އިބްތިހާލް މަރާލިތާ ފަސް އަހަރަށް ފަހު މި މަހު މައްސަލައިގައި ހުކުމް ކުރަނީ

އާފިޔާ މުހައްމަދު މަނިކު، މުހައްމަދު އިބްތިހާލާ އެކު --

މުހައްމަދު އިބްތިހާލް މަރާލި މައްސަލައިގައި އެ ކުއްޖާގެ މަންމަ ވ. ރަކީދޫ އާފިޔާ މުހައްމަދު މަނިކުގެ މައްޗަށް އުފުލާފައިވާ ގަސްތުގައި ކުއްޖަކު މަރާލުމާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާގެ ޝަރީއަތް މި މަހު މުޅިން ނިންމާލާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެއްޖެ އެވެ.

އެ މައްސަލައިގައި މިއަދު އޮތީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ދެ ހެއްކެއްގެ ހެކިބަސް ނެގުމެވެ. އެއީ އާފިޔާ، އެކި ދުވަސް މަތިން އިބްތިހާލަށް ޖިސްމާނީ އަނިޔާކުރިކަން ސާބިތުކޮށްދިނުމަށް ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި އިބްރާހިމް ޝަފީގް އާއި ޝާމިލާ މުހައްމަދެވެ.

ނަމަވެސް އެ ދެ މީހުންނަށް ގުޅުމަށް ދައުލަތުން ތަކުރާރުކޮށް މަސައްކަތް ކުރުމުން ވެސް، ދެމީހުން ފޯނަށް ޖަވާބުނުދޭތީ މިއަދުގެ އަޑުއެހުމަށް ހާޒިރުކުރެވޭ ގޮތް ވަނީ ނުވެފައެވެ. ދައުލަތުން ހުށަހެޅި ހެކީންގެ ތެރެއިން މިހާރު ނެގިފައި ނުވަނީ މި ދެމީހުންގެ ހެކިބަސް އެކަންޏެވެ.

އެހެންކަމުން ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާ އައިޝަތު މުހައްމަދު ވަނީ އެ ދެމީހުންނަށް ވެސް ކޯޓަށް ހާޒިރުވުމުގެ އަމުރެއް ފޮނުވައިދިނުމަށް އެދިވަޑައިގެންފައެވެ. ދައުލަތުން ތަކުރާރުކޮށް ގުޅައިގެން ވެސް އެ ދެމީހުން ހާޒިރު ކުރެވިފައި ނުވާކަމަށާއި، ނަމަވެސް ކޯޓުން އަމުރެއް ފޮނުވައިފިނަމަ އެމީހުން ކޯޓަށް ހާޒިރުވާނެކަމަށް ގަބޫލުކުރައްވާ ކަމަށް ވަކީލާ ވިދާޅުވިއެވެ.

ޕްރޮސެކިއުޓާގެ އެދިލެއްވުމާ ގުޅިގެން މައްސަލަ ބައްލަވާ ގާޒީ، މުހައްމަދު ސަމީރު ވަނީ އެ ދެ ހެކީންގެ ހެކިބަސް ކޮންމެހެން ނަގަން ޖެހޭތޯ އާއި އެމީހުންގެ ހެކިބަސް މުހިންމުތޯ ސުވާލުކުރައްވައިފަ އެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ ދެ ހެކީންގެ ތެރޭގައި ހިމެނޭ އިބްރާހިމް ޝަފީގް އަކީ އާފިޔާގެ ފަރާތުން ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ މީހެއްކަން ވެސް ފާހަގަ ކުރައްވައިފަ އެވެ.

އަދި ކޯޓަށް ހާޒިރުވުމުގެ އަމުރެއް ފޮނުވައިގެން ޝަފީގްގެ ހެކިބަސް ނަގަން ބޭނުންވާކަމަށް އާފިޔާ ވެސް މިއަދު ވަނީ ކޯޓުގައި ބުނެފައެވެ.

ދެފަރާތުގެ ވާހަކަތަކާ ގުޅިގެން ގާޒީ ސަމީރު ވިދާޅުވީ ދެ ހެކީން އުޅޭ ތަނުގެ މައުލޫމާތު ކޯޓާ ހިއްސާކުރުމުން އެ ދެމީހުންނަށް ވެސް ކޯޓަށް ހާޒިރުވުމުގެ އަމުރެއް ފޮނުވާނެ ކަމަށެވެ. އަދި މިއީ ފަހު ފުރުސަތުކަން ފާހަގަ ކުރައްވައި، ގާޒީ ވަނީ ދެން އޮންނަ އަޑުއެހުމެއްގައި ހުލާސާ ބަޔާން އިއްވަން ތައްޔާރުވުމަށް ދެ ފަރާތަށް ވެސް އަންގައިފައެވެ.

