ގދ. ގައްދޫ، އިބްރާހިމް މުހައްމަދަށް، ވައިފުޅި އަޅައިގެން ފީނުމަކީ އެއް އިރެއްގައި އެއްވެސް ކަމެއް ނޫނެވެ. އެން ހިފަން ޑައިވްކުރުމުގެ ތެރެއިން އޭނާ ހުރީ އެކަމަށް ނިކަން ރަނގަޅަށް ފަރިތަވެފަ އެވެ. އާދައިގެ މަތިން، ފެބްރުއަރީ 9، 2016 ވަނަ ދުވަހު ވެސް، އިބްރާހިމް މޫދަށް ފޭބީ ގައްދޫ ބޭރުގައި އޮތް ސަފާރީއެއްގެ ނަގިލި އަޑީގައި ތާށިވުމުން އެ ނަގައިދޭށެވެ. އުޖޫރައަށް ކުރި އެ މަސައްކަތުގައި 70 މީޓަރު ފުނަށް އޭނާ ފީނަން ޖެހުނެވެ. ސަފާރީގެ ފަޅުވެރިއަކާ އެކު، ކުރި ފުރަތަމަ ޑައިވުން ނަގިލި ނެގޭ ގޮތެއް ނުވުމުން، ދެ ގަޑިއިރާއި 40 ހަކަށް މިނެޓް ފަހުން އަނެއްކާވެސް ނަގިލި ނަގަން އޭނާ އިތުރު ޑައިވެއް ކުރި އެވެ. މިފަހަރު އެ ދެ މީހުންނާ އެކު، ގދ. ގައްދޫ އަހުމަދު ރަަޝީދު، 24، ވެސް ފީނި އެވެ. ނަގިލި ނަގަން އަޑީގައި ކުރި މަސައްކަތް ނާކާމިޔާބު ވުމުން އެ ތިން މީހުންވެސް ނިންމީ، ޑައިވް ކުރުން ހުއްޓާލާފައި ދެން މައްޗަށް އަރާށެވެ.
އަޑީގައި ހުރެފައި އިބްރާހިމް ބާރު ސްޕީޑުގައި މަޑު ނުޖެހި، 40 މީޓަރު މައްޗަށް އަރަމުން ދިޔައިރު، ސްޕީޑް ބާރުކަމުން އަތުގައި އޮތް ކޮމްޕިއުޓަރުން އެލާމް އަޅަމުން ދިޔަ އެވެ. އެކަމަކު އޭނާއަށް އެއްކޮށް މައްޗަށް ނޭރިގެން އުޅެނިކޮށް، މީހަކު ހަޅޭލަވައިގަތް އަޑަށް އޭނާ ފަހަތް ބަލައިލިއިރު، ސަފާރީގެ ފަޅުވެރިއާ ފަހަތުން އައިސް އަހުމަދުގެ ގައިގައި ހިފައިގަތެވެ. އެހިސާބުން ކަމެއް ގޯސްވިހެން ހީވެގެން، އެ ދެ މީހުން ތިބި ހިސާބަށް ފީނާފައި އެނބުރި ގޮސް ބެލި އިރު އަހުމަދުގެ އަނގައިންނާއި ނޭފަތުން ލޭ ބޭރުވަމުންދިޔަ އެވެ. އެ ލޭތަކުން ކަނޑު އަޑީގެ ކުލަ ފެއްސަށް ވަމުން ދިޔަ އެވެ. އެ މަންޒަރު ފެނިފައި އިބްރާހިމަށް ތެޅި ފޮޅިގަނެވުނެވެ. އިބްރާހިމްގެ އަނގަޔަށް ޖަހާފައި އޮތް ޑަބަލް މައުތު ނަގައި އަހުމަދަށް އެހީވާން އުޅުމުންވެސް އިތުރަށް ބޮކި ޖަހާފައި ލޭ އަންނަން ފެށީ އެވެ. ބިރުގަނެފައި ހުރި ވަރުން އިބްރާހިމް މަޑު ކުރަން ޖެހޭ ވަރަށް މަޑު ކުރުމަކާ ނުލައި، ބާރު ބާރަށް ރާސްލާފައި މައްޗަށް އެރީ އެވެ.
