އާ ޓާމިނަލްއިން ޓީއެމްއޭއަށް ދޭނީ މިހާރުވެސް ބޭނުންކުރާވަރު ޖާގައެއް

ޓީއެމްއޭގެ ސީޕްލޭނެއް --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން ސީޕްލޭން ހިދުމަތް ދިނުމަށް މިހާރު ބޭނުންކުރާ ލައުންޖުގެ ބޮޑުމިނާ އެއްވަރުގެ ޖާގައެއް އާ ސީޕްލޭން ޓާމިނަލުންވެސް އެ ކުންފުންޏަށް ދޭން ނިންމައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އަލަށް އިމާރަތްކުރާ ސީޕްލޭން ޓާމިނަލް ހިންގާނެ ބަޔަކާ ގުޅޭ ބަހުސް ބޮޑުވެފަައިވަނިކޮށް ފިނޭންސް މިނިސްޓްރީ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ސީޕްލޭން ޓާމިނަލް ހިންގާނެ އުސޫލެއް އެކުލަވާލާފައިވާ ކަމަށެވެ.

އެ އުސޫލު އެކުލަވާލީ، އެމްއޭސީއެލް އަށް ލިބޭ އާމްދަނީ އިތުރުކޮށް މިހާރުވެސް ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކަށް އެ ފަރާތްތަކުގެ އޮޕަރޭޝަންތައް ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތްތަކަކަށް ވިސްނައިގެން ކަމަށް ވެސް ބަޔާނުގައިވެ އެވެ. އަދި ބުނީ، އަލަށް ސިނާއަތާ ގުޅެން ބޭނުންވާ ކުންފުނިތަކަށްވެސް ސިނާއަތުގައި ހަރަކާތްތެރިވުމަށް މަގުފަހިވާނެ ގޮތަކަށް ވިސްނާފައިވާނެ ކަމަށެވެ.

https://sun.mv/130307

އެގޮތުން ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް މިހާރުވެސް އެ އެއާލައިނުން ބޭނުންކުރަމުންދާ ލައުންޖުގެ ބޮޑުމިނާ އެއްވަރަށް މިހާރުވެސް އެކުންފުނިން ބިން ކުއްޔަށް ހިފާފައިވާ ރޭޓުގައި އާ ސީޕްލޭން ޓާމިނަލުން ދެ އަހަރުގެ މުއްދަތަކަށް ޖާގަ ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން އޮޑިޓް އޮފީހުން ކޮށްފައިވާ އާ ސީޕްލޭން ޓާމިނަލްގެ އޮޑިޓަށް ރިއާޔަތްކޮށް، ފިނޭންސުން ބުނީ ޓީއެމްއޭ އިން މިހާރު ބޭނުންކުރަމުންދާ ޓާމިނަލް އަކީ އެކުންފުނިން އަމިއްލައަށް އިންވެސްޓުކޮށްގެން ތަރައްގީކޮށްފައިވާ ޓާމިނަލެއް ކަމަށާއި، އެކުންފުނީގެ އޮޕަރޭޝަންތައް ރިލޮކޭޓް ކުރާއިރު، އެކަމަށް އިތުރު ހަރަދު ހިނގާނެތީ އެ އެއާލައިނުން މިހާރުދޭ ހިދުމަތްތައް ދިނުމަށް އެއާ އެއްވަރުގެ ޖާގައެއް އާ ސީޕްލޭން ޓާމިނަލުން ހަމަޖެއްސުމަކީ އެ އެއާލައިނަށް އެންމެ އިންސާފުވެރި ގޮތަށް ވާނެ ކަމަށެވެ.

އާ ސީޕްލޭން ޓާމިނަލާ ގުޅޭގޮތުން އެމްއޭސީއެލް އިން މީގެ ކުރިން ބުނީ މިހާރު ސީޕްލޭންގެ ހިދުމަތްދޭ ކުންފުނިތަކުން ދޭ ހިދުމަތްތައް މެދުކެނޑޭނެ ގޮތަކަށް އާ ސީޕްލޭން ޓާމިނަލް އަށް އޮޕަރޭޝަންސް ބަދަލު ނުކުރާނެ ކަމަށެވެ. އަދި ޓާމިނަލް ހިންގާނީ އެކުންފުނިން ކަމަށްވެސް ރާއްޖޭގެ މައި އެއާޕޯޓް ހިންގާ ކުންފުނިން މީގެ ކުރިން ބުންޏެވެ.

