އެލް ސަލްވަޑޯގެ ޕާލިމެންޓުން ބިލެއް ފާސްނުކޮށްގެން، ފުލުހުންނާއި ސިފައިން ޕާލިމެންޓަށް ވަދެއްޖެ

އެލް ސަލްވަޑޯގެ ޕާލިމެންޓަށް ފުލުހުންނާއި ސިފައިން ހަތިޔާރާއެކު ވަދެފައި -- ފޮޓޯ: ރޮއިޓާސް

ސަން ސަލްވަޑޯ (ފެބްރުއަރީ 10): އެލް ސަލްވަޑޯގެ ސަލާމަތީ ފައުޖުތަކަށް ލޯނެއް ދޭން ހިމަނާފައިވާ ބިލެއް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސް ނުކޮށްގެން، އެގައުމުގެ ސިފައިންނާއި ފުލުހުން ޕާލިމެންޓަށް ވަދެއްޖެ އެވެ.

ހަތިޔާރު އަޅައިގެން ތިބި ފުލުހުންނާއި ސިފައިން އިއްޔެ އެލް ސަލްވަޑޯގެ ޕާލިމެންޓަށް ވަނީ އެގައުމުގެ ރައީސް ނަޔިބު ބުކެލީއާ އެއްކޮށެވެ. ރައީސް ބުކެލީ އެ ހާއްސަ ބައްދަލުވުން ބޭއްވެވީ ސަލާމަތީ ފައުޖުތަކަށް ދޭ 109 މިލިއަން ޑޮލަރުގެ ލޯނަކަށް ރުހުން ދިނުން ޕާލިމެންޓުން ފަސް ކުރަމުން ދާތީ އެވެ.

އެގޮތުން މީގެ ކުރިން އެ ބިލާ ބެހޭ ގޮތުން ބޭއްވި ބައްދަލުވުމުގައި، އިދިކޮޅު މެމްބަރުންގެ މެޖޯރިޓީ އޮންނަ ޕާލިމެންޓުގައި ބަހުސް ކުރަން ކޯރަމް ހަމަ ނުވި އެވެ. އަދި އެބައްދަލުވުމަށް ފަހު ބުކެލީ ވަނީ އިއްޔެގެ ބައްދަލުވުން ބާއްވާ އިރު އޭނާއަށް ތާއިދު ކުރާ ފަރާތްތަކުން ޕާލިމެންޓު ކައިރިއަށް އެއްވުމަށް ގޮވާލައްވާފަ އެވެ. އޭގެ ސަބަބުން އިއްޔެ ޕާލިމެންޓު ކައިރިއަށް 50،000 ވަރަކަށް މީހުން އެއްވި އެވެ.

މީގެ އިތުރުން އެ ބިލް ފާސް ކުރުމަށް ޕާލިމެންޓަށް ޕްރެޝަރު ކުރުމަށް އެލް ސަލްވަޑޯގެ ޑިފެންސް މިނިސްޓަރާއި ޕޮލިސް ޑިރެކްޓަރު ތާއިދު ކުރެއްވި އެވެ. އަދި ފުލުހުންނާއި ސިފައިން ޕާލިމެންޓަށް ވަދެ އިރުކޮޅަކަށް ތިއްބެވެ.

އެ ހާއްސަ ބައްދަލުވުން ނިންމަވާލެއްވުމަށް ފަހު ބުކެލީ ވަނީ ބިލް ފާސް ކުރުމަށް ޕާލިމެންޓަށް ހަތް ދުވަސް ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ މުއްދަތުގައި ބިލް ފާސް ނުކޮށްފި ނަމަ، އޭނާއަށް ތާއިދު ކުރާ މީހުން އަނެއްކާވެސް ޕާލިމެންޓު ކައިރިއަށް އެއްވުމަށް ގޮވާލައްވާފަ އެވެ.

އެލް ސަލްވަޑޯގެ އިދިކޮޅު ޕާޓީތަކުން ވަނީ ސިފައިންނާއެކު ރައީސް ޕާލިމެންޓަށް ވަޑައިގެންނެވީ އެމީހުންނަށް ބިރު ދައްކަން ކަމަށް ބުނެ އެކަން ކުށްވެރިކޮށްފަ އެވެ.

އެލް ސަލްވަޑޯ އަކީ މުޅި ދުނިޔޭގައިވެސް މީހުން މެރުމުގެ މައްސަލަތައް އެންމެ ގިނަ އެއް ގައުމެވެ. އަދި މިދިޔަ ޖޫން މަހު ބުކެލީ ވެރިކަމަށް ވަޑައިގެންނެވީ ކުށް ކުރުން ހުއްޓުވުމަށްޓަކައި ފުލުހުންނާއި ސިފައިންގެ ވަސީލަތްތައް ރަނގަޅު ކޮށްދޭނެ ކަމުގެ ވައުދާއެކުގަ އެވެ.

comment ކޮމެންޓް