ސައިކޮލޮޖިކަލް ތްރިލާ "ބަވަތި" ފިލްމުން ދިވެހި ސިނަމާ ސިއްސުވާލި، ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ)ގެ ދެވަނަ ފިލްމު "ނީނާ"ގެ ޝޫޓިންތައް ލ. ގައި ފަށައިގެން ބާރަށް ކުރިއަށް ދަނީ އެވެ. މިހާރުވެސް ޔަގީންވާ ކަމަކީ، އިއްލެއްގެ "ނީނާ" ޔަގީނުންވެސް ތަފާތުވާނެ ކަމެވެ.
"ނީނާ"ގެ ފަސްޓްލުކް މިހާރުވެސް ދައްކާލާފައިވާ އިރު، ޑައިރެކްޓަރު އިއްލެ މި ވަނީ، ކުރީގެ ފިލްމީ ތަރި ވެޓަރަންސް އެކްޓާ، މަރިޔަމް ރަޝީދާ ފިލްމުގެ ކާސްޓުންގެ ލިސްޓަށް އިތުރުކޮށްފަ އެވެ. އައްޑޫގައި ދިރިއުޅެމުން އަންނަ މަރިޔަމް ރަޝީދާއަށް އިއްލެ ޓިކެޓް ދީގެން ވަނީ ލ. އަށް ގެންގޮސް ޝޫޓިންތަކުގައި ބައިވެރިކޮށްފަ އެވެ.
އިއްލެ މިއަދު "ސަން"އަށް ބުނީ، މަރިޔަމް ރަޝީދާ ފެނިގެން ދާނީ، ފިލްމުގެ ލީޑް ބަތަލް، ޝަރަފް އަބްދުﷲގެ މަންމަގެ ގޮތުގައި ކަމަށެވެ. މަރިޔަމް ރަޝީދާއަކީ، ޝަރަފްގެ މަންމަ "ލަތީފާ" އެވެ.
"އަހަރުމެން ޓްރިބިއުޓް އަކަށް ޝަރަފްގެ މަންމަ 'ލަތީފާ'ގެ ރޯލް މަރިޔަމް ރަޝީދާއަށް ފިލްމުގައި މިދިނީ ވެސް. އެއީ އޭނާ ފިލްމީ ދާއިރާއަށް ވަރަށް މަޝްހޫރުވި ޑައިލޮގެއް،" އިއްލެ ބުންޏެވެ.
އައްޑޫ މަރަދޫއަށް ނިސްބަތްވާ މަރިޔަމް ރަޝީދާއަކީ، 1990 އާއި 1980 ގައި މަޝްހޫރުވި ޑްރާމާތަކާއި ފިލްމުތަކުގައި މުހިންމު ރޯލްތަކުން ފެނިފައިވާ ތަރިއެކެވެ. ދިވެހި ފިލްމު އިތުބާރުގައި ބަތަލާ ހާޖަރާ، "އޭބަލަ ލަތީފާ" އޭ ބުނެ މުހާތަބު ކުރަނީ މަރިޔަމް ރަޝީދާއަށެވެ. އެ ހިސާބުން އޭނާ މަޝްހޫރުވީ ލަތީފާގެ ގޮތުގަ އެވެ. އެއަށް ފަހު، ފިލްމު ލޭކަރުނައިން "ޒައިނާ"ގެ ގޮތުގައި އޭނާ މަޝްހޫރުކަން ހޯދި އެވެ.
އިއްލެ ބުނީ، މަރިޔަމް ރަޝީދާ އަލުން އެކްޓް ކުރަން ބޭނުންވާކަން އެނގުމުން އެ ފުރުސަތު ފަހިކޮށްދޭން އޭނާ ބޭނުންވީ ކަމަށެވެ. ސަބަބަކަށް ވަނީ މަރިޔަމް ރަޝީދާ އަކީ، ދިވެހި ފިލްމީ ދާއިރާގައި އަންހެނުން މަދު ދުވަސްވަރެއްގައި ކެރިގެން ނުކުމެ އެކްޓްކުރި ފަންނާނެއް ކަމަށް ވާތީ ކަމަށްވެސް އިއްލެ ބުންޏެވެ.
"ފިލްމީ އުދަރެސް ޕްރޮގްރާމެއްގައި އޭނަ [މަރިޔަމް ރަޝީދާ]ބުނީ އެކްޓްކުރަން ފުރުސަތު ލިބިއްޖެ ނަމަ ކުރާނަމޭ. އެ ހިސާބުން ދެން އަޅުގަނޑު ހިތަށް އެރީ މާލެއިން ކާސްޓުން ގެންނަނިއްޔޭ ހަރަދުކޮށްފައި އެހެން ވީމާ އައްޑޫއިން ގެނެސްގެން އެ ފުރުސަތު ނުދޭންވީ ސަބަބެއް ނެތޭ،" އިއްލެ ބުންޏެވެ.