ފިނޭންސް މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނުގައި ބުނީ މިހާރު ސީޕްލޭންގެ ހިދުމަތްދޭ އޮޕަރޭޓަރުން އަމިއްލަ އަށް އިންވެސްޓުކޮށްގެން ހަދާފައިވާ ޓާމިނަލްތައް ހުސްކުރަން ޖެހިފައިވުމާއެކު އެފަރާތްތަކަށް އެމްއޭސީއެލް އިން ދީފައިވާ ކޮމިޓްމެންޓް ތަކަށް ރިއާޔަތްކޮށް އެފަރާތްތަކާ މެދު އިންސާފުވެރިކޮށް އަމަލު ކުުރުމަށް އުސޫލު އެކުލަވާލިއިރު ބަލާފައިވާނެ ކަމަށެވެ.

ޓީއެމްއޭގެ އިތުރުން މަންޓާ އެއާ އަށްވެސް އެ އެއާލައިނުގެ އޮޕަރޭޝަނަށް އެކަށީގެންވާ ޖާގައެއް މިހާރުވެސް އެ އެއާލައިނުން ބިން ކުއްޔަށް ނަގާފައިވާ ރޭޓުގައި، ދެ އަހަރަށް އާ ޓާމިނަލުން ޖާގަ ދިނުމަށް ވަނީ ނިންމައިފަ އެވެ.

ބަޔާނުގައި ބުނީ، ދެ އަހަރަށް ފަހު އާ ސީޕްލޭން ޓާމިނަލްގެ ފުލް އޮޕަރޭޝަން، އިންޑަސްޓްރީގެ އިތުބާރާއެކު އެމްއޭސީއެލް އިން ހިންގުމަށް ޕްލޭނެއް އެކުލަވާލާ، އެ ޕްލޭނަށް އަމަލު ކުރާނެ ކަމަށެވެ. އަދި ބުނީ، ޓީއެމްއޭ އަދި މަންޓާ އަށް ސީޕްލޭން ޓާމިނަލުން ޖާގަ ހަމަޖެއްސުމަށް ފަހު ބާކީވާ ޖާގަ، ޑިމާންޑަށް ބަލައި، ޓެންޑާ އުސޫލުން ކުއްޔަށް ދިނުމަށް އެމްއޭސީއެލް އިން ހުޅުވާލާނެ ކަމަށެވެ.

އެ ބަޔާނުގައި ބުނީ އައިލެންޑް އޭވިއޭޝަނުން ސީޕްލޭން ހިދުމަތް ދޭން ބޭނުންކުރާ ޓާމިނަލް އެ ކުންފުނިން ކުރިއަށް އޮތްތަނުގައިވެސް ބޭނުން ކުރަން ހަމަޖެހިފައިވާ ކަމަށާއި އެހެންކަމުން އެ ކުންފުންޏަށް އެކަން އެގޮތަށް ކުރެވޭނެ މަގު ފަހިކޮށްދޭން ނިންމާފައިވާ ކަމަށެވެ.

އާ ސީޕްލޭން ޓާމިނަލް ބޭނުން ކުރުން އަވަސް ކުރުމަކީ އާ ރަންވޭ ބޭނުން ކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްކަންވެސް ފިނޭންސްގެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ބީޔޫސީޖީ އާއެވެ. ކޮންޓްރެކްޓުގެ އަގަކީ 40 މިލިއަން ރުފިޔާ އެވެ.

ސީޕްލޭން ޓާމިނަލްގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 29 ވަނަ ދުވަހު އެވެ. ޓާމިނަލްގެ ސްޓްރަކްޗާ މަސައްކަތް ނިމިފައިވާއިރު މިހާރު ކުރިއަށްދަނީ އިންޓީރިއާ މަސައްކަތްތަކެވެ. އެމްއޭސީއެލް އިން މީގެ ކުރިން ބުނެފައިވަނީ މިއަހަރުގެ މެއިމަހު ޓާމިނަލް ބޭނުންކުރަން ފެށޭވަރުވާނެ ކަމަށެވެ.

https://sun.mv/129059

comment ކޮމެންޓް