"ކުޅިވަރު އެސޯސިއޭޝަންތަކުގެ މެދުގައި އޮތް ތަފާތުކުރުން ނައްތާލައި، އަންހެން އަދި ފިރިހެން އެތުލީޓުންގެ މެދުގައި ގެންގުޅޭ ތަފާތުކުރުން ވެސް ނައްތާލައި ހަމަހަމަ އުސޫލެއްގެ ދަށުން ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންނަށް އެއް ހަމައަކުން މުސާރައާއި އިނާޔަތްތައް ލިބިގެންދާނެ،" މިއީ މިދިޔަ އަހަރުގެ ތެރޭ ޔޫތް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވި ވާހަކަކޮޅެކެވެ.
ވޭތުވެ ދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގެ ތާރީހުގައި ދުވަހަކުވެސް ނުހޯދާ ބޮޑެތި ކާމިޔާބީތަކެއް ކުޅިވަރުގެ ރޮނގުން ވަނީ ހޯދައިފަ އެވެ. އެކަމުގެ އުފަލުގައި އެތައް ރަސްމިއްޔާތުތަކެއް ބާއްވައި ފޯރި ނަގައިފި އެވެ. އެ ހުރިހާ ކަމަކާ އެކުވެސް ސުވާލަކީ؛ ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ފެށުނީއްސުރެން ކަނޑައެޅި ތަފާތުކުރުން ނައްތާލެވިއްޖެ ހެއްޔެވެ؟
މި ސުވާލަށް ޖަވާބުދޭން ފަށަން ޖެހެނީ، މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއިން ބައިނަލް އަގުވާމީ ފެންވަރުގެ 46 މެޑަލް ހޯދި ވާހަކައިންނެވެ. ނޭޕާލުގެ ކަތުމަންޑޫގައި ކުރިއަށް ދިޔަ ސައުތު އޭޝިއަން ބޮޑީ ބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ އެތުލީޓުން ތިން ރަން މެޑަލް އާއި ދެ ލޯ މެޑަލް ހޯދި ވާހަކައަށް ހިޔަނި އެޅިގެން އައީ، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ހޯދި ކާމިޔާބީތަކުގެ ސަބަބުންކަމަށް ބުނެވިދާނެ އެވެ.
ސަބަބަކީ އެ ގޭމްސްގައި ރާއްޖޭގެ އެތުލީޓުން ގިނަ މެޑަލް ތަކެއް ހޯދުމާ އެކު މީޑިއާގެ ވެސް ބޮޑު ސަމާލުކަމެއް އެ ގޭމްސްއަށް ލިބި، ސަރުކާރުން ވެސް އެ މުބާރާތުން ލިބުނު ކާމިޔާބީތައް އިންތިހާއަށް ބޮޑަށް ފާހަގަ ކުރީމަ އެވެ.
ނަމަވެސް އެ ގޭމްސްގެ ކާމިޔާބީ އަކީ އޭގެ ކުރިން ބޮޑީ ބިލްޑިންގުން ހޯދި މެޑަލްތައް މަތިން ހަނދާން ނައްތާލަން ވީ ސަބަބެއް ނޫނެވެ. އަދި ބައިނަލްއަޤްވާމީ ބޮޑީ ބިލްޑިން މުބާރާތަކުން ރަން މެޑަލް ހޯދުމުން އެ މެޑަލް ހޯދި ބޮޑީ ބިލްޑަރުންނަށް ދޭންޖެހޭ ފައިސާގެ އިނާމު އަދިވެސް ސަރުކާރުން ނުދީ އެބަ އޮތެވެ. އެހެންވީއިރު ހުރިހާ ކުޅިވަރެއް ހަމަހަމަ ކުރެވުނީ ހެއްޔެވެ؟
ރަން މެޑަލް ހޯދުމުން އަގުވަޒަން ނުކުރި!