"އައި ގޮތަށް އައިސް [މައްޗަށް އެރިގޮތަށް] އަހަރެން އެއްކޮށް ދިޔައީ ފެނުން ކަޓައިގެން. ދެން އަހަންނަށް ބުނެވުނީ ސަކަރާތޭ. ދެން މޫނުމައްޗަށް އަނދިރިވީ. އެހިސާބުން ނޭނގެ، ކުދި ތަންތަންކޮޅު ހަނދާން ހުންނަނީ. ޗެމްބަރުގައި އޮއްވާ އަނެއްހެން ވާނުވާ އެނގެން ފެށީ،" އިބްރާހިމްގެ މުޅި ހަޔާތް އުމުރަށް ބަދަލުކޮށްލި، އެ ޑައިވްގެ ހިތި ތަޖުރިބާ އޭނާ "ސަން"އަށް ކިޔައިދިނެވެ.
އެހާ ބާރު ސްޕީޑުގައި މައްޗަށް އެރުމުގެ ސަބަބުން ލޭގައި ހުރި ނައިޓްރޮޖެން ބޮކި އަރައި، އިބްރާހިމް ވެފައި ވަނީ، ޑައިވިން ޑިކޮމްޕްރެޝަން ސިކްނެސް (ޑީކޯ)ގެ ޝިކާރައަކަށެވެ. ހޭވެރިކަން އައި އިރު އޭނާގެ ކަރުން ތިރި އޮތީ ވާގިނެތިފަ އެވެ. އަދި އެ ހާދިސާގައި އޭނާއާ އެކު ޑައިވަށް ފޭބި، އަހުމަދު މަރުވީ އެވެ.
އިބްރާހިމް ފަދައިން ފަރުވާ ކުޑަކޮށް ކުރެވުނު އެންމެ ޑައިވެއްގެ ސަބަބުން މުޅި ހަޔާތް ވޭނުގައި ތަހައްމަލް ކުރަން ޖެހިފައިވާ އެތައް ޒުވާނެއް ގދ. ގައްދޫގައި އެބަ ތިއްބެވެ.
މިވަނީ ކިހިނެއް؟
މިހާތަނަށް ޑީކޯވުމުގެ އެންމެ ބޮޑެތި ހާދިސާތައް ހިނގާފައި ވަނީ ހުވަދު އަތޮޅުގަ އެވެ. މިއީ އިއްތިފާގެއް ނޫނެވެ. ހުވަދު އަތޮޅަކީ މުޅި ރާއްޖެއިން ވެސް، އެމަށް އެންމެ ތިޔާގި އަތޮޅެވެ. އައްޑޫ ސިޓީގެ މަސްވެރިން ހިމެނޭހެން، އެން ހިފަން އެންމެ ގިނައިން މަސްވެރިން ޑައިވް ކުރަނީވެސް ހުވަދު އަތޮޅުގަ ގެވެ. ގިނަ ފަހަރަށް އެން ނަގަން ޑައިވް ކުރާ މަސްވެރިންނަކީ، އެކަން ނޭނގި ވަސީލަތްތައް ވެސް ނެތި އެކަން ކުރާ މީހުންނެވެ.
"އެކަން އެ ހިނގަނީ އެކަން ނޭނގި ޑައިވް ކުރީމަ. ފޮތް ނުކިޔާ ޑައިވް ކުރީމަ،" ޑައިވިން ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ހުސެއިން ދީދީ (ސެންޑީ) ވިދާޅުވި އެވެ.
