މަ ލޯތްބެއް ދެން ނުވާނަމޭ... - 18

ހިމީގެ މަ ލޯތްބެއް ދެން ނުވާނަމޭ...

"އާނ... އަހަރެންގެ މަޅީގަ ހަމަ ރަނގަޅަށްވެސް ޖެހި ހައްޔަރުވެއްޖެ" ސުމާ ބުނެލިއެވެ. އަދި ހީގަތެވެ. ދެމީހުން އެތައް ސަކަރާތެއް ޖެހިއެވެ. ޒަލަފް ލާރި ޓްރާސްފާރ ކުރުމާއެކު ދެމީހުން އެތަނުން އެއްޗެއް ކައިގެން ބީޗާ ދިމާލަށް މިސްރާބުޖެހިއެވެ.

"ސަމީހު.... ހިނގާބަލަ މޫދަށް އެރެން" ކުއްލިއަކަށް ސުމާ އެހެން ބުނެލުމާއެކު ސަމީހު ސުމާ އޭނާގެ ގަޔާ ކައިރިކޮށްލަމުން މޫދާ ދިމާލަށް މިސްރާބުޖެހިއެވެ. ދެމީހުން އެކުގައި މޫދުގައި އެތައް ސަކަރާތެއް ޖެހިއެވެ.

*****

އިޔާން އޮފީހުގައި އޭނާގެ ކެބިންގައި އިން އިރު ވިސްނެނީ އައިރީން އާ މެދުގައެވެ. އައިރީން އޭނާގެ ފަރާތުން މިއަދު ވަރިވާން ބޭނުންވަނީ ކީއްވެ ހެއްޔެވެ؟ އިއްޔެއާ ޖެހެންދެން އޭނާ އިންތިޒާރު ކުރި ލަފުޒުތައް އަޑު އިވުމުންވެސް އެހިތަށް ހަމަ ޖެހުމެއް ނުލިބިގެން މިއުޅެނީ ކީއްވެހެއްޔެވެ؟ ކުރީގައި އޭނާގެ ހަނދާނުގައި ޒާނާގެ ހިޔާލުތައް ވަކި ހިއްޕާލާފައި ވިޔެއްކަމަކު މިހާރު އެ ސިކުނޑި ހިސާރުކުރަމުން ދަނީ އައިރީންގެ ޚިޔާލުތަކުންނެވެ. އޭނާ ގެއަށް ދިޔައިރު އައިރީން އޮތީ ނިދާފައެވެ. އެހެންކަމުން އުނދަގޫ ނުކުރަން ވެގެން އޭނަވެސް އެއްޗެހި ބަދަލުކޮށްގެން އައިސް އޮށޯތީއެވެ.

ޖެހިގެން އައި ދުވަހު އައިރީން ނަމާދުކޮށް ހަދާލައިގެން ފަތާ ފެންގަނޑާ ދިމާލަށް ދިޔައިރު އެތަނުގައި އިން ގޮނޑިއެއްގައި ޒަލަފް އިނެވެ. އޭނާ މަޑުމަޑުން ގޮސް ޒަލަފް ސިއްސުވާލިއެވެ. އަދި ހީގަތެވެ. ޒަލަފް އިން ގޮނޑީގައި އިށީންނަމުން އޭނާ ކީކޮށްލަނީ ހޭ އަހާލިއެވެ.

"ކަމެއް ނުކުރަން ދެން ވިސްނާލަނީ ހަޔާތާ ދޭތެރޭ..." ޒަލަފް ބުނެލިއެވެ. އޭނާ އައިރީން އަށް ބަލާލިއެވެ.

"ސުމާ އާ ދޭތެރޭގަތަ؟ އަހަރެން ވާހަކައެއް ބުނަންތަ؟" އައިރީން ހުއްދައަށް އެދުނެވެ.

"އެކަމަކު ރުޅި ނާންނާތި އިނގޭ!" ޒަލަފް އައިރީންގެ ވާހަކައަށް ބޯ ޖަހާލިއެވެ.

"ސުމާ އަކީ ޒަލަފް އާ އެކަށީގެންވާ ކުއްޖެއް ހެނެއް ހިޔެއް ނުވޭ... "

"ކީއްވެ ތިހެން ތި ބުނީ؟" ޒަލަފް އަހާލިއެވެ. އޭނާގެ މޫނުމަތިން ހައިރާން ކަން ފެނިގެން ދިޔައެވެ.