ގަޒީ ވިދާޅުވީ މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ މި މަހުގެ 18 ވަނަ ދުވަހުގެ ނުވައެއް ޖަހާއިރު އެވެ. އެ އަޑުއެހުމުގައި ދެ ހެކީންގެ ހެކިބަސް ނެގުނަސް ނުނެގުނަސް އަޑުއެހުންތައް ނިންމާލާނެ ކަމަށް ގަޒީ ވިދާޅުވިއެވެ.

ގަޒީ ސަމީރު ވިދާޅުވީ އެ އަޑުއެހުމުގައި ހުލާސާ ބަޔާން އިއްވުމަށްފަހު ދެން އޮންނާނީ މައްސަލަ ނިންމުން ކަމަށެވެ. އަދި އެ އަޑުއެހުން އޮންނާނީ މި މަހުގެ 26 ވަނަ ދުވަހުގެ 11:30 ގައި ކަމަށް ގާޒީ މިއަދު ވަނީ އިއުލާނުކުރައްވައިފަ އެވެ.

މީގެކުރިން މި މައްސަލައިގައި ވ. ރަކީދޫގައި ތިބި ދައުލަތުގެ ފަސް ހެކިވެރިއެއްގެ ހެކިބަސް ވަނީ ނަގައިފައެވެ. އެ މީހުންގެ ހެކިބަސް ނަގާފައި ވަނީ ރަކީދޫ ކޯޓުގައި ވީޑިއޯ ކޮންފަރެންސް ކޯލް މެދުވެރިކޮށެވެ.

އެދުވަހު ކެހިބަސް ދިން އެކަކު ބުނީ އިބްތިހާލްގެ ގައިން އަނިޔާގެ ނިޝާންތައް ފެނުނު ނަމަވެސް، ދުވަހަކުވެސް އިބްތިހާލްގެ ގައިގައި އާފިޔާ ޖެހި ތަން ނުފެންނަ ކަމަށެވެ. އަދި އިބްތިހާލަށް އަނިޔާ ނުކުރާ ކަމަށް އާފިޔާ އޭނާ ގާތުގައި ބުނި ކަމަށްވެސް ބުންޏެވެ.

ނަމަވެސް އިބްތިހާލަށް "އައްދޮ ކުރީ ކާކުހޭ، މަންމަ ހެއްޔޭ" އެހުމުން ޖަވާބުގައި އިބްތިހާލް ބޯޖަހާލިކަމަށް ވެސް ހެކެރިޔާ ބުނެފައިވެއެވެ.

ކޯޓުގައި ހެކިބަސް ދިން އާފިޔާގެ އަވަށްޓެރިޔަކު ބުނެފައި ވަނީ އެއް ދުވަހަކު، އާފިޔާ އިބްތިހާލްގެ ގައިގައި ޖެހިތަން ފެނުނު ކަމަށެވެ. އަދި އިބްތިހާލްއާ އެހެން ދަރިންނާ އާފިޔާ ތަފާތު ކުރާ ކަމަށާއި، ކާގޭގައިވެސް އިބްތިހާލް ބަހައްޓާފައި ހުންނާނީ ވަކި ގޮނޑިއެއްގައި ކަމަށް ބުންޏެވެ.

ކޯޓުގައި ހެކިބަސް ދިން އެންމެން ވެސް ވަނީ އިބްތިހާލްގެ ހަށިގަނޑުން އަނިޔާގެ ނިޝާންތައް ފެނިފައިވާކަމަށް ބުނެފައެވެ.

މީގެ ކުރިން އާފިޔާ ވަނީ އިބްތިހާލް މަރާލި ކަމަށް އިއުތިރާފުވެފަ އެވެ. އެގޮތުން އިބްތިހާލްއަށް އަނިޔާ ކުރި ގޮތް އޭނާ ވަނީ ބުދެއް ބޭނުންކޮށްގެން ފުލުހުންގެ ތަހުގީގަށްވެސް ކިޔައިދީފަ އެވެ. އަދި ޝަރީއަތުގެ މަޖިލީހުގައިވެސް އޭނާ ވަނީ އިބްތިހާލް މަރާލި ކަމަށް އިއުތިރާފުވެފަ އެވެ.

އެކަމަކު އެފަހުން މިދިޔަ އަހަރުގެ އޮކްޓޯބަރު އަށް ވަނަ ދުވަހު މަރުގެ މައްސަލައިގައި ބޭއްވި ހެކިބަސް ނެގުމުގެ އަޑުއެހުމުގައި އާފިޔާ ވަނީ އިބްތިހާލަށް އަނިޔާ ނުކުރާ ކަމަށް ބުނެ އެކަމަށް ދެކޮޅު ހަދާފަ އެވެ. އޭނާ ބުނީ ކުރިން އިއުތިރާފުވީ ޖަލު އޮފިސަރުން އޭނާއަށް ވަޅިން ބިރު ދެއްކުމުން ކަމަށެވެ.

comment ކޮމެންޓް