ސެންޑީ ވިދާޅުވި ގޮތުގައި އިންސާނުން އާންމު ހާލަތުގައި ނޭވާލަނީ އެއް އެޓްމޮސްފެރިކް ޕްރެޝަރުގަ އެވެ. ފީނާ އިރު ކޮންމެ 10 މީޓަރަކުން އިންސާނާގެ ހަށިގަނޑަށް ކުރާ ޕްރެޝަރުގެ އަދަދު އެއް އެޓްމޮސްފިއާ އިތުރުވެ އެވެ. މާނައަކީ 40 މީޓަރު އަޑީގައިލާ ނޭވާ އަކީ އެއްގަމުގައި ލާ ފަސް ނޭވާއާ އެއް ވަރުގެ ނޭވާއެކެވެ. އިންސާނާ އާންމުކޮށް ނޭވާލާ ވައިގައި ހުންނަނީ 78 ޕަސެންޓު ނައިޓްރޮޖެން އާއި 21 ޕަސެންޓު އޮކްސިޖަނާއި އިތުރު ގޭސްތަކެކެވެ. އެއްގަމުގައި ނޭވާލާ އިރު އެތެރެވާ ބޭކާރު ނައިޓްރޮޖެން ބޭރަށްލާ ނޭވާއާއެކު ފުރޭނިގެން ދެއެވެ. އެކަމަކު، ކަނޑު އަޑީގައި އެހާ ބޮޑު ޕްރެޝަރެއްގައި ނައިޓްރޮޖެން އެހެން ބޭރެއް ނުވެ އެވެ. ނޭވާލާއިރު ނައިޓްރޮޖެން ގޭސް ލޭގެ ތެރެއަށް ގިރިގެންދަނީ އެވެ. ލަސް ލަހުން މައްޗަށް އަރަން ޖެހެނީ ލޭގެ ތެރެއަށް ގިރިގެން ގޮސްފައިވާ ނައިޓްރޮޖެން މަޑު މަޑުން ބޭރުވުމަށް ފުރުސަތު ދިނުމަށެވެ.
"އެ ނައިޓްރޮޖެން މޫދު އަޑީގައި އެހާ ބައިވަރުވީމަ އެބަ ބޭނުންވޭ ވަރަށް ގިނަ ވަގުތު އަނެއްކާ ވަޔަށް ބަދަލުވެގެން ނުކުންނަން. އެ ވަގުތު ނުދީ މައްޗަށް އެރީމަ ލޭ ނާރުގައި ހުރި ލިކުއިޑް ނައިޓްރޮޖެން ވައި ބޮކިތަކަަކަށް ވަނީ،" ޑީކޯ ވާގޮތުގެ ސައިންސް، ސެންޑީ ވިދާޅުވެ ދެއްވި އެވެ.
ޑައިވް ކުރާ އިރު މައްޗަށް އަރަން ޖެހޭނީ، ނައިޓްރޮޖެން ބޭރުވާން ވަގުތު ދިނުމަށް ވަކި ފުންމިނެއްގައި މަޑު ކުރަމުން ކުރަމުން ލަސްލަހުން ކަމަށް ސެންޑީ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މައްޗަށް އަރަންވީ ބާރުމިނާއި މަޑު ކުރަންވީ ހިސާބުތަކާއި ވަގުތުތައް އަތުގައި އޮންނަ ކޮމްޕިއުޓަރުން ދައްކާނެ އެވެ. އެއިން ކަމަކަށް ނުބަލައި ބާރު ބާރަށް މައްޗަށް އަރައިފި ނަމަ ނައިޓްރޮޖެން ބޮކި އަރައި، ޓިޝޫތަކަށް އޮކްސިޖަން ލިބުމަށް ހުރަސް އެޅެ އެވެ. އެހެންވުމުން، ހަށިގަނޑުގެ މަސްތަކުގެ ބާރު ކެނޑެ އެވެ. އަދި ބައެއްފަހަރު މައިބަދައިގައި ބޮކި އުފެދި މީހާގެ ހަށިގަނޑުން އެއްކޮށް ވާގި ނެތެ އެެވެ. ސިކުނޑީގައި ބޮކި އުފެދިއްޖެ ނަމަ މަރުވުމުގެ ފުރުސަތު ބޮޑެވެ.