"ޒަލަފްއަށް ދެރަގޮތެއް ވާކަށް އަހަރެންވެސް ނޭދެން... ރޭގަވެސް ސުމާއާ ދެއްކި ވާހަކަ އަހަރެން އަޑު އެހިން... އަބަދާ އަބަދު އެހެން ލާރި ދޭން ޒަލަފް ގާތު ކިޔާއިރު ހަޤީގަތުގައި އޭގެން ކުރާ ބޭނުމެއް ޒަލަފްއަށް ވެސް އެނގެން ޖެހޭނެއެއްނު... ކުރީ ފަހަރުވެސް ޒަލަފް ސުމާއަށް ވިހި ހާސް ރުފިޔާ ދިންކަން އަހަންނަށް އެނގޭ..." ތަންކޮޅެއް ކުރީ ދުވަހެއްގެ ހަނދާނެއް އާކޮށްލަމުން އައިރީން ބުނެލިއެވެ. އެދުވަހުވެސް އޭނާއަށް އެ ކޯލް އަޑު އިވުނީ އިއްތިފާގަކުންނެވެ.

"ސުމާ ބުނަނީ ސުމާ އުޅެނީ ބޮޑު ދައިތައެއް ކައިރީގައޭ... ސުމާ ވަޒީފާއަކަށް ގޮސްގެން ހޯދާ ލާރި ކޮޅު އަތުލާތީ އަތުގަ އެއްވެސް ވަރަކަށް ލާރި ނުހުންނަނީއޭ" ޒަލަފް ބުނެލިއެވެ.

"ކުރީ ހަފްތާގައި ސުމާއަށް ވިހިހާސް... މި ހަފްތާގައި އެންހާސް... އެހެން އަދި އަހަންނަށް ނޭނގި ކިތަށްފަހަރު ލާރި ދީފަ ތަ ހުންނާނީ... ތި ދެމީހުން ފޯނުން ޒުވާބު ކުރާކަން ވެސް އެނގޭ... އަދި އެކަމާ ހުރެކަން ޒަލަފް ބަލި ވަނީވެސް އެނގޭ... ޒަލަފް ކޮށްދޭ ކަންތައް އެޕްރިޝިއޭޓް ނުކޮށް ޒުވާބު ކުރާ މީހަކާ އެކީ އުޅުމުގެ ބޭނުމަކީ ކޮބާ؟" އައިރީން ސުވާލުކޮށްލިއެވެ.

"ދޮންބެ ދައްތައަށް ދޮންބެ އެހާ އަނިޔާ ވެރިވާއިރު އުޅުމުގެ ބޭނުމަކީ ކޮބާ؟" ކުއްލިއަކަށް ޒަލަފް ކޮށްލި ސުވާލުން އައިރީން ސިހުނެވެ. ޒަލަފް އޭނާއަށް ކުރީ ދުވަހު ފެނުނު މަންޒަރުގެ ވާހަލަ ބުނެލިއެވެ.

"ލޯބިވާތީ އެ ހާ އުނދަގޫވަނީ... " ޒަލަފް އޭނާ ކުރި ސުވާލުގެ ޖަވާބުވެސް ދިނެވެ.

"ޒަލަފް ސުމާ އާ އެކު ޒަވާޖީ ހަޔާތެއް ފެށުމުގެ ކުރިން ވިސްނާލާތި... ސުމާގެ އާއިލާ އާ ބެހޭ މާގިނަ މައުލޫމާތު ތަކެއްވެސް ނޭނގެއެއްނު... އަޝްރާ ދައްތައަށް ޒަލަފް ބަލިވަނީ ސުމާގެ ސަބަބުންކަން އެނގޭނަމަ ހުއްދައެއް ނުދޭނެ ސުމާ އާ އެކު އުޅޭކަށް... އާއިލާ އެންމެންވެސް ޒަލަފައަށް ކިހާ ބަލާތަ؟" އައިރީން ވާހަކަ އޮޅުވާލިއެވެ. އިޔާން އޭ ކިޔައިގެން އެއްވެސް ވާހަކައެއް އިތުރަށް ދައްކަން އޭނަ ބޭނުންނުވީއެވެ.

"އެނީވޭ... ތި ވާހަކަ ބާއްވަމާ....އެހެން ވާހަކައެއް ދައްކަބަލަ" ޒަލަފް ބުނެލިއެވެ.

