ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ ދޮންބައްޕައާ ދެކޮޅަށް ރައްޔިތުން ނިކުތުމުން ފުލުހުން ގެންގޮސްފި

ރާއްޖޭގެ ރަށެއް: ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ ދޮންބައްޕަ އެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ދޮންބައްޕަ އެއް އޭނާގެ ދޮން ދަރިއަކަށް ޖިންސީ ގޯނާ ކުރާ ކަމަށް ތުހުމަތުކޮށް އެ ރަށުގެ ރައްޔިތުން އޭނާއާ ދެކޮޅަށް ނިކުތުމުން ފުލުހުން އޭނާ ގެންގޮސްފި އެވެ.

ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ، ދެކުނުގެ ރަށެއްގައި 19 އަހަރުގެ އަންހެނަކަށް އޭނާގެ ދޮންބައްޕަ 56، އެކި ދުވަސްމަތިން ބިރު ދައްކައި ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ބުނެ މައްސަލައެއް އިއްޔެ ހުށަހެޅިފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދަނިކޮށް އިއްޔެ އިރުއޮއްސި 7:30 އެހައިކަންހާއިރު ދޮންބައްޕަ ދިރިއުޅޭ ގެ ކައިރިއަށް މީހުން އެއްވެ އޭނާއަށް ހަމަލާ ދީފައިވާ ކަމަށް އިޒްމިއާ ވިދާޅުވި އެވެ. އެހެން ކަމުން ފުލުހުންގެ ބެލުމުގެ ދަށުން ފުލުހުންގެ މަރުކަޒަށް އޭނާ ހާޒިރު ކޮށްފައިވާ ކަމަށް ވެސް އިޒްމިއާ ވިދާޅުވި އެވެ.

"ތުހުމަތުކުރެވޭ ފަރާތް މަރާލާނެ ކަމަށް ބުނެ އޭނާއަށް އިންޒާރު ދީ ހަމަލާ ދިން މައްސަލަ ވެސް ވަކި މައްސަލަ އެއްގެ ގޮތުގައި ފުލުހުން ދަނީ ތަހުގީގް ކުރަމުން،" އިޒްމިއާ ވިދާޅުވި އެވެ.

މި ފަހަކަށް އައިސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޑަ ކުދިންނާއި އަންހެނުންނަށް އެކި ފަރާތްތަކުން ޖިންސީ ގޯނާ ކުރާ ކަމަށް ބުނާ އަޑުތައް ވަނީ އިތުރުވެފަ އެވެ. އަދި އެކަމާއި ގުޅިގެން އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގެ ތެރެއިން އަމާޒުވި ފާޑުކިޔުންތަކުގެ ސަބުން ޖެންޑާ މިނިސްޓަރު ކަމުގައި ހުންނެވި ޝިދާތާ ޝަރީފް ވެސް އިއްޔެ ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

comment ކޮމެންޓް