"އެއީ ޓްރެފިކް ލައިޓެއްގައި އިން މީހަކު ރެޑް ލައިޓެއް ދިއްލާފައި އިންދާ ދުއްވާލުން ކަހަލަ ކަމެއް،" ސެންޑީ ވިދާޅުވި އެވެ.
ޗެމްބަރު އައްޑޫގައި، ބޭކާރު ކަމެއް!
ޑީކޯވާ މީހުންނަށް ދޭ ފަރުވާއަކީ ހައިޕަބެރިކް ޗެމްބަރަށް ލުމެވެ. އެ ޗެމްބަރު ތެރޭގައި މީހާގެ ހަށިގަނޑަށް ވަކި ޕްރެޝަރެއްގައި ބާއްވައިގެން 100 ޕަސެންޓް އޮކްސިޖަން ދެއެވެ. އަދި ނައިޓްރޮޖެން ގޭސް ބޭރުވަންދަން އެތައް ގަޑިއިރަކު ޗެމްބަރު ތެރޭގައި ބާއްވާނެ އެވެ. އެކަމަކު، މިއީ ދާއިމީ ބޮޑު ގެއްލުމަކުން ސަލާމަތްވާނެ ކަމުގެ ގެެރެންޓީއެއް ނެތް ފަރުވާއެކެވެ. ބޮޑު ގެއްލުމަކުން ސަލާމަތް ކުރެވޭނީ ޑައިވަރު މޫދުން އަރާ ގޮތަށް ޗެމްބަރަށް ލައިގެން ކަމަށް ސެންޑީވެސް ވިދާޅުވި އެވެ.
"ޗެމްބަރަށް ލިޔަސް ވަގުތުން ލައިފިއްޔާ ރަނގަޅު ވާނީ. އެކަމަކު، ފަސް މިނެޓު ޑިލޭ ވިޔަސް އިތުރަށް ޓިޝޫ ޑެމޭޖް ވަނީ. ނާރުތައް ޑެމޭޖް ވަނީ. އެ ހިސާބުން ޕެރަލިސިސް [ވާގިނެތެނީ]،" ސެންޑީ ވިދާޅުވި އެވެ.
ޑީކޯވާ މީހުން ސަލާމަތްކުރަން އޮތް ކުޑަނަމަވެސް އުންމީދަކީ މި ޗެމްބަރެވެ. އެކަމަކު، އެ ފަރުވާ ދޭން ބޭނުންވާ، ހައިޕަބެރިކް ޗެމްބަރު އަގު ހެވެއް ނޫނެވެ. އެ ޗެމްބަރު އޮޕަރޭޓު ކުރަން ހާއްސަ ހައިޕާބެރިކް ޑޮކްޓަރުންނާއި ނަރުހުންނާއ ޓެކްނީޝަނުން ކުއްލި ހާލަތަކަށް އަބަދުވެސް ތައްޔާރުގައި ބައިތިއްބަން ޖެހެ އެވެ. ޗެމްބަރަށް 100 ޕަސެންޓު އޮކްސިޖަން ބޭނުންވާނެ އެވެ. ވައި އަޅަން މަދުވެގެން ދެ ކޮމްޕްރެސަރު ހުންނަން ޖެހޭނެ އެވެ.
ސެންޑީ ލަފާކުރައްވަނީ، ޗެމްބަރެއް ހިންގަން މަދުވެގެން މަހެއްގެ މައްޗަށް 20،000 ޑޮލަރު (308،400 ރުފިޔާ) ހޭދަ ވާނެ ކަމަށެވެ. ނަތީޖާއަކަށް ވަނީ، މިވަގުތު ރާއްޖޭގައި ގާއިމްކޮށްފައި ހުރި، ޗެމްބަރުތަކުން ފަރުވާއަށް ބޮޑު އަގެއް ނަގަމުން ދިޔުމެވެ.
ނަގިލި ނަގަން އުޅުމުގެ ތެރޭގައި ޑީކޯވި އިބްރާހިމް ބުނި ގޮތުގައި އޭނާ ފަސް ފަހަރެއްގެ މަތިން ޗެމްބަރަށް ލާން 25،000 ޑޮލަރު އައްޑޫ ޝަންގްރިއްލާ ރިސޯޓުން ނެގިއެވެ. އެއީ އެޑްވާންސްކޮށް 10،000 ޑޮލަރު ނަގާފަ އެވެ.