އިޔާން ޖޮގިން ނިންމާލާފައި ސްވިމިން ޕޫލާ ދިމާލަށް ދިޔައީ ކުޑަކޮށް ފަތާލުމުގެ ބޭނުމުގައެވެ. އެ ހިސާބަށް އަރާ ހަމަވީތަނާ އޭނާގެ ލޮލުގައި ހެމުން ދިޔަ ޒަލަފްއާއި އައިރީން އަޅައިގަތެވެ. އައިރީން އެހެން ހެމުން ދާތަން އޭނާއަށް ފެނުނީ އަލަށެވެ. އެހެންކަމުން އިރުކޮޅަކު އެ މަންޒަރަށް ގެއްލިފައި އޭނާއަށް ހުރެވުނެވެ. އައިރީންގެ އެ ހިނިތުންވުން ދިގު ދެމިގެންދާން އޭނާގެ ހިތް ބޭނުންވިއެވެ. އޭނާ އެތަނަށް ގޮސްފިނަމަ އެ ހިނިތުންވުން ފަރުދާވާނެކަން އެނގޭތީ އޭނާ އެ މަންޒަރު ބެލީ ދުރު ދުރުންނެވެ. އައިރީންގެ އުފާވެރި ވަގުތު ކޮޅު ހަލާކުކޮށްލަން ނޭދޭތީ އޭނާ ޕޫލަށް އެރުމުގެ ޚިޔާލު ދޫކޮށްލާފައި ގެއަށް ވަންނަން މިސްރާބުޖެހިއެވެ.

*****

ސުމާގެ ފޯނު ރިންގުވުމާއެކު އޭނާ ކަންނެތް ގޮތަކަށް ލޯ ހުޅުވާލާފައި އެނދުގެ ސައިޑް ކަބަޑު މަތީގައި އޮތް ފޯނު ނަގާބަލާލިއެވެ. ގުޅަނީ ޒަލަފްއެވެ. މޫނުމައްޗަށް ފޫހިވައްތަރެއް ޖައްސާލުމާއެކު އޭނާ ގާތުގައި ނިދާފައި އޮތް ސަމީހުއަށް ބަލާލިއެވެ.

"ކާކުތަ؟ މިގަޑީގަ ގުޅަނީ..." ސަމީހު އުނދަގުލުން ލޯ ހުޅުވާލަމުން ބުނެލިއެވެ.

"އަހަރެމެންގެ އޭޓީއެމް މެޝިން" ސުމާ ބުނެލިއެވެ. ސަމީހު ހިނގަނޑެއް ޖަހާލިއެވެ. ސުމާ ފޯނު ސައިލެންޓަށް ލާފައި ސަމީހުއަށް ބަލާލަމުން އެއް މިޔަކަށް ހީލިއެވެ.

*****

ސަލީމު އާމިރުއާ ބައްދަލުކުރަން އަނެއްކާވެސް އޮފީހަށް ދިޔައީ އޭނަ ލާރި ބޭނުންވީ ވަރުންނެވެ. އޭނާ މިހުރިހާ ދުވަހުވެސް އުޅެމުން އައީ ބޭނުން ވަރަކަށް ލާރި ޖަލީލު އަތުން ހޯދައިގެންނެވެ. އެހެންކަމުން މިހާރުވެސް އެހެންވާން ޖެހޭނެއެވެ. ޖަލީލު ނެތް ދުނިޔެއެއްގައި އޭނާ އެ ލާރި ހޯދާނީ އާމިރު އަތުންނެވެ. އާމިރުއަށް ނުވަންޏާ ދާދި ފަހުން ޑައިމަންޑް ހޯލްޑިންގްސް ކުންފުންޏާއި ހަވާލުވި އާމިރުގެ ދަރި އިޔާން ކައިރިއަށް ވެސ އޭނާ ލާރި ހޯދަން ދާނެ އެވެ.

