އައިޓީބީ ބާލިންގައި ރާއްޖެ އިޝްތިހާރު ކުރަން ދިވެހި 99 ކުންފުނި

އައިޓީބީ ބާލިންގައި ބައިވެރިވާ ފަރާތްތަކާއެކު އެމްއެމްޕީއާރުސީން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ/އެމްއެމްޕީއާރުސީ

ދުނިޔޭގައި ބާއްވާ ޓްރެވަލް އެންޑް ޓްރޭޑް އެންމެ ބޮޑު ފެއާ ކަމަށްވާ އައިޓީބީ ބާލިންގައި ރާއްޖެ އިޝްތިހާރު ކުރަން 99 ކުންފުންޏަކުން ރަޖިސްޓްރީކޮށްފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުނެފި އެވެ.

އެމްއެމްޕީއާރުސީން ބުނީ މިއަހަރުގެ އައިޓީބީ ބާލިންގައި ބައިވެރިވާން 99 ކުންފުންޏަކުން 244 ފަރާތެއް މިހާތަނަށް ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.

އަންނަ މާޗު މަހުގެ 4 - 8 ޖަރުމަންވިލާތުގެ ބާލިންގައި ބާއްވާ އެ ފެއާގެ ފުރަތަމަ ދުވަހު ރާއްޖޭގެ ވަފުދުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ އެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި މިއަހަރު ކުރިއަށްގެންދާ ހަރަކާތްތަކާއި ކުރިއަށް ރާވަމުންދާ ހަރަކާތްތަކާ ގުޅޭ މައުލޫމާތު ހިއްސާ ކުރާނެ އެވެ.

މީގެ އިތުރުން ހަމަ އެ ދުވަހު މޯލްޑިވިއަން ނައިޓްގެ ނަމުގައި ހާއްސަ ހަރަކާތެއް އޮންނާނެ ކަމަށް ވެސް އެމްއެމްޕީއާރުސީން ބުނެ އެވެ.

އެ ހަރަކާތުގައި ދިވެހި ސަގާފީ ނެށުމެއްގެ އިތުރުން ލައިވް މިއުޒިކްއާއި ދިވެހި ކެއުންތަކުގެ ރަހަ ބަލައިލުމުގެ ފުރުސަތު ވެސް ލިބިގެންދާނެ އެވެ.

ކުރީ އަހަރުތަކާ އަޅާބަލާއިރު މިއަަހަރުގެ އައިޓީބީ ބާލިންގައި ރާއްޖޭގެ ސްޓޭންޑުގެ ޖާގަ ބޮޑުވާނެ ކަމަށް ވެސް އެމްއެމްޕީއާރުސީން ބުނެ އެވެ.

ދިވެހި ސްޓޭންޑުގައި ފެއާ ކުރިއަށްދާ ކޮންމެ ދުވަހަކު ވެސް ދިވެހި ކެއުންތަކުގެ ރަހަ ބެލުމާއި އަތްތެރި މަސައްކަތްތަކާއި ސަގާފީ ހަރަކާތްތަކާއި މިއުޒިކްގެ އިތުރުން ވާޗުއަލް ރިއަލިޓީ މެދުވެރިކޮށް ރާއްޖޭގެ ގުދުރަތީ ރީތިކަން ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ފެއާއަށް ޒިޔާރަތްކުރާ މީހުންނަށް ލިބިގެންދާނެ އެވެ

ޖަރުމަންވިލާތަކީ ޔޫރަޕުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެވެ. މިދިޔަ އަހަރު އެގައުމުގެ 131،561 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއިރު، އެއީ އޭގެ ކުރީ އަހަރާ އަޅާބަޅާއިރު 11.9 ޕަސެންޓު އިތުރުވުމެކެވެ. އަދި އެއީ މިދިޔަ އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ ޖުމުލަ އަދަދުގެ ތެރެއިން 7.7 ޕަސެންޓެވެ.

comment ކޮމެންޓް