އިމާދުއްދީންގެ ޕްރިންސިޕަލުން ވަކިކޮށްފި

އިމާދުއްދީން ސްކޫލުގެ ޕްރިންސިޕަލް އިބްރާހިމް ޝާތިރާއި ދެ ޑެޕިއުޓީ ޕްރިންސިޕަލުން މަގާމުން ވަކިކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި ޕްރިންސިޕަލް ޝާތިރާއި ޑެޕިއުޓީ ޕްރިންސިޕަލް ޝަކީބާ އަލީ އަދި ލަތީފާ ހަސަން މަގާމުން ވަކިކޮށްފައި ވަނީ އިއްޔެއެވެ.

އަދި ތިން ބޭފުޅުންނަށް ވެސް އެހެން ސްކޫލަކުން އެ ފެންވަރުގެ ވަޒީފާ ހަމަޖައްސާދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އެ ތިން މަގާމު މިހާރު ހުސްކޮށް އޮތް އިރު، އެ ސްކޫލު ހިންގުން ވަގުތީ ގޮތުން އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދާ ވަނީ ހަވާލުކޮށްފައެވެ.

ޕްރިންސިޕަލް އިބްރާހިމް ޝާތިރު މަގާމުން ވަކިކުރި އިރު، އޭނާއާ ގުޅޭ ގިނަ މައްސަލަތަކެއް ފާހަގަކޮށް، މިދިޔަ އޮކްޓޫބަރު މަހު އެ ސްކޫލުގެ ގިނަ އަދަދެއްގެ ޓީޗަރުންނާއި ބެލެނިވެރިން ސޮއިކޮށް މިނިސްޓްރީއަށް ވަނީ ޕެޓިޝަނެއް ހުށަހަޅައިފައެވެ.

އިމާދުއްދީން ސްކޫލުގެ ޕްރިންސިޕަލްގެ ގޮތުގައި ޝާތިރު ހަމަޖެއްސީ މިދިޔަ ޖުލައި މަހު، އޭރު އެ މަގާމުގައި ހުންނެވި އަހުމަދު މުޖާހިދު، އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.

މިދިޔަ ހަފްތާގައި އެޑިއުކޭޝަންގެ ޓީމެއް އެ ސްކޫލަށް ގޮސް، ސްކޫކުގެ މެނޭޖްމަންޓާއި ޓިޗަރުންނާ ބައްދަލުކޮށް ސާވޭ ފޯމެއް ވަނީ ފުރުވައިފައެވެ. ޕްރިންސިޕަލާއި ދެ ޑެޕިއުޓީ ޕްރިންސިޕަލުން ވަކިކުރަން ނިންމާފައި ވަނީ އެއަށްފަހު އެވެ.

comment ކޮމެންޓް