ސްޕެއިނުގެ ގަދަ ދެ ބާރު ކަމަށްވާ ބާސެލޯނާއަށާއި ރެއާލް މެޑްރިޑަށް ހުރިހާ ޓްރޮފީއެއް ދީގެން ތިބެ ތިބެ ވަރުބަލިވެއްޖެ ކަމަށް ފުޓުބޯޅަ ކެރިއަރުގެ ފަހު ސީޒަން ކުޅެމުން އަންނަ އެތުލެޓިކް ބިލްބާއޯގެ ފޯވާޑް އަރިތްޒް އަދޫރިޒް ބުނެފި އެވެ.
ފަހުގެ ތާރީހުތަކުގައި ސްޕެއިނުގެ ލީގާއި، ލީގު ކަޕުގެ އިތުރުން މުޅި ޔޫރޮޕުގެ މުބާރާތްތަކުގައި ވެސް އެންމެ ވިދުންގަދަ ކުލަބުތަކުގެ ތެރޭގައި ހިމެނޭ ބާސެލޯނާއާއި ރެއާލް މެޑްރިޑް ވަނީ މިދިޔަ ހަފްތާ ކުޅުނު ސްޕެނިޝް ލީގު ކަޕު (ކޮޕާ ޑެލް ރޭ)ގެ ކުއާރޓާ ފައިނަލުން ބަލިވެ މުބާރާތުން ކަޓައިފަ އެވެ. މެޗުގެ އިތުރުވަގުތުގެ ތެރޭގައި ބާސެލޯނާގެ މިޑްފީލްޑަރު ސާޖިއޯ ބުސްކެޓް އަތުން ބައިކޮޅަށް ވަން ގޯލަކުން ބާސެލޯނާ ކެޓީ އެތުލެޓިކް ބިލްބާއޯ އަތުންނެވެ. ރެއާލް ކެޓީ 3-4ގެ ނަތީޖާއަކުން ރެއާލް ސޮސިއެޑޭޑް އަތުންނެވެ.
މިއީ 1955ގެ ފަހުން އެއް ދުވަހެއްގެ ތެރޭގައި މި ދެ ޓީމު އެ މުބާރާތުން ކެޓި ފުރަތަމަ ފަހަރެވެ. އަދި ބާސެލޯނާ ނުވަތަ ރެއާލް މެޑްރިޑް މި މުބާރާތުގެ ފައިނަލުގައި އެއްކޮޅުން ވާދަ ކުރާތާ ވެސް އަހަރުތަކެއް ވަނީ ވެފަ އެވެ.
ސެމީ ފައިނަލުން ޖާގަ ހޯދި އެތުލެޓިކް ބިލްބާއޯ 2009 ވަނަ އަހަރުގެ ފަހުން މި މުބާރާތުގެ ފައިނަލުގައި ތިން ފަހަރަކު ވަނީ ބާސެލޯނާއާ ދެކޮޅަށް ކުޅެފަ އެވެ. ފައިނަލުގައި ބިލްބާއޯ ކުޅުނު ތިން ފަހަރު ވެސް ބާސެލޯނާ މޮޅުވި އިރު ހުރިހާ މުބާރާތެއް ރެއާލް އަދި ބާސެލޯނާއަށް ދީގެން ތިބެ ތިބެ ވަރުބަލިވެފައިވާ ކަމަށް އެތުލެޓިކޯގެ ތަޖުރިބާކާރު ފޯވާޑް އަދޫރިޒް ވަނީ ބުނެފަ އެވެ.
"ބާސެލޯނާއާއި ރެއާލް މެޑްރިޑް ހުރިހާ މުބާރާތެއް ކާމިޔާބުކުރާ މަންޒަރު ބަލަން ތިބެ ތިބެ އަހަރުމެން ވަރުބަލިވެއްޖެ. މި މުބާރާތް [ކޮޕާ ޑެލް ރޭ] ކާމިޔާބު ކުރުމަކީ ވަރަށް ގިނަ ދުވަސްވީ ހުވަފެނެއް. މިކަން ހަގީގަތަކަށް ހަދަން ވަރަށް މަސައްކަތް ކުރެވިއްޖެ. ކޮންމެ ފަހަރަކު ވެސް އުންމީދު ފުނޑު ފުނޑުވަނީ. އެކަމަކު އަދި ވެސް އުންމީދު އެބައޮތް،" އަދޫރިޒް ބުންޏެވެ.
އަދޫރިޒް، 39، ބުނީ ސީޒަން ނިންމާލާފައި ރިޓަޔާ ކުރުމުގެ ކުރިން މުބާރާތެއް ކާމިޔާބުކުރަން ބޭނުންވާ މިންވަރު ބުނެދެން ވެސް ނޭނގޭ ކަމަށެވެ. އަދި އެކަމަކީ އަބަދު ވެސް ދެކެމުން އައި ހުވަފެނެއް ކަމަށެވެ.