ގިރާވަރު ކައިރިން މީހަކު ނެތް ބޯޓެއް އޮޔާދާތީ ސަމާލުވާން އަންގައިފި

ގިރާވަރު އުތުރު ކަނޑުން އޮޔާދާ ބޯޓު: މި ބޯޓު އޮޔާދަނީ ގިރާވަރު ކަނޑުން ހުޅަނގަށް --- ފޮޓޯ/ އެމްއެންޑީއެފް

ކ. ގިރާވަރުގެ އުތުރު ކަނޑުން ފަޅުވެރިޔަކު ނެތް ބޯޓެއް އޮޔާދާތީ އެ ސަރަހައްދުން ކަނޑު އުޅަނދުފަހަރުގައި ދަތުރުކުރާ މީހުން ސަމާލުވާން އެމްއެންޑީއެފްއިން އެދިއްޖެ އެވެ.

އެމްއެންޑީއެފްއިން ބުނީ ގިރާވަރުގެ އުތުރު ކަނޑުން އޮޔާދަނީ "ބަރޯސާ" ނަމަކަށް ކިޔާ ބޯޓެއް ކަމަށެވެ.

އެއްވެސް މީހެއް ނެތި އެ ބޯޓު އޮޔާދާކަމުގެ މައުލޫމާތު، އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބުނީ މިއަދު ހަވީރު 16:00 އެހައިކަންހާއިރު އެވެ.

އެމްއާރުސީސީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބޯޓު އޮޔާދަނީ ކ. ގިރާވަރު ކަނޑުން ހުޅަނގަށެވެ.

އެމްއެންޑީއެފްއިން ބުނީ ދިވެހި ކުންފުންޏަކަށް ނިސްބަތްވާ އެ ބޯޓު އޮޔާދާތީ ކަފު ޖަހާނެ އެހެން އުޅަނދެއް އެ ސަރަހައްދަށް ފޮނުވުމުގެ މަސައްކަތް ބޯޓުގެ ވެރިފަރާތުން ދަނީ ކުރަމުންނެވެ.

އެ ސަރަހައްދު މޮނީޓަރު ކުރުމަށްޓަކައި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އުޅަނދެއް ވެސް އެ ސަރަހައްދަށް މިހާރު ދަނީ ދަތުރުކުރަމުންނެވެ.

comment ކޮމެންޓް