މިހާރު ރާއްޖޭގައި އޮޕަރޭޓް ކުރަނީ އެންމެ ހައިޕާބެރިކް ޗެމްބަރެވެ. އެއީ ކ. އަތޮޅުގައި ހުންނަ ބަނޑޮސް އައިލެންޑް ރިސޯޓުގެ ޗެމްބަރެކެވެ. އައްޑޫގައި ހުންނަ ޝަންގްރިއްލާ ރިސޯޓުގެ ޗެމްބަރު މިހާރު އޮޕަރޭޓެއް ނުކުރެ އެވެ. އެނގިފައިވާ ގޮތުގައި އެ ޗެމްބަރު ސަރުކާރަށް ހަދިޔާ ކުރަން އެ ރިސޯޓުން ވަނީ ނިންމައިފަ އެވެ.
އެ ޗެމްބަރު އައްޑޫ ސިޓީގައި ބަހައްޓާނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިފަހުން ވަނީ އިއުލާނު ކުރައްވައިފަ އެވެ.
ހުވަދޫ މަސްވެރިންގެ މިހާރުގެ ކަންބޮޑުވުމަކީ ޑީކޯ ވުމުގެ ކޭސްތައް ހުވަދު އަތޮޅުގައި ގިނައިރު ޗެމްބަރެއް އައްޑޫގައި ހެދުމަށް ސަރުކާރުން ނިންމުމެވެ. އަދި އައްޑޫ މަސްވެރިން ވެސް، ގިނަ ފަހަރަށް އެން ނަގަން ހުވަދު އަތޮޅަށް އަންނަ އިރު، އަވަސް ފަރުވާދެވޭނެ ގޮތަކީ ޗެމްބަރު ހުވަދު އަތޮޅުގައި ގާއިމް ކުރުން ކަމަށް ހުވަދޫ މަސްވެރިން ގަބޫލުކުރެ އެވެ.
ދިވެހި މަސްވެރިންގެ ޖަމްއިއްޔާގެ ރައީސް، މުހައްމަދު ޝާފިއު ވިދާޅުވީ އައްޑޫ މަސްވެރިންވެސް ގިނައިން ޑީކޯވެފައި ހުރީ ހުވަދު އަތޮޅުގައި އެން ނަގަން ފީނުމުގެ ތެރޭގަ އެވެ. ޑީކޯވުމަކީ އަވަސް ފަރުވާ ބޭނުންވާ ކަމަކަށްވާއިރު އެންމެ ގިނައިން ޑައިވަަރުން ޑީކޯވާ ސަރަހައްދުގައި ޗެމްބަރު ނުބަހައްޓާ އައްޑޫގައި ބެހެއްޓުމަކީ ބޭކާރު ކަމެއްގެ ގޮތުގައި ޝާފިއު ސިފަކުރެއްވި އެވެ.