ދެކުނު އޭޝިޔާގެ ބޮޑީ ބިލްޑިން އަދި ފިޒިކްސް ސްޕޯޓްސް ޗެމްޕިއަންޝިޕްގައި، ރާއްޖޭގެ މުހައްމަދު މޫސާ އާއި އަހްމަދު މާހިލް ސައީދު އަދި އަޒްނީން ރަޝީދު ވަނީ ރަން މެޑަލް ހޯދާފަ އެވެ.
ސަރުކާރުން އެކި ކުޅިވަރުތަކުން ހޯދާ މެޑަލް ތަކަށް ދޭ ފައިސާގެ އިނާމު ހަމަޖައްސާފައިވާ ރޭޓުން ބަލާނަމަ އެ ފެންވަރުގެ ބޮޑީ ބިލްޑިން މުބާރާތަކުން ރަން މެޑަލް އެއް ހޯދައިފިނަމަ 100،000 ރުފިޔާގެ ފައިސާގެ އިނާމު ދޭން ޖެހެ އެވެ. އެކަމަކު، ހިތާމައަކީ، މި މެޑަލްތައް ލިބުނުތާ އަހަރެއްވާން ގާތް ވީއިރުވެސް އެ ފައިސާގެ އިނާމު ދީފައި ނުވެ އެވެ.
ސްޕޯޓްސް ފިޒީކް 170 ސެންޓިމީޓަރު ބައިން ރަން މެޑަލް ހޯދި އަޒްނީން ރަޝީދު "ސަން" އަށް ބުނީ، ފައިސާ ނުލިބިގެން ލަސްވާތީ މިނިސްޓަރ މަހްލޫފްއަށް ގިނަ މެސެޖުތަކެއް ވެސް ފޮނުވާފައިވާ ކަމަށެވެ. އެކަމަކު ލިބުނު، ޖަވާބަކީ އަވަސް ހައްލެއް ލިބޭނެ ކަމަށެވެ. އެކަމަކު މިހާތަނަށް ވެސް އެ ހައްލެއް ނުލިބެ އެވެ.
"ފައިސާގެ އިނާމު ނުދީ ލަސްވަނީ ރަން މެޑަލްތަކަށް ދޭން ކަނޑައަޅާފައި އޮންނަ އެއް ލައްކަ ރުފިޔާއަށްވުރެ ގިނައިން ރަން މެޑަލްތަކަށް ފައިސާ ދޭން ސަރުކާރުން ނިންމާފައިވާތީ ކަމަށް މަހްލޫފް ވިދާޅުވި." އަޒްނީން ބުންޏެވެ.
އަޒްނީން ބުނީ ސަރުކާރުން ބޮޑީ ބިލްޑިންގްގެ އެއްވެސް މެޑަލްއަކަށް ފައިސާގެ އިނާމު ދީފައިނުވާއިރު އޭގެ މާފަހުން އެހެން ކުޅިވަރުތަކުން ވަނަތައް ހޯދުމުން އިތުރު ބޯނަސް ލައިގެން ބޮޑު އިނާޔަތް ދީފައިވާ ކަމަށެވެ. އެގޮތުން އައިއޯއައިޖީ އާއި ސައުތު އޭޝިއަން ގޭމްސްއިން ވަނަ ހޯދި ކުޅުންތެރިންނަށް ސަރުކާރުން ކަނޑައަޅާފައިވާ ވަރެއް ވުރެން ބޮޑު އިނާޔަތެއް ދީފައިވަނީ އެއްވެސް ހަމަހަމަ ކަމެއް ނެތް ގޮތަށް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
އަޒްނީން ބުނި ގޮތުގައި މެޑަލްތަކަށް ލިބޭ ފައިސާ އިތުރު ކުރާނެ ކަން ސަރުކާރުން އިއުލާން ކުރި ހިސާބުން އެކަމާ މިނިސްޓްރީއާ ވާހަކަ ދެއްކުމުން އިތުރުވާނެ ކަމަށް ވަނީ ބުނެފަ އެވެ. އެކަމަކު ފަހުން އިނާޔަތް ނުލިބިގެން ޝަކުވާ ކުރުމުން އެ މައްސަލަ ފޮނުވާފައި ވަނީ ޔޫތް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ސްޕޯޓްސް ކައުންސިލަށް ކަމަށް އަޒްނީން ވަނީ ބުނެފަ އެވެ. އަދި ސްޕޯޓްސް ކައުންސިލުން ގޮތެއް ނިންމަން ބުނިތާ ގިނަ ދުވަސްތަކެއް ވެފައިވާ އިރު އެއްވެސް އިނާޔަތެއް ބޮޑު ނުކުރަން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އަޒްނީން ބުންޏެވެ.