ސަލީމު މި ފަހަރުވެސް އާމިރު އަތުން ތިރީސް ހާސް ރުފިޔާ އަތުލިއެވެ. އާމިރު ރުޅި އަރުވާލެވުމުން އޭނާއަށް ލިބެނީ އާދަޔާ ޚިލާފް އުފާވެރިކަމެކެވެ. އޭނާ ބޭނުންހާކަމެއް ކުރާވަރަށް ލާރި ލިބޭނެ މަގު ތަނަވަސް ވެފައި އޮތުމުން ސަލީމުގެ އުފާވެރިކަމުގެ ކޮޅެއް ނެތެވެ. އަބަދުވެ ހުރެވެނީ ދަތް ކޮޅު ދިއްލާލައިގެންނެވެ. އޭނާއަށް އެނގޭ ސިއްރުގެ ސަބަބުން ލާރި ލިބޭނެ މަގު ތަނަވަސް ވެފައި އޮތުމުން އަތުން ފައިން މަސައްކަތެއް ކުރާކަށް ނުޖެހެއެވެ. ބޭނުން ވަރަކަށް ފައިސާ ހޯދަންވީއެވެ. އޭނާ އެހެންވިސްނުމެއްވެސް އެބަ ގެންގުޅެއެވެ. އިޔާންއާއި އާމިރު އާއި ދެމީހުން އަތުން ލާރި ހޯދުމުގެ ވިސްނުމެވެ. އެހެންވެއްޖެނަމަ އޭނާއަށް ޑަބަލް ފައިދާ ލިބޭނެއެވެ. ކޮންމެއަކަސް ސަލީމު އެތަނުން ނުކުމެގެން ގެއަށް ދިޔައީ ވަރަށް އުފަލުން ހުރެ އެވެ.

*****

ޒަލަފް ސުމާއަށް ގުޅަ ގުޅާ ވަރުބަލިވެއްޖެއެވެ. ހެނދުނުއްސުރެ ގުޅަނީއެވެ. މިހާރު އަސުރު ނަމާދުވެސް ޖެހެނީއެވެ. ހަތަރު ދަމު ސުމާ ފޯނު ނުނަގާތީ ޒަލަފް ކަންބޮޑުވެސް ވިއެވެ. އެއީ ގިނަ ދުވަސް ދުވަހުގެ ހާލެވެ. ޒަލަފް ކިތަންމެ ވަރަކަށް ގުޅިޔަސް ސުމާ ފޯނު ނަގާނީ ހިތަށް އެރިއްޔާއެވެ. ސުމާ އަމިއްލައަށް ފެނިގެން ގުޅާ ކޮންމެ ފަހަރަކު ޒަލަފްގެ އަތުން ލާރިހޯދާނެއެވެ. މިހާރަކަށް އައިސް ސުމާ އޭނާއާއެކު އެ އުޅެނީ ލާރިއަށޭ ވެސް ހިތަށް އަރައެވެ. އެހެންނަމަވެސް ސުމާ ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން އޭނާ އެ ގޮތަށް ވިސްނާކަށް ބޭނުމެއް ނުވެއެވެ.

ސުމާއުޅޭ ގެއެއްވެސް އޭނާއަކަށް އެނގެނީއެއްނޫނެވެ. އެގެއަށް ގޮސް ހާލު ބަލާލެވޭނީވެސް އެނގޭ ނަމަތާއެވެ. ސުމާ ދުވަހަކުވެސް އުޅޭ ތަން ދައްކާލީއެއްވެސް ނޫނެވެ. ކުޑަ މިނުން ސުމާ އުޅޭ ގެ ހުންނަ މަގަށް ވެސް ޒަލަފް ގޮވައިގެން ނާރައެވެ. އަބަދުވެސް ދައްކާ ބަހަނާއަކީ ގޭ މީހުންނަށް އެނގެން ބޭނުން ނުވާކަމުގައެވެ. ކޮންމެއަކަސް ވިސްނި ވަރަކަށް ސުމާއާ މެދު ޝަކުވާ ހިތުގައި އުފެދުން ނޫން ކަމެއް ނުވެއެވެ.

އެރޭ އިޔާން ގެއަށް އައި އިރު ޒަލަފް އެކަނި މާއެކަނި ބޮޑު ކޮޓަރީގައި ފޯނާ ކުޅެން އިނެވެ. މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ.

"އޭތް ބްރޯ... ކިހިނެތްވެފަ؟" އިޔާން އަހާލިއެވެ.

"ކަމެއް ނުވޭ" ޒަލފް ސުމާގެ ވާހަކަ ހިއްސާ ކުރަން ބޭނުމެއް ނުވިއެވެ.

"އަނެއްކާ ސުމާއާއި މައްސަލައެއް ޖެހުނީތަ؟" އިޔާން އަހާލިއެވެ.

