މާލޭއަށް ދިމާވެފައި މިއޮތީ ފަލަސްތީނަށް ދިމާވެފައި އޮތް ހާލަތު: އަނދުން ހުސައިން

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް

ތޮއްޖެހިފައިވާ މާލެގެ ރައްޔިތުންނަކީ ކިޔަމަންތެރި ބައެއް ކަމަށާއި އެ ރައްޔިތުންނަށް ޖެހިފައި މިވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައި އޮތް ފަދަ ކަމެއް ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެއްޖެ އެވެ.

ފަލަސްތީނުގެ ބިމަށް އިސްރާއީލުން ވެރިވެގަނެފައި ވަނީ 1976 ވަނަ އަހަރު ހިނގި އަރަބި އިސްރާއީލުގެ ހަނގުރާމައިގަ އެވެ. އިސްރާއީލުން ވެރިވެގެންފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް އިސްރާއީލުން އަދި ވެސް ދަނީ ޣައިރު ގާނޫނީ އަމަލުތަކެއް ހިންގަމުންނެވެ.

އަނދުން ހުސައިން މާލެ ސިފަ ކުރެއްވީ ފަލަސްތީނުގެ ގޮތުގަ އެވެ. ސަބަބެއްގެ ގޮތުގައި މެންބަރު ފާހަގަކުރައްވާފައި ވަނީ މާލޭގެ ރައްޔިތުންގެ ބަދަލުގައި ރާއްޖެތެރޭގެ އެހެން ރަށް ރަށްތަކުން މާލެއަށް ހިޖުރަކުރި ފަރާތްތަކަށް ބޯހިޔާވަހިކަން ލިބުމެވެ. މާލޭގެ ރައްޔިތުންނަށް އަމިއްލަ ބޯހިޔާވަހިކަމެއް ނުލިބުމުގެ ބަދުނާމު އަނދުން ހުސައިން އެޅުއްވީ 'ރާއްޖެތެރޭ' މީހުންގެ ބޮލުގަ އެވެ.

"ހުރިއްޔާ ހުރި ތަނެއް ހިއްކާފައި ރާއްޖޭގެ އެކި ކަންކޮޅުތަކުން އިއްޒަތްތެރި ލޮބުވެތި ރައްޔިތުން ގެނައިސް މިތަންތަނަށް ވަޒަންވެރިކުރުވައި މާލޭގެ ރައްޔިތުން ތިބި ގޮތަށް ތިބީ. އެހެންވީމާ މިއީ ހަމަ ގާތްގަޑަކަށް މިތަނަށް ދިމާވެފައި މި އޮތީ ފަލަސްތީނަށް ދިމާވެފައި އޮތް ކަހަލަ ކަމެއް،" މާލެއަށް ނިސްބަތްވާ މެންބަރު ވިދާޅުވި އެވެ.

މާލޭގެ ރާއްޔިތުންނަކީ ކިޔަމަންތެރި 'ބަސްއަހާ' ބައެއް ކަން ފާހަގަކޮށް އަނދުން ހުސައިން ވިދާޅުވީ، އެގޮތުގައި އެ ރައްޔިތުން ތިބީ ވެރިންގެ ރަނގަޅު ގޮތެއްގައި ކަން ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަމާއި އިތުބާރާ އެކު ކަމަށެވެ. އެގޮތުން މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މާލޭ ރައްޔިތުން ބިންވެރިކަމުގައި އުފަލުން ފޮޅޭވަރުކޮށްލާނެ ކަން އަނދުން ހުސައިން ފާހަގަކުރެއްވި އެވެ.

"މިއީ މާލޭ މީހުންގެ ރަށެއް. މިއީ މާލޭގެ ލޮބުވުތި އިއްޒަތްތެރި ރައްޔިތުންގެ ރަށެއް މިއީ. މިރަށުގެ ވެރިކަން ކުރިއަސް ވެރިކަން ނުކުރިއަސް މި ރަށުގެ އަހުލުވެރިންގެ ރަށެއް މިއަކީ،" އަނދުން ހުސައިން ވިދާޅުވި އެވެ.

ރާއްޖޭގެ ހެދިފައި ހުރި ގާނޫނުތަކާއި ގަވާއިދުތައް ހުރި ގޮތުން މާލޭގެ ރަށްވެއްސަކަށް އަތޮޅުތެރޭގެ އެހެން އެއްވެސް ރަށަކުން ގޯއްޗަކަށް އެދުމުގެ ހައްގު ލިބިގެން ނުވާ ކަން އަނދުން ހުސައިން ފާހަގަކުރެއްވި އެވެ.

މާލެ އިން މިހާރު އެއްވެސް މީހަކަށް ބަންޑާރަ ގޯއްޗެއް ނުދެ އެވެ. ހުޅުމާލެއިން ވެސް ބިން ވިއްކަނީ އެވެ. މާލެ އިން ރަށްރަށުގެ މީހުން ގޯތި ގަތުމަށް ހުރަހެއް ނެތެވެ. އަދި މާލޭ މީހުން ރަށްރަށުން ވެސް ގޯތި ގަތުމަކަށް ހުރަހެއް ނެތެވެ.

comment ކޮމެންޓް