"ރާއްޖޭގެ އެންމެ ގިނައިން އެއް އަތޮޅަކަށް ޑައިވް ކުރާ އަތޮޅަކީ ހުވަދު އަތޮޅު. މިތަނުން މިހާތަނަށް މައްސަލަ ޖެހިފައި ހުރި ރޭޓުވެސް އެންމެ ގިނައީ،" ޝާފިއު ވިދާޅުވި އެވެ. "އައްޑު އަތޮޅުގައި ޗެމްބަރު ބެހެއްޓުމަކީ ރަނގަޅު ކަމެއް ނޫން. އައްޑު އަތޮޅަށް ޑައިވެއް ނުކުރޭ މަސްވެރިން އެން ހިފާކަށް. ގިނަ ފަހަރަށް ޑީކޯ މިވަނީ އެން ހިފަން ޑައިވް ކުރާ މީހުން،"
ކަނޑުމަގުން ދޯންޏެއްގައި ގައްދޫއިން އައްޑުއަތޮޅަށް ދެވޭނީ މަދުވެގެން ގާތްގަނޑަކަށް ފަސް ގަޑިއިރުންނެވެ. ލޯންޗެއްގައި ނަމަ ގާތްގަނޑަކަށް ދޮޅު ގަޑިއިރުންނެވެ. ޑީކޯވެފައިވާ މީހަކު ގޮވައިގެން ކަނޑުމަގުން އައްޑު އަތޮޅަށް ދެވޭ އިރު އޮންނާނީ ލިބެން ހުރި ގެއްލުމެއް ލިބި ނިމިފަ އެވެ. ޗެމްބަރަކަށް ދެން ލިޔަސް، ބަލިމީހާއަށް ފަރުވާއެއް ލިބުމަށް ވުރެ ނުލިބުން އޮންނާނީ ގާތްވެފަ އެވެ. ކަނޑުމަގުން ނޫން ގޮތަކަށް މީހަކު އައްޑުއަށް ގެންދެވޭނީ އެމްއެންޑީއެފް ހެލިކޮޕްޓަރުގަ އެވެ.
ހެލިކޮޕްޓަރުގެ ދަތުރު ހަމަޖައްސަން އެތައް ގަޑިއިރެއް ހޭދަވާނެ އެވެ. އެތައް ހުއްދައެއް ބޭނުންވެ އެވެ. އެކަމަކު ޑީކޯވާ މީހާ ބަލި އެނދުގައި އެ ހުރިހާ ވަގުތު ބޭއްވުމަކީ އޭނާ އިތުރަށް ބަލިކުރާ ކަމެކެވެ.
"އޭތި [ހެލިކޮޕްޓަރު] ޔަގީނުންވެސް މިތަނަށް ގެންނަން ތަންކޮޅެއް ދަތި ޑީކޯވެގެން. ފުދޭވަރަކަށް ގިނަ އިރު ނަގާ ޓްރާންސްފާ ކުރަން. އަދި ރޭގަނޑަކާ ދިމާވެއްޖެއްޔާ އެހާ އުނދަގޫ،" ޝާފިއު ވިދާޅުވި އެވެ.
ޑީކޯވުމުގެ ސަބަބުން ވާގިނެތި ފުރޮޅުލީ ގޮނޑިއެއްގައި ދިރިއުޅުން ހޭދަ ކުރަން ޖެހިފައިވާ ގދ. ގައްދޫ މުހައްމަދު ހަސަން އަކީ ލޯންޗެއްގައި ޝަންގްރިއްލާއަށް ގެންދިޔަ މީހެކެވެ. އޭނާއަށް ވީ ގޮތް އެހެން މީހަކަށް ނުވުމަށް އެދޭތީ އޭނާވެސް ބުނަނީ، ޗެމްބަރަކީ ހުވަދު އަތޮޅުގެ ރަށެއްގައި ބަހައްޓަން ޖެހޭ އެއްޗެއް ކަމަށެވެ.
"ޗެމްބަރު ބަހައްޓަން ޖެހެނީ މި އަތޮޅުގައި. މި އަތޮޅުގައި އެކަން އެންމެ ބޮޑަށް ދިމާވަނީ،" މުހައްމަދު ބުންޏެވެ.
އެން ހިފަން ޑައިވިންއަށް ފައިބާ ހުވަދޫގެ ޒުވާން މަސްވެރިއަކު ބުނި ގޮތުގައި ޑީކޯ ޗެމްބަރު އައްޑޫގައި ބަހައްޓާ މައްސަލައިގައި ވެސް ސަރުކާރުން ބަލަންވީ އިންތިހާބެއްގައި ގިނަ ވޯޓު ލިބޭނެ ތަނެއް ބެލުމެއް ނެތި ސިޔާސަތު ކަނޑައެޅުމަށެވެ. ސިޔާސީ ކަމެއްގެ ގޮތުގައި ނުދެކި ބޮޑަށް ފައިދާވާނެ ގޮތަށް ކަންކަން ކުރުމަށް އޭނާ އެދުނެވެ.