"ނޫން... ނުޖެހޭ... ކުޑަކޮށް މޫޑު އޮފްވެފަ..." ޒަލަފް ބުނެލިއެވެ. އިޔާން އެދުނީ އޭނާއާއެކު ދުއްވާލަން ދާށެވެ. އައިރީން މިއަދު އިޔާންއާ ވާހަކަ ނުދައްކާތީ އައިރީންގެ ކުރިމައްޗަށް އަރަން އިޔާން ޖެހިލުންވަނީއެވެ. ވުމާއެކު އޭނާ މިއަދު ގިނަ ވަގުތުވެސް ހޭދަކުރީ ގޭން ބޭރުގައެވެ.

ދެމީހުން އެކުގައި ހުޅުމާލެއަށް ނައްޓާލީ ކާރުގައެވެ. ދުއްވަން އިނީ އިޔާންއެވެ. ޒަލަފްގެ ނަޒަރު ފޯނުން ދުރެއް ނުވެއެވެ. އޭނާ ވިސްނަމުން ދިޔައީ ސުމާ ކުރި މެސެޖާ ދޭތެރޭގައެވެ. ތިރީސް ހާސް ރުފިޔާ ސުމާ ބޭނުންވަނީ ކީއްވެހެއްޔެވެ؟ އޭގެން ކުރާ ބޭނުން އެހުމުން ސުމާ ރުޅި އަންނަން ޖެހޭ އެއްވެސް ސަބަބެއް ނެތެއް ނޫންހެއްޔެވެ؟

"އޭތް ބްރޯ... ދެން ބުނެބަލަ... ކިހިނެތްތަ ވީ؟" އިޔާން އަހާލިއެވެ. ޒަލަފް ދެފަރާތަށް ބޯ ހޫރާލިއެވެ. ޒަލަފް އެދުނީ ކުރިން ރޭ ސުމާއާއެކު ދިޔަ ކެފޭއަށް ދާށެވެ. އިޔާން ގޮވައިގެން އެތަނަށް އޭނަ ދިޔަ ބޭނުމަކީ ކުރިން ރޭ ފެނުނު ޒުވާނާ ހޯދުމެވެ. އެ ޒުވާނާ އެހެންބުނި ސަބަބެއް ހޯދުމުގެ ބޭނުމުގައެވެ. އެ ޒުވާނާ ފެނިގެން ސުމާގެ މޫނުމައްޗަށް އެރި ކުލަވަރުވެސް ވަރަށް ރީއްޗަށް ޒަލަފްއަށް ފެނުނެވެ. ޝައްކު އުފެދުނީ އެހާ ހިސާބުންނެވެ.

އެ ކެފޭއަށް ވަނުމަށްފަހު ޒަލަފް އޭނާގެ ނަޒަރު އެކި ދިމަ ދިމާލަށް ދައުރުކުރިއެވެ. އެހެންނަމަވެސް އޭނާއަށް އެ ޒުވާނާއަޅައެއް ނުގަނެއެވެ.

"ހިނގާ ދާން" ޒަލަފް އިޔާން ގާތު އެދުނެވެ.

"ދެން އާދެވުނީމަ އެއްޗެއް ބޯ ލައިގެނެއްނު ދާން ވާނީ..." އިޔާން އެދުނެވެ. ޒަލަފް ބޯ ޖަހާލިއެވެ. ދެމީހުން އެތަނުގައި އިށީނެވެ. އެއަށްފަހު ފްރެޝް ޖޫހަކަށް އޯޑަރު ދިނެވެ.

ޒަލަފްއަމިއްލަ ނަފްސަށް އަޑުލިޔެވެ. އެ ޒުވާނާވެސް އަބަދަކު އެތާކު ނުހުންނާނެ އެއްނޫން ހެއްޔެވެ؟ އެކަމަކު އޭނާގެ ހިތަށް ހަމަޖެހުމެއް ލިބޭނީ އެ ޒުވާނާއާއި ބައްދަލު ވުމުން އެކަންނެވެ. ދެމީހުން އެތަނުން ނުކުތް އިރު ބާރަޖަހާ ބޮޑުވަނީއެވެ.

އާދައިގެ މަތިން ސަމީހުއާއެކު ސުމާ ހުޅުމާލޭ ބީޗަށް ހިނގާލަން ދިޔައެވެ.

