އެމްއެމްޕީއާރުސީ ރަށްތަކުގެ އެގްރީމަންޓުތައް މިނިސްޓްރީއިން ނުދިން، އައިކޮމްގެ އަޑުއެހުމަށްވެސް ނުދިޔަ

މިއަދު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި ބޭއްވި އަޑުއެހުމުގެ ތެރެއިން -- ފޮޓޯ/ އިންފޮމޭޝަން ކޮމިޝަނަރު

އެމްއެމްޕީއާރްސީއިން ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކާ ބެހޭ މައުލޫމާތު ޓޫރިޒަމް މިނިސްޓްރީއިން މޯލްޑިވްސް ޓްރޭޑް ޔުނިއަންއަށް ނުދިނުމުން އެ މައުލޫމާތު ދޭން ޖެހޭ ކަމަށް އިންފޮމޭޝަން ކޮމިޝަނުން ކަނޑައަޅައިފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ކޮންމެ ރައްޔިތަކަށްވެސް ދައުލަތުގެ އިދާރާތަކުގައި ހުންނަ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ލިބިގެންވެއެވެ. ދައުލަތުގެ އިދާރާއެއްގައި ހުރި މައުލޫމާތެއް ހޯދަން އެދި އެ އިދާރާއެއްގެ އިންފޮމޭޝަން އޮފިސަރަށް ފޯމެއް ހުށަހެޅިދާނެ އެވެ. ޓްރޭޑް ޔުނިއަންއިން ޓޫރިޒަމް މިނިސްޓްރީގެ މައުލޫމާތު ހޯދަން އެދުނީ އެ ގާނޫނުގެ ދަށުންނެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މައުލޫމާތަށް އެދޭ ފަރާތަކަށް ވީ އެންމެ އަވަސް މުއްދަތެއްގައި އެ މައުލޫމާތު ފޯރުކޮށްދޭން ޖެހޭނެ ކަމަށް ގާނޫނުގައިވެ އެވެ. އަދި އެއްވެސް ހާލެއްގައި އެ މުއްދަތު 21 ދުވަހަށް ވުރެ ދިގުވެގެން ނުވާނެ ކަމަށް ގާނޫނުގައިވެ އެވެ. އެ މުއްދަތުގެ ތެރޭގައި މައުލޫމާތު ނުދިނުމަކީ މައުލޫމާތު ދޭން ދެކޮޅު ހެދުން ކަމަށް ބެލެވޭނެ ކަމަށް ގާނޫނުގައިވެ އެވެ.

ޓްރޭޑު ޔުނިއަނުން ޓޫރިޒަމް މިނިސްޓްރީގައި އެހީ އެމްއެމްޕީއާރްސީއަށް އެއްވެސް ރަށެއް ނުވަތަ ފަޅެއް ކުށްޔަށް ދީފައިވޭތޯ ނުވަތަ ނޫންތޯ އާއި އެމްއެމްޕީއާރްސީއިން އެއްވެސް ރަށެއް އެއްވެސް ފަރާތަކަށް ކުއްޔަށް ދީފައިވޭތޯ އެވެ. އަދި ކުއްޔަށް ދީފައިވާ ނަމަ ލީސް އެގްރީމަންޓުތައް ދިނުމަށް އެދިފައިވެ އެވެ.

ޓްރޭޑް ޔުނިއަނުން މައުލޫމާތު ހޯދަން އެދުމުން 21 ދުވަހުގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީއިން އެ މައުލޫމާތު ދީފައެއް ނުވެ އެވެ. އެހެންކަމުން ޓްރޭޑު ޔުނިއަނުން އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަށް ހުށަހެޅި އެވެ. އެކަމާ ގުޅިގެން އެ ކޮމިޝަނުގައި މިއަދު 10:30އަށް އަޑުއެހުމެއް ތާވަލު ކުރި އެވެ. އެ އަޑުއެހުމަށް ޓޫރިޒަމް މިނިސްޓްރީއިން ހާޒިރުވެފައެއް ނުވެ އެވެ.

އިންފޮމޭޝަން ކޮމިޝަނުން މިއަދު ނިންމީ އެ ލިޔެކިޔުންތައް ޓްރޭޑް ޔުނިއަނަށް ދޭން ޖެހޭނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީއިން އަޑުއެހުމަށް ހާޒިރު ނުވުމާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒު މޫސާ ވިދާޅުވީ، ޓޫރިޒަމް މިނިސްޓްރީއިން އަޑުއެހުމަށް ހާޒިރު ނުވުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުތަކަކީ "ކުޅޭ ކުޅޭ"އެއްޗެއް ނޫން ކަމަށް ފިޔާޒު ވިދާޅުވި އެވެ.

comment ކޮމެންޓް