"އަހަރެމެންނަށް ހެޔޮ އައްޑު އަތޮޅުގައި ބަހައްޓަންޏާ އެއްވެސް ތަނެއްގައި ނުބެހެއްޓިޔަސް. އެކަމުން އެއްވެސް ފައިދާއެއް ނުވާނެ،" މަސްވެރިއަކު ބުންޏެވެ.
އޭގެ އިތުރުން އެންމެ ގިނަ ރިސޯޓާއި، މަސްދޯނި ފަހަރު އަދި މަސްވެރިންވެސް ތިބީ ހުވަދޫގައި ކަން މަސްވެރިއަކު ފާހަގަކުރި އެވެ.
ޑީކޯވުމަށް ހައްލަކީ ކޮބާ؟
ގައްދޫއިން ވާހަކަ ދެއްކި މަސްވެރިން ބުނާ ގޮތުގައި ފާއިތުވި 20 އަކަށް އަހަރުގެ ތެރޭގައި ހަ މީހުން އެ ރަށުން އެކަނި ޑައިވިން އެކްސިޑެންޓުތަކުގައި މަރުވެފައިވެ އެވެ. އަދި ޑައިވް ކުރަނިކޮށް ޑީކޯވެ އެކި ވަރުގެ ގެއްލުންވެފައި ތިބި ވިއްސަކަށް މީހުން އެ ރަށުގައި އެބަ ތިބި ކަމަށްވެ އެވެ.
ރާއްޖޭގައި ރެކްރިއޭޝަނަލް ޑައިވި ކުރަން ހުއްދަ އޮންނަނީ އެންމެ ފުން ވެގެން 30 މީޓަރަށެވެ. މަސްވެރިން މިހާރު އެން ނަގަން 40 މީޓަރަށް ނުވަތަ ބައެއް ފަހަރު 50 މީޓަރަށްވެސް ފީނަން ޖެހެ އެވެ. އޮޑިވެރިންގެ ނުސީދާ ނަމަވެސް ޕްރެޝަރާ އެކު ކައިރިކައިރީގައި ދެތިން ޑައިވުވެސް ކުރަން ޖެހޭ ކަމަށް ބައެއް މީހުން ބުނެ އެވެ.
އޭގެ އިތުރުން، 40 ނުވަތަ 50 މީޓަރު އަޑިއަށް މަސްވެރިން އެ ދަނީ 30 މީޓަރަށް ދާން ހާއްސަކޮށްފައި ހުންނަ ފުޅިތަކުންނެވެ. އެހެންކަމުން، އޮކްސިޖަން ހުސްވާތީ ބާރު ބާރަށް މައްޗަށް އަރަން މަޖުބޫރުވެ އެވެ. މިކަމުގައި ޑައިވަރުންގެ އަމިއްލަ އިހުމާލުވެސް ބޮޑެވެ. ބައެއް ޑައިވަަރުން ގަސްދުގައި ކޮމްޕިއުޓަރާ ނުލައިވެސް އަޑިއަށްދެ އެވެ.
ޑައިވަރު ސެންޑީ ދެކެވަޑައިގަންނަވާ ގޮތުގައި ޗެމްބަރެއް އެކަނި ބެހެއްޓުމަކީ ޑީކޯވާ މައްސަލައަށް އޮތް ހަމައެކަނި ހައްލެއް ނޫނެވެ. އޭނާ ވިދާޅުވީ، ހައްލަކީ ހޭލުންތެރިވެ ތިބެ ޒިންމާދާރު ކަމާ އެކު ޑައިވްކުރުން ކަމަށެވެ.
ޑައިވަރުން ހޭލުންތެރިކުރުމާ ގުޅޭ ގޮތުން ރައީސް ސޯލިހު މި ފަހުން ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވީ، އެން ހޯދަން ފީނުމުގައި ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން، ރައްކާތެރިގޮތުގައި ފީނުމުގެ ތަމްރީން ޕްރޮގްރާމްތަކެއް މިއަހަރު ތެރޭގައި ފައްޓަވަން ނިންމަވާފައިވާ ކަމަށެވެ.