"އޭނާ އެއްގޮތަކަށްވެސް ލާރި ދޭކަށް އެއްބަހެއް ނުވިޔޭ... އަހަރެމެން ދެން އެތަން ކުއްޔަށް ނަގާނީ ކިހިނެތްތަ؟" ސުމާ އަހާލިއެވެ. ސަމީހު އަތުގައި އޮތް ސިނގިރެޓް ދަމާލުމަށްފަހު ސުމާގެ މޫނުމަށްޗަށް ދުންތައް ބުރުވާލިއެވެ. ސުމާވެސް ނޭފަތް އެތެރެއަށް ދަމާލީ އޭގެން ހިންހަޖެހުން ލިބެމުންދިޔަ ފަދައަކުންނެވެ. ސަމީހު ގާތު ސިނގިރެޓެއް އޮތްތޯ އަހާލިއެވެ. ސަމީހު އާއެކޭ ބުނަމުން ޖީބުން ނެގި ސިނގިރެޓް ފޮއްޓާ ލައިޓަރު ސުމާ އަތަށް ދިނެވެ. ސުމާ ސިނގިރެޓް ރޯ ކޮށްލަމުން އެއްލޯ މަރާލަމުން ސަމީހުއަށް ބަލާލިއެވެ.

"ސިނގިރެޓްތައްވެސް ހުސްވީއޭ... އަހަރެން ބޭނުން ލާރި..." ސަމީހު ސުމާއަށް ބަލާލިއެވެ. ސުމާ ބޯ ޖަހާލިއެވެ.

"އޭނަ އަބަދު އަހަރެން ކައިރީ އިންނަން ކިޔަނީ... ކިހިނެތް ހަދާނީ ވެސް..." ސުމާ ބުނެލިއެވެ.

"އިންނާނެ ކަމެއް ނެތް... ލާރި ނުދޭން އުޅެންޏާ ބުނޭ ލާރި ނުދެންޏާ ނީންނާނަމޭ" ސަމީހު ބުނެލިއެވެ. ސުމާ އާއި ދެމީހުން ހީގަތެވެ.

*****

ޒަލަފް އާއި އިޔާން އާއި ދެމީހުން ގެއަށް އައިއިރު ގޭތެރެ ވަނީ އެކީ ހިމޭންވެފައެވެ. ދިރޭ ފުރާނައެއްގެ ހިލަމެއް ނުވެއެވެ. ދެމީހުން އެކުގައި ސިޑިން އަރައިގެން ގޮސް އެމީހެއްގެ ކޮޓަރިއަކަށް އެމީހަކު ވަނެވެ. އައިރީން އޮތީ ނިދާފައެވެ. އިޔާންވެސް އެއްޗެހި ބަދަލުކޮށްގެން އައިސް އޮށޯތީއެވެ. އެހެންނަމަވެސް އޭނާގެ ލޮލަށް ނިދި ސަވާރެއް ނުވިއެވެ. އެއަށްވުރެ ބޮޑަށް އޭނާ ވަނީ އައިރީން އާ މެދު ކަންބޮޑުވެފައެވެ. ސިހިފައި އައިރީން ހޭލީ އިޔާން އެހެން އޮއްވައެވެ. ނޭވާ ނުލެވިގެން އުޅޭތަން ފެނި އިޔާންއަށް އެ ދިމާލަށް ދެވުނު ގޮތްވެސް ނޭނގުނެވެ. އޭނާ އައިރީން ގެނެސް އެ މޭގައި ލައްކޮށްލަމުން އައިރީން ހަމައަކަށް އެޅުވޭތޯ އުޅުނެވެ. އެހެންކުރަން އުނދަގޫ ވިނަމަވެސް އިޔާން އިރުގަނޑަކުން އެކަން ވެސް ކުރިއެވެ. އައިރީންއަށް ވެފައި އިން ގޮތުން ބޭރަށް ނުކުމެވެން އިން ދޮރު ހުޅުވާލާފައި އިޔާން އައިރީން ގޮވައިގެން ނުކުތެވެ. ރެއިލިންގައި އަތް އަޅުވާލި އައިރީން ފުންކޮށް ދެތިން ނޭވާލިއެވެ.

"އައިރީން... މިހާރު ރަނގަޅުތަ؟" އިޔާން އަހާލިއެވެ. އައިރީން ބޯ ޖަހާލިއެވެ. އޭނާ އިޔާންއަށް ވެސް އަވަސް ނަޒަރެއް ދިނެވެ.