މިދިޔަ އަހަރު ނޭޕާލްގައި ބޭއްވި މުބާރާތުގައި ރަން މެޑަލް ހޯދި ބޮޑީ ބިލްޑަރުންގެ އިތުރަށް ބައެއް އެހެން ބޮޑީ ބިލްޑަރުން ވަނީ އެހެން ކެޓެގަރީ ތަކުން ލޯ މެޑަލް އަދި ރިހި މެޑަލްވެސް ހޯދާފަ އެވެ. އަދި މިދިޔަ އަހަރު ބޭއްވި އެހެން މުބާރާތަކުންވެސް ބޮޑީ ބިލްޑަރު އަޒްނީން ރިހިމެޑަލް ހޯދި އެވެ. މިއިން އެއްވެސް މެޑަލްއަކަށް ފައިސާ ދީފައި ނުވާއިރު ޖުމްލަ 5 ލައްކައަށްވުރެ ގިނަ ރުފިޔާ މެޑަލް ހޯދި ހުރިހާ ކުޅުންތެރިންނަށް ދޭންޖެހޭނެ ކަމަށް ލަފާކުރެވެ އެވެ.
ކުޅިވަރުގެ ތަފާތުކުރުން ހީކުރި ވަރަށް ވުރެ ބޮޑު!
ދެކުނު ކޮރެއާގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ކުރިއަށްދިޔަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕުން ރާއްޖޭގެ ބޮޑީބިލްޑަރުން ދެ ލޯ މެޑަލް ވަނީ ހޯދައިފި އެވެ. މިއީ ދުނިޔޭގެ މުބާރާތަކުން ރާއްޖޭގެ ބޮޑީ ބިލްޑަރުންނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ. އަޒްނީން އެ މުބާރާތް ސިފަ ކުރަނީ އެއީ މުޅި ރާއްޖެއަށް ވެސް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީގެ ގޮތުގަ އެވެ.
އެކަމަކު އެ މުބާރާތަށް ބޮޑީ ބިލްޑަރުން ދާން ޖެހުނީ މިނިސްޓްރީގެ ފަރާތުން މާބޮޑު އެހީތެރިކަމެއް ނެތި ކަމަށް އަޒްނީން ބުންޏެވެ. އަޒްނީން ބުނި ގޮތުގައި ރާއްޖޭގައި އަދިވެސް ވަކި ވަކި ކުޅިވަރުތަކުގެ މެދުގައި ބޮޑު ތަފާތުކުރުންތަކެއް އެބައޮތެވެ. އެކަމަށް ބާރު ދެމުން އަޒްނީން ބުނީ މިދިޔަ އަހަރު ހޯދި އެއްވެސް މެޑަލްއަކަށް ފައިސާ ނުދީގެން މުޅި ބޮޑީ ބިލްޑިންގް އެސޯސިއޭޝަނުން މިނިސްޓަރުގެ އަރިހުގައި އާދޭސް ކުރި ނަމަވެސް ހައްލެއް ނުލިބޭ ކަމަށެވެ.
"ހީކުރީ މިއީ ރަނގަޅު ކެރިއަރެއްގެ އޮތް ކަމެއް ކަމަށް. އެކަމަކު މިހެނެއް ނުވާނެ މިކަމެއް. ވަރަށް ދުވަހު ކެތްކޮށްފިން މިވާހަކަ ނުދައްކާވޭތޯ." އަޒްލީން އޭނަގެ ޝުއޫރުތައް ހިއްސާކުރި އެވެ.