އަދުހަމް، ގާސިމް މަރާލީ ގަސްދުގައި ކަމަށް ބުނެ މައްސަލަ ކޯޓަށް ފޮނުވައިފި

ޓެކްސީ ޑްރައިވަރު މަރާލި ކަމަށް އިއުތިރާފުވި އަދުހަމް --

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި ކަމަށް އިއުތިރާފްވެފައިވާ އަދުހަމް މުހައްމަދުގެ މައްޗަށް ދައުވާކޮށް، މައްސަލަ ކޯޓަށް ފޮނުވައިފި އެވެ.

ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން ބުނީ އަދުހަމްގެ މައްޗަށް އުފުލާފައި ވަނީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން، ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ކަމަށެވެ. މައްސަލަ ކޯޓަށް ފޮނުވާފައި ވަނީ އިއްޔެ އެވެ.

ތޫނު އެއްޗަކުން ހަމަލަދީ ޓެކްސީ ޑްރައިވަރު ގާސިމް މަރާލާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު ހަތަރު ވަނަ ދުވަހު އެވެ. ގާސިމް މަރުވީ އޭނާގެ އަތުން ފައިސާ ފޭރުމުގެ ގޮތުން ބިރުދެއްކުމަށް އުޅުމުގެ ތެރޭގައި ކަމަށް އޭނާގެ ގާތިލް އަދުހަމް އިއުތިރާފްވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ ގާސިމް މަރާލި ކަމަށް އަދުހަމް ފުލުހުންގެ ތަހުގީގުގަ އާއި، ކްރިމިނަލް ކޯޓުގެ ބަންދުގެ މަޖިލީހުގައި ވެސް އިއުތިރާފުވެފައިވާ ކަމަށެވެ.

ނަމަވެސް އަދުހަމް އުޅުނީ ގާސިމްގެ އަތުން ފައިސާ ފޭރެން ކަމަށާއި އޭނާ އިއުތިރާފުވެފައި ވަނީ ގާސިމް މަރުވީ އޭނާގެ އަތުން ފައިސާ ފޭރުމުގެ ގޮތުން ވަޅިން ބިރުދެއްކުމަށް އުޅުމުގެ ތެރޭގައި ކަމަށް ވެސް ފުލުހުން ބުންޏެވެ. ގާސިމް މަރާލީ ސީދާ އޭނާ މަރާލުމުގެ ނިޔަތުގައި ގޮސް ކަމަށް ފުލުހުން ގަބޫލެއް ނުކުރެ އެވެ.

ފުލުހުން ބުނީ، އަދުހަމް އިއުތިރާފުވެފައި ވިޔަސް އޭނާގެ މައްޗަށް ޝަރީއަތް ކޮށްގެން ކުށް ސާބިތުވާނެ ވަރަށް ހެކި ހޯދާނެ ކަމަށެވެ. އަދި މިހާރު ވެސް މުހިންމު ފޮރެންސިކް ހެކިތައް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އެ މައްސަލަ ތަހުގީގު ކުރަން 193 ކެމެރާއަކުން ފުލުހުން ވަނީ 1215 ގަޑިއިރުގެ ވީޑިއޯ އެނަލައިޒްކޮށްފަ އެވެ. ފުލުހުން ބުނި ގޮތުގައި ގާސިމް މަރާލުމުގައި އެހެން އެއްވެސް ބަޔަކު ބައިވެރިވިކަމެއް އަދި އެނގިފައެއް ނުވެ އެވެ.

އަދުހަމް އަކީ މަސްތުވާތަކެއްޗާއި، ވައްކަމާއި، ފޭރުމުގެ މައްސަލަތަކުގެ ރެކޯޑެއް އޮންނަ މީހެކެވެ.

އަދި މަގުމަތީގައި ތަޅު ދަނޑި ޖަހާފައި ހުރި ޕީސީއެކްސް ސައިކަލެއް އެހެން މީހަކު މެދުވެރިކޮށް ވެރިފަރާތައް ނޭނގި ހުޅުމާލެއަށް ގެންދިޔަ މައްސަލައެއްގައި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ ސާބިތުވެ އޭނާއަށް ވަނީ އެއް އަހަރާއި ބާރަ ދުވަހުގެ ޖަލު ހުކުމެއް އައިސްފަ އެވެ.

comment ކޮމެންޓް