ރެއިލިންގައި އައިރީން ހިފައްޓާލާފައި އޮތް އަތް މަތީގައި އިޔާން އޭނާގެ އަތް ގެންގޮސް ބާއްވާލިއެވެ. އައިރީން އެ އަތް ދަމައިގަންނަން މަސައްކަތް ކުރި ނަމަވެސް އިޔާން އެކަމަށް ފުރުސަތެއް ނުދިނެވެ.

"އަހަރެން ބޭނުން އައިރީން އާ ވާހަކައެއް ދައްކަން" އިޔާން ބުނެލިއެވެ. އައިރީން ދުރުބަލާލިއެވެ.

"އައިރީން... އަހަރެން ވަރަށް ވިސްނައިފިން... ތިވާ އުނދަގޫ ތަކާހުރެ ސައިކެޓްރިސްޓެއް ކައިރިއަށް ގޮސް ވާހަކަ ދައްކާލަން ހިނގާބަލަ..." އިޔާން ބުނެލިއެވެ. އައިރީން ދިޔައީ ސިއްސައިގެންނެވެ. އިޔާންއަށް އަނެއްކާ ކަމެއް އެނގުނީ ހެއްޔެވެ؟

"ނޫން... އެއީ އަހަރެން މާ ބޮޑަށް ހާސްވީމަ ވާ ގޮތެކޭ... އަހަންނަކީ މޮޔައެއް ނޫނޭ އެމީހުން ކައިރިއަށް ދާކަށް" އައިރީން ބުނެލިއެވެ. އަޑުގައި ހަރުކަށިކަން ވި ނަމަވެސް އޭނާގެ އަޑުގެ ހަރުކަށިކަމުގެ ފަހަތުގައި ނޭނގޭ ޖަޒުބާތުތަކެއް ވިއެވެ.

"އައިރީން... އެއީ މޮޔައިން ދާ ތަނެއް ނޫނޭ... ވެދާނެ މާ ބޮޑަށް ކަންތައްތަކާ ވިސްނެނީ ކަމަށްވެސް..." އިޔާން ބުނެލިއެވެ. އައިރީން ދެކޮޅު ހެދިއެވެ. އޭނާ އެއް ގޮތަކަށްވެސް އެ ފަދަ މީހެއް ކައިރިއަށް އަލުން ދާކަށް ބޭނުމެއް ނޫނެވެ

އައިރީން ދެކޮޅު ހެދުމުން އިޔާންވެސް މަޖުބޫރުކުރާ ހިޔާލް ދޫކޮށްލިއެވެ. އައިރީންގެ އަތުން ދޫކޮށްލަމުން އިޔާން ފުން ކޮން އެ މޫނަށް ބަލާލިއެވެ. އައިރީން އުޑުމައްޗަށް ނަޒަރު ހުއްޓާލިއެވެ. ސާދަ ވިލޭރޭގެ ބުރުހަމަ ހަނދު އުޑުމަތީގައި ރަސްކަން ކުރަމުން ދިޔައިރު އެ މަންޒަރުން ހިތަށް ފިނިކަން ގެނެސްދިނެވެ. ކުދި ކުދި އެތައް ޖަވާހިރު ކޮޅުތަކެއްފަދަ ތަރިތައް ފިޔަޖަހަމުން ދިޔައިރު ގުދުރަތުގެ ފުރިހަމަ ކަމާމެދު އައިރީންއަށް ވިސްނުނެވެ.

އައިރީން އެ މަންޒަރަށް ބަލަން ހުރެ ހިނިތުންވެލިތަން ފެނި އިޔާންއަށް ވެސް ބޭ އިޚްތިޔާރުގައި ހިނިތުންވެވުނެވެ. މަޑުމަޑުން ފަހަތަށް ދެ ފިޔަވަޅު އިޔާން އަޅާލިއެވެ. އެއަށްފަހު ފަހަތުން އައިސް އައިރީންގެ ގައިގައި އިޔާން ބައްދާލިއެވެ.

ސިހުން ލިބުނު އައިރީންގެ ދެލޯ ވަގުތުން ބޮޑުވިއެވެ. މީހާގެ ހަރާކާތް ހުއްޓި ގަނޑުވެއްޖެއެވެ. މީހާގެ ހިތުގެ ތެޅުން ބާރުވީ އެހެންމިހެންނަކުން ނޫނެވެ. ދެފައި ކޮޅުން ވާގި ދޫވާހެން ހީވިއެވެ. މީހާގެ ހަށިގަނޑު ބެލެންސް ނުކުރެވި ކުޑަކޮށް ތިރިވެވުނެވެ. އެހެންނަމަވެސް އިޔާން އައިރީންގެ ހަށިގަނޑުގައި އިހުނަށްވުރެ ބާރަށް ހިފައްޓާލުމުން ނުވެއްޓި ސަލާމަތް ވިއެވެ.