މިސްރުގެ މަޝްހޫރު ޑައިރެކްޓަރަކު ހެދި ”ޔޫސުފް އެންޑް ޒައިނަބް“ އިން ދިވެހި ސިނަމާއަށް ތައާރަފްވި މަރިޔަމް ރަޝީދާ އަލުން ފިލްމަކުން މި ފެންނަނީ، 30 ހަކަށް އަހަރު ފަހުންނެވެ.
މަރިޔަމް ރަޝީދާ މަަޝްހޫރުވި ދުވަސްވަރު އޭނާ އާއި މުހައްމަދު ރަޝީދު (ދަރާ ރަޝީދު) ގެ ޖޯޑަކީ ފިލްމީ ދާއިރާގެ އެންމެ ގުޅޭ ޖޯޑެވެ. މަޝްހޫރު ފިލްމުތައް ކަމަށްވާ، "އިތުބާރު"، "ހާލި" އަދި "ލޭކަރުނަ" ފަދަ ފިލްމުތަކުގެ ލީޑް ރޯލް ކުޅުނީ މި ޖޯޑެވެ.
"ނީނާ"ގެ ޝޫޓިންތައް ބަރާބަރަށް ހަމަ ޝެޑިއުލްއަށް ދެ އެވެ. އިއްލެ ބުނަނީ، ފިލްމުގެ ޝޫޓިން ވަރަށް ސަޅިކަމަށާއި ޝޫޓިންގައި ވަރަށް ބިޒީ ކަމަށެވެ. ފިލްމުގެ މަސައްކަތްތަކާ މެދު އޭނާ ހިތްހަމަ ޖެހިލައިގެން ހުރިއިރު، އިއްލެ ބޭނުން ވަނީ "ނީނާ"އާ އެކު އަނެއްކާ ވެސް އޮލިމްޕަހުގައި ރެކޯޑެއް ހަދާށެވެ.
މާލޭގެ ޝޫޓިންގްތައް ނިންމާލުމަށްފަހު ނީނާ ފިލްމުގެ ޓީމް ލ. އަށް މިސްރާބު ޖެހީ މި މަހުގެ ކުރީކޮޅު އެވެ. ފިލްމުގެ ބޮޑުބައި ނަގަނީ ލ. ގެ ފެހިކަން ގަދަ ހިތްގައިމު މާހައުލުގަ އެވެ.
ނީނާ ފިލްމުގެ ބޮޑު ކާސްޓެއް އޮތް އިރު، ފިލްމު އިންޑަސްޓްރީ އަށް އާ މޫނެއް ކަމަށްވާ ޝަރަފް އަބްދު الله އެ ފިމްލުން ތައާރާފް ކުރާނެ އެވެ. އެ ފިލްމުގެ އިތުރު ރޯލުތަކުން ފެންނާނެ ފަންނާނުންނަކީ؛
- ޖުމައްޔިލް ނިމާލް
- ހަމްދޫން ފާރޫގު
- އަލީ ޔޫޝައު
- އަލީ އިނާޒް
- ހަސަން ޝިނާން
- އިބްރާހީމް ޝާއިފް
- ހުސައިން ޝާމިހު މުހައްމަދު
- އައިޝާ އަލީ
- މަރިޔަމް ޝަކީލާ އާދަމް
ފިލްމުގެ ލީޑު ތަރިންނަކީ ޖުމައްޔިލް، ނުޒޫ އަދި ޝަރަފް އެވެ.
ނީނާއަކީ އޮލިމްޕަހަށް ނެރޭނެ ވަރުގަދަ ފިލްމަކަށް ހެދުމަށް ފިލްމުގެ މި ކާސްޓުންނާއި ކްރޫއިން ވަނީ ފޫގަޅާލައިފަ އެވެ.
ފިލްމުގެ ކެމެރާމަން އަކީ ކަނޑިއެވެ. އެޑިޓިން އެންޑް ޕޯސްޓްޕްރޮޑަކްޝަންގެ މަސައްކަތްކުރަނީ އޯކޭޒްއިންކް އިންނެވެ. މި ފިލްމުގެ ސްކްރިޕްޓް އަލީ އިއްލެގެ ސްކްރިޕްޓެވެ. އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވަނީ "ބަވަތި" ގެ ލީޑުން ފެނިގެންދިޔަ އަހްމަދު އިފްނާޒް ފިރާގް އެވެ.