އެމެރިކާ ރަޝިއާ އަދި ޗައިނާއަށް ޖަރުމަނުގެ ރައީސް ފާޑުވިދާޅުވެއްޖެ

ޖަރުމަނުގެ ރައީސް މިޔުނިކް ފޯރަމްގައި ތަގްރީރު ކުރައްވަނީ

މިޔުނިކް (16 ފެބްރުއަރީ 2020) : ދުނިޔޭގެ ބޮޑު ތިންބާރު ކަމަށްވާ އެމެރިކާ ރަޝިއާ އަދި ޗައިނާއަށް ޖަރުމަނުގެ ރައީސް ފްރެންކް ވޯލްޓާ ސްޓެއިންމިއާ ފާޑުވިދާޅުވެއްޖެ އެވެ.

ޖަރުމަނުގެ މިޔުނިކްގައި ކުރިޔަށްދާ ބައިނަލްއަގްވާމީ އަމަނާ ބެހޭ ފޯރަމްގައި ތަގްރީރު ކުރައްވަމުން ސްޓެއިންމިއާ ވިދާޅުވީ މި ތިންބާރުގެ މެދުގައިވާ އަރާރުންތަކުގެ ސަބަބުން ހަތިޔާރުގެ އައު ވާދަވެރިކަމެއް ދުނިޔޭގައި އުފެދެމުންދާކަމަށާ އެއީ ބައިނަލްއަގްވާމީ އަމަނާއި ސުލްހައަށް އޮތް ބިރެއްކަމުގަ އެވެ. ފިނި ހަނގުރާމައިގެ ދުވަސްވަރު އެމެރިކާއާއި ކުރީގެ ސޮވިއެޓް ޔުނިޔަން އާ ދެމެދު ސޮއިކޮށްފައިވާ ހަތިޔާރު ކޮންޓްރޯލް ކުރުމުގެ މުއާހަދާތައް ބަލިކަށިވެ އޭގެތެރެއިން ބައެއް މުއާހަދާތަކަށް އެމެރިކާއާއި ރަޝިއާ އަމަލު ކުރަމުންނުދާއިރު ހަތިޔާރު ކޮންޓްރޯލް ކުރުމުގެ އައު ނިޒާމެއް ވުޖޫދަށް ނައުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ވެސް ސްޓެއިންމިއާ ވިދާޅުވި އެވެ.

ނަވާރަސަތޭކަ އަށްޑިހައިގެ އަހަރުތަކުގައި ނިއުކްލިޔާ ހަތިޔާރު ކޮންޓްރޯލް ކުރުމަށް ޓަކައި ކުރީގެ ސޮވިއެޓް ޔުނިޔަންއާއި އެމެރިކާއިން ސޮއިކުރި އިންޓާމިޑިއަމް ރޭންޖް ނިއުކްލިޔާ މިސައިލް ޓްރިޓީ (އައިއެންއެފް) މުއާހަދާއަށް ރަޝިއާ އަމަލުކުރަމުން ނުދާކަމަށްބުނެ މިދިޔަ އަހަރު އެމެރިކާ ވަނީ އެމުއާހަދާއިން ވަކިވެފަ އެވެ. އެމެރިކާ ރަޝިއާ އަދި ޗައިނާއަށް ފާޑުވިދާޅުވަމުން ޖަރުމަނުގެ ރައީސް ވިދާޅުވީ ބައިނަލްއަގްވާމީ މުޖްތަމައުގެ މަފްހޫމު ވެސް ގަބޫލުނުކުރާނެކަން ދައްކައި އެމެރިކާއިން އަމިއްލަ އެދުން އިސްކުރާއިރު ޔޫރަޕާއި މެދުއިރުމަތީގައި ރަޝިއާއިން އަސްކަރީ ބާރުކުރިޔަށް ނެރެމުންދާ ކަމުގަ އެވެ. އަދި ޗައިނާއިން ވެސް ބައިނަލްއަގްވާމީ ގާނޫނު ބަލައިގަންނަނީ އެގައުމުގެ މަސްލަހަތަށް ފައިދާވާ ގޮތަށް އެކަނިކަމަށް އޭނާ ވިދާޅުވި އެވެ.

މިޔުނިކްގައި ކުރިޔަށްދާ ބައިނަލްއަގްވާމީ އަމަނާބެހޭ ފޯރަމަކީ ދުނިޔޭގެ ގައުމުތަކުގެ އިސްވެރިންނާއި އަމަނާބެހޭ ދިރާސާ މަރުކަޒުތަކުގެ ރިސާޗަރުންގެ އިތުރުން އަމަނާ ބެހޭ މުފައްކިރުންނާއި ތަޖްރިބާކާރުން ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ގޮތުން އެބޭފުޅުންގެ ފިކުރާއި ޚިޔާލުތަކާއި ބަހުޘްތައް ހުށަހަޅާ ފޯރަމެކެވެ. މި އަހަރުގެ ފޯރަމްގައި 350 އަށް ވުރެ ގިނަ މަސްއޫލުވެރިންނާއި ރިސާޗަރުންނާއި މުފައްކިރުންނާއި ތަޖްރިބާކާރުން ބައިވެރިވެ ވަޑައިގެންފައިވެ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް