ފަސް ގައުމަކުން ބަނދަރު ކުރުން ހުއްޓުވި ކުރޫޒް ލައިނާ ކެމްބޯޑިއާއަށް

ކެމްބޯޑިއާގައި ބަނދަރު ކުރުމަށް ވެސްޓާޑަމްއަށް ވަނީ ހުއްދަ ދީފަ -- ފޮޓޯ: އީޕީއޭ

ޕެނޮމް ޕެން (ފެބްރުއަރީ 13): ކޮރޯނާވައިރަސް ޑިޒީސް،2019 (ކޯވިޑް-19) ފެތުރުމުގެ ބިރު އޮތުމުން ފަސް ގައުމަކުން ބަނދަރު ކުރުން ހުއްޓުވި ކްރޫޒް ލައިނާ ކެމްބޯޑިއާގައި ބަނދަރު ކުރަން ހުއްދަ ދީފަ އެވެ.

އެމްއެސް ވެސްޓާޑަމް ކިޔާ އެ ބޯޓު ބަނދަރު ކުރުން ފުރަތަމަ ހުއްޓުވީ ފިލިޕީންސްއިންނެވެ. އެއީ އެބޯޓު މިމަހުގެ އެކެއްގައި ހޮންކޮންގައި ހުއްޓުމަށް ފަހު ދިޔުމުންނެވެ. އަދި އޭގެ ފަހުން ޖަޕާނާއި ޓައިވާނާއި ގުއާމާއި ތައިލޭންޑުން ވަނީ 2257 މީހުން ތިބި ވެސްޓާޑަމް ބަނދަރު ކުރުން ހުއްޓުވާފަ އެވެ.

އޭގެ ސަބަބުން އެ ކުރޫޒް ލައިނާގައި ތިބި ފަސިންޖަރުން ވަނީ ބޯޓުން ކާނާ އާއި ބޭހާއި ތެޔޮ ހުސްވެދާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެފަ އެވެ. ނަމަވެސް މިއަދު އެބޯޓަށް ވަނީ ކެމްބޯޑިއާގައި ބަނދަރު ކުރުމަށް ހުއްދަ ދީފަ އެވެ.

ވެސްޓާޑަމްގެ ކެޕްޓަން ވިދާޅުވި ގޮތުގައި އެ ބޯޓުގައި ތިބި މީހުން ފޭބުމުގެ ކުރިން ހެލްތު އޮފިޝަލުން އެމީހުން ސްކްރީން ކުރާނެ އެވެ. އަދި އެއަށް ފަހު އެމީހުންނަށް އަމިއްލަ ގައުމަށް ފުރައިގެން ދެވޭނެ އެވެ.

މީގެ ކުރިންވެސް ވެސްޓާޑަމްގައި މީހުންގެ ސިއްހީ ހާލަތު ބަލަމުން ދިޔަ ކަމަށާއި، އެއްވެސް މީހަކަށް ވައިރަސް ޖެހިފައިވާ ކަން ފާހަގަ ކުރެވިފައި ނުވާ ކަމަށް ބޯޓުގެ ވެރިފަރާތުން ބުންޏެވެ.

ކެމްބޯޑިއާގައި ވެސްޓާޑަމް ބަނދަރުކޮށްފައިވާ އިރު، ޖަޕާނުގެ ޔޮކޮހާމާގައި ބަނދަރުކޮށްފައި އޮތް ކުރޫޒްލައިނާއެއްގައި ތިބި 281 މީހަކަށް ވަނީ ކޯވިޑް-19 ޖެހިފަ އެވެ. މިމަހުގެ ހަތަރެއްގައި ކަރަންޓީނު ކުރި އެބޯޓުގައި 3،770 މީހުން ތިބި އިރު، ޖަޕާނުގެ އޮފިޝަލުން ދަނީ ވައިރަސްއަށް ޕޮޒިޓިވްވާ މީހުން ހޮސްޕިޓަލަށް ގެންދަމުންނެވެ. އަދި ދެން ތިބި މީހުން ޓެސްޓު ކުރަމުންނެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ފެތުރެން ފެށި އާ ކޮރޯނާވައިރަހަށް މިހާތަނަށް ގާތްގަނޑަކަށް 60،000 މީހުން ޕޮޒިޓިވްވެ، އޭގެ ސަބަބުން 1،357 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް