ހިންމަފުށީގެ ވޯޓު ފޮށި ކުރިން ގުނުނީ އޮޅުމަކުން: ޕީޕީއެމް

ދަރުބާރުގޭގައި ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާރު ކުރިއަށްދާ ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓު ފޮށިތައް މިރޭ 9:00 ގައި ގުނަން ނިންމާފައިވަނިކޮށް، ކ. ހިންމަފުށީގައި ބެހެއްޓި ވޯޓު ފޮށި ގުނައި ވަގުތީ ނަތީޖާ ނެރެފިއެވެ.

ހިންމަފުށީ ޒުވާނުންގެ މަރުކަޒުގައި ބެހެއްޓި ވޯޓު ފޮށިން، ކ. އަތޮޅު ކައުންސިލްގެ ރައީސަކު ހޮވުމަށް ނެގި ވޯޓުގެ ނަތީޖާ ޝީޓް މިހާރު ވަނީ އާންމުކޮށްފައެވެ.

އެ ނަތީޖާ ދައްކާގޮތުން ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލަށް ލިބިފައިވަނީ 84 ވޯޓެވެ. އަދި ކ. އަތޮޅު ކައުންސިލްގެ މިހާރުގެ ރައީސް އިބްރާހިމް ރައޫފަށް ލިބިފައި ވަނީ 17 ވޯޓެވެ.

މިކަމާ ގުޅޭގޮތުން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ހިންމަފުށީގެ ވޯޓު ފޮށި ކުރިން ގުނާފައި ވަނީ އޮޅުމަކުން ކަމަށް ވެދާނެ ކަމަށެވެ. އަދި ވޯޓު ފޮށި ގުނަން ކަނޑައަޅާފައިވާ ގަޑިއަކީ މިރޭ 9:00 ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ހިންމަފުށީގައި ޕްރައިމަރީގެ ކަންތައްތަކުގައި އިސްކޮށް އުޅުއްވާ، އެރަށު ކައުންސިލްގެ ރައީސް ޝާން އިބްރާހިމް ވިދާޅުވީ ޕާޓީން އަންގާފައި ވަނީ ވޯޓު ފޮށި ބަންދު ކުރުމަށްފަހު ގުނުމަށް ކަމަށާއި އެގޮތުގެ މަތިން އަމަލުކޮށްފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް އަންގާފަ އޮތީ ވޯޓު ފޮށި ބަންދުކޮށްފަ ގުނަން. މިރޭ 9:00 ގައި ގުނާ ކަމަށް އަންގާފައެއް ނެތް،" ޝާން ވިދާޅުވިއެވެ.

comment ކޮމެންޓް