އިމާދުއްދީން ހިންގުން އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލްއާ ވަގުތީ ގޮތުން ހަވާލުކޮށްފި

އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހަސަން ސައީދު --

އިމާދުއްދީން ސްކޫލުް ހިންގުން ވަގުތީ ގޮތުން އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހުސައިން ސައީދުއާ ހަވާލުކޮށްފި އެވެ.

ސައީދު "ސަން" އަށް ވިދާޅުވީ އިމާދުއްދީން ހިންގަން ހަވާލުކުރީ ވަގުތީ ގޮތުން ތިން މަސް ދުވަހަށް ކަމަށެވެ. އިމާދުއްދީންއާ ހަވާލުވިޔަސް އިސްކަންދަރު ސްކޫލް ވެސް ހިންގާނީ އޭނާ ކަމަށް ސައީދު ވިދާޅުވި އެެވެ.

ސައީދު ވަނީ 13 އަހަރު ވަންދެން ޕްރިންސިޕަލްގެ މަގާމު ފުރުއްވައިފަ އެެވެ. އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލްކަމުގައި އޭނާ ހުންނަވާތާ މިހާރު 10 އަހަރު ވެސްވެއްޖެ އެެވެ. އޭގެ އިތުރުން ސައީދު ވަނީ ކުރިން ރާއްޖޭގެ ތިން ސަރަހައްދެއްގެ އަތޮޅުވެރިކަން ވެސް ކުރައްވައިފަ އެވެ.

ސައީދުއާ އިމާދުއްދީން ހަވާލުކުރި އިރު، އިމާދުއްދީންގެ ޕްރިންސިޕަލް އިބްރާހިމް ޝާތިރު އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ ނެޝެނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ)ގެ ޕްރިންސިޕަލްގެ މަގާމަށް ބަދަލު ވެސްކޮށްފަ އެެވެ.

އޭގެ އިތުރުން އިމާދުއްދީނުގައި ތިއްބެވި ދެ ޑެޕިއުޓީ ޕްރިންސިޕަލުން ޝަކީބާ އަލީ އަދި ލަތީފާ ހަސަން ތާޖުއްދީން ސްކޫލަށާއި ހިރިޔާ ސްކޫލަށް ވަނީ ބަދަލުކޮށްފަ އެެވެ. އަދި އެ ދެ މީހުންގެ ބަދަލުގައި ތާޖުއްދީނާއި ހިރިޔާގައި ތިއްބަވާ ޑެޕިއުޓީ ޕްރިންސިޕަލުން އިމާދުއްދީނަށް ވަނީ ބަދަލުކޮށްފަ އެެވެ.

ޕްރިންސިޕަލް އިބްރާހިމް ޝާތިރު އެންއައިއީއަށް ބަދަލުކުރި އިރު، އޭނާއާ ގުޅޭ ގިނަ މައްސަލަތަކެއް ފާހަގަކޮށް، މިދިޔަ އޮކްޓޫބަރު މަހު އެ ސްކޫލުގެ ގިނަ އަދަދެއްގެ ޓީޗަރުންނާއި ބެލެނިވެރިން ސޮއިކޮށް މިނިސްޓްރީއަށް ވަނީ ޕެޓިޝަނެއް ހުށަހަޅައިފަ އެވެ.

އިމާދުއްދީން ސްކޫލުގެ ޕްރިންސިޕަލްގެ ގޮތުގައި ޝާތިރު ހަމަޖެއްސީ މިދިޔަ ޖުލައި މަހު، އޭރު އެ މަގާމުގައި ހުންނެވި އަހުމަދު މުޖާހިދު، އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.

މިދިޔަ ހަފްތާގައި އެޑިއުކޭޝަންގެ ޓީމެއް އެ ސްކޫލަށް ގޮސް، ސްކޫލުގެ މެނޭޖްމަންޓާއި ޓިޗަރުންނާ ބައްދަލުކޮށް ސާވޭ ފޯމެއް ވަނީ ފުރުވައިފަ އެވެ. ޕްރިންސިޕަލާއި ދެ ޑެޕިއުޓީ ޕްރިންސިޕަލުން ވަކިކުރަން ނިންމާފައި ވަނީ އެއަށްފަހު އެވެ.

comment ކޮމެންޓް