގެ ވޫހާން ސިޓީއިން ނެރެ، އިންޑިއާގެ ދިއްލީ ކައިރީގައި ހުންނަ މަރުކަޒެއްގައި ކަރަންޓީނު ކުރި ހަތް ދިވެހީން ވެސް ބައްޔަށް ނެގެޓިވް ވެފައިވާކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިހާރު އިންޑިއާއަށް ވަޑައިގެން އުޅުއްވާ ޑިފެންސް މިނިސްޓަރު މާރިޔާ އެގައުމުގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ދިވެހިން އެ ސިޓީން ނެރުމަށް އިންޑިއާ ސަރުކާރުގެ ފަރާތުން ވެދިން އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ވޫހާންގައި ތިބި ހަތް ދިވެހީން އިންޑިއާއަށް ގެންގޮސްފައި ވަނީ ވޫހާންގައި ތިބި އިންޑިއާގެ 323 ރައްޔިތުން އަނބުރާ ގައުމަށް ގެންދަން ހަމަޖެއްސި އެއާ އިންޑިއާ ފްލައިޓުގައެވެ.

ވޫހާންއިން އިންޑިއާއަށް ގެންދިޔައީ ދިވެހި ފަސް އަންހެނަކާއި ފިރިހެނަކާއި ކުޑަކުއްޖެކެވެ. އެމީހުން މިހާރު ތިބީ ކަރަންޓީނު ކޮށްފައެވެ.

މާރިޔާ ވިދާޅުވީ އިންޑިއާއިން ހުރިހާ ދިވެހީންނާ މެދު ވެސް އަމަލުކޮށްފައި ވަނީ ވަރަށް ރަނގަޅަށް ކަމަށާއި، ހަތް ދިވެހީންގެ ޓެސްޓު ނަތީޖާ މިހާރު ލިބިފައިވާ ކަމަށެވެ.

https://sun.mv/130954

"އެންމެންވެސް ވަނީ ބައްޔަށް ނެގެޓިވްވެފައި،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކަރަންޓީން މުއްދަތު ހަމަވުމުން ވީހާވެސް އަވަހަކަށް އެމީހުން ރާއްޖެ އަންނާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އެ ހަތް ދިވެހީންވެސް ކަރަންޓީން ކޮށްފައި ތިބީ ދިއްލީ ބޭރުގައި ހުންނަ އިންޑޯ-ޓިބެޓަން ބޯޑާ ޕޮލިސްގެ ޗައުޅާ ކޭމްޕުގައއި ކަރަންޓީންކުރީ ފެބްރުއަރީ ދެވަނަ ދުވަހުއެވެ. އެތަނުގައި 14 ދުވަހުގެ މުއްދަތު އެމީހުން ހަމަކުރާނެއެވެ.

comment ކޮމެންޓް