"ސޮރީ" ތުންފަތް އައިރީންގެ ކަންފަތާ ކައިރިކޮށްލަމުން އިޔާން ބުނެލިއެވެ. މާފަށް އެދުނީ ކޮންކަމަކަށްކަން ބުނާކަށް އައިރީންއަކަށް ނޭނގުނެވެ. އިޔާންގެ އެ އަމަލަށްހެއްޔެވެ؟ ނޫނީ ކުރިން ކަންތައް ކުރެވުނު ގޮތުން ހެއްޔެވެ؟

"ސޮރީ" އެ ލަފްޒު އިޔާން ދެވަނަ ފަހަރު ތަކުރާރުކޮށްލިއެވެ. ދެ ތިން މިނިޓްއަށް ދެމިގެން ދިޔަ އެ ވަގުތު ކޮޅަށްފަހު އިޔާން އައިރީންއާ ދުރަށް ޖެހިލިއެވެ. ނިތްކުރިމަތީގައި އަތް ޖައްސާލަމުން އިޔާން ހުރީ ހުދު އެ އަމަލާ މެދު ހައިރާންވެފައި ވާ ފަދައަކުންނެވެ. އެހެން ހުރެފައި އޭނާ އެތެރެއަށް ދެމިގަތީ އަމިއްލަ ހިތުގެ ތެޅުން ހަމައަކަށް އެޅުވުމުގެ ބޭނުމުގައެވެ.

އައިރީން ރެއިލިންގައި ދެ އަތުން ބާރަށް ހިފައްޓާލަމުން ދެފަރާތަށް ބޯ ހޫރާލިއެވެ. އެއީ ފެނުނު ހުވަފެނެއްހެއްޔެވެ؟ ނޫނީ ހީވި ހީވުމެއް ހެއްޔެވެ؟ ގައިގަނޑަކަށް ފަނަރަ މިނިޓް އެތަނުގައި ހުރުމަށްފަހު ކޮޓަރި ތެރެއަށް ވަދެ އައިރީން ދޮރު ލައްޕާލިއެވެ. އެއަށްފަހު ފޮތިގަނޑު ކަހާލުމަށްފަހު އިޔާންއަށް ބަލާލިއެވެ. އިޔާންވެސް ހުރީ އައިރީންއަށް ބަލާށެވެ. އެކަކު އަނެކަކާ ވާހަކަދެއްކުމެއް ނެތި ލޮލުން އެތަކެއް ވާހަކައެއް ބުނެދެމުން ދާ ފަދައެވެ.

އިޔާން އައިރީންގެ ދެލޮލާ ނަޒަރު ވަކިކޮށްލަމުން އައިސް ސޯފާގައި އިށީނެވެ. އައިރީންވެސް ތުންފަތުގައި ދަތްއަޅާލަމުން އައިސް އެނދުގައި އިށީނެވެ. އާދަޔާ ޚިލާފް ހަމަހިމޭންކަމެއް ދެމީހުންގެ ދެމަދަށް ވެރިވެގެން ހިނގައްޖެއެވެ.

*****

ޒަލަފް އޮތީ ނުނިދިފައެވެ. ސުމާއަށް ގުޅަ ގުޅާ ފޯނު ނަގަނީކީ ނޫނެވެ. ލާރި ނުދީގެން އެކަމާ އަދިވެސް ހުރީ ހިންހަމަ ނުޖެހިފައެވެ. ކުއްލިއަކަށް ޒަލަފްއަށް ފޯނެއްއައުމާއެކު އޭނާ ފޯނު ނަގާ ބަލާލިއެވެ. ނުވެސް ދަންނަ ނަންބަރެކެވެ. އޭނާ ފޯނު ނަގާ ކަންފަތުގައި ޖައްސާލީ ދެ ވިސްނުމެއްގައި އޮވެފައެވެ. އެކޮޅުން ހަލޯ އޭ ކިޔާލި އަޑަށް ޒަލަފްއަށް ފުންމައިގެން ތެދުވެވިއްޖެއެވެ.

(ނުނިމޭ...)

https://sun.mv/130912

comment ކޮމެންޓް