ޑައިވަރުންނަށް ޕްރެޝަރު ކުރާ ކެޔޮޅުންނާއި، ދައުލަތުގެ ވުޒާރާތައްވެސް ޒިންމާދާރުވާން ޖެހޭ ކަމަށްވެސް ސެންޑީ ވިދާޅުވި އެވެ. އެގޮތުން އަދިވެސް، އެން ނަގަން އެންމެ ފުނަށް ޑައިވް ކުރެވޭނެ މިންގަނޑެއް އެއްވެސް ސަރުކާރަކުން ކަނޑައަޅާފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.
"އޮތޯރިޓީސްވެސް ޒިންމާ ވާން ޖެހޭ. އަދިވެސް ނެހެދޭ ސްޓޭންޑާޑް. ގަވައިދެއް ހެދިފައި މި އޮންނަނީ ޓޫރިސްޓުން ޑައިވް ކުރަން. ތިރީސް މީޓަރަށް ވުރެ ފުނަށް ނުދެވޭ ގޮތަށް،" ސެންޑީ ވިދާޅުވި އެވެ.
ސަފާރީއެއްގެ ނަގިލި ނަގަން އުޅުމުގެ ތެރޭގައި ޑީކޯވި އިބްރާހިމް ވެސް ދެކެނީ 30 މީޓަރަށް ވުރެ ފުނަށް އެން ނަގަން ފީނުން ގާނޫނަކުން މަނާ ކުރަން ޖެހޭ ކަމަށެވެ.
އިބްރާހިމަކީ ޑީކޯވެ ހާލު ސީރިއަސްވި މީހުންގެ ތެރެއިން ނަސީބު ރަނގަޅު މީހެކެެވެ. ފޫޅުން ތިރި ވާގިނެތިފައި ހުއްޓާ ދިވެހި ބޭސްވެރިކަމާއި ފިޒިއޯތެރަޕީއާއި އެތައް ފަރުވާއެއް ހޯދައިގެން މިހާރު އިބްރާހިމަށް ހިނގޭ ވަރުވެއްޖެ އެވެ. އެކަމަކު، އަދިވެސް ދެފައިގައި އެއްވެސް އިހުސާސެއް ނުހުރެ އެވެ. ފަޔަށް ހޫނުވިޔަސް ފިނިވިޔަސް ތަދުވިޔަސް އޭނާއަކަށް ނޭނގެ އެވެ.
"އަހަރެން މައްސަލަ ޖެހުނު އިރު ނާރުގެ ޑޮކްޓަރަކަށް ދެއްކީ. އޭނާ އަހަރެން އައިޖީއެމްއެޗްގައި ބާއްވާފައި ކޮނޑުގައި އަތްލާފައި ބުނި ކޮއްކޯއޭ ސްޕައިނަލް ކޯޑު ގޮއްސައޭ. ނުހިނގޭނެއޭ. އޭގެ ދެމަހާއި ދުވަސްކޮޅެއް ފަހުން ވީލްޗެއާގައި އޭނަ ކައިރިއަށް ގޮސްފައި ކޮޅަށް ދެތުވީމަ އޭނަ ބުނީ ހިނގީ ކިހިނެއްހޭ. އަޅުގަނޑު ބުނީ ހެއްދެވި ފަރާތަށޭ އެނގޭނީ. އަޅުން ކުރާނީ މަސައްކަތޭ،" އިބްރާހިމް ބުންޏެވެ.
މާބޮޑު ކަމަކަށް ނުހަދާ ފަރުވާކުޑަކޮށްލާފައި ކޮށްލެވޭ އެންމެ ޑައިވަކުން މުޅި މީހާގެ ހަޔާތް ނުކުޅެދުންތެރިކަމުގައި ހޭދަކުރަން ޖެހިދާނެ އެވެ. އެންމެންނަކީ އިބްރާހިމް ކަހަލަ، ނަސީބު ރަނގަޅު މީހުންނަށް ނުވެދާނެ އެވެ.