އާ ސީޕްލޭން ޓާމިނަލް ބޭނުންކުރަން ފަށާނީ އަންނަ މެއި މަހު، ހިންގާނީ އެމްއޭސީއެލް އިން

އެމްއޭސީއެލްގެ އެކްޓިން އެމްޑީ މޫސާ ސޯލިހު -- ސަން ފޮޓޯ: އަހުމަދު އައުޝަން އިލްޔާސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ތެރޭގައި ހިމެނޭ ސިޕްލޭން ޓާމިނަލްގެ މަސައްކަތް ނިންމާ އަންނަ އަހަރުގެ މެއި މަހު އެތަން ބޭނުންކުރަން ފެށޭވަރުވާނެ ކަމަށް އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ބުނެފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގޮސްފައިވާ ހިސާބު ނޫސްވެރިންނަށް ދައްކައިލުމަށް މިއަދު ބޭއްވި ޓުއާގައި އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި ހުންނަވާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ވިދާޅުވީ ސީޕްލޭންގެ މަސައްކަތްތައް މިހާރު ކުރިއަށްދަނީ އަންނަ އަހަރުގެ މެއި މަހު އެތަން ބޭނުން ކުރެވޭނެ ވަރުވޭތޯ ބެލުމަށް ކަމަށެވެ.

މޫސާ ސޯލިހު ވިދާޅުވީ އާ ޓާމިނަލް ބޭނުން ކުރަން ފަށާއިރު އެތަން ހިންގާނީ އެމްއޭސީއެލް އިން ކަމަށެވެ. ނަމަވެސް މިހާރު ސީޕްލޭންގެ ހިދުމަތްދޭ ކުންފުނިތަކުން ދޭ ހިދުމަތްތައް މެދުކެނޑޭނެ ގޮތަކަށް އާ ސީޕްލޭން ޓާމިނަލް އަށް އޮޕަރޭޝަންސް ބަދަލު ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވީއައިއޭގެ އާ ސީޕްލޭން ޓާމިނަލް -- ސަން ފޮޓޯ: އަހުމަދު އައުޝަން އިލްޔާސް

"މިއީ ސީޒަންގެ ތެރެ. އަނެއްކާ ދިމާވަނީ އަނެއް ސީޒަން ތެރެއާ. އެހެންވީމާ ވީހާވެސް ސްމޫތުކޮށް، ޓޫރިޒަމް ދާއިރާ އަށް އެއްވެސް އަސަރެއް ނުކުރާނެ ހެން މިކަން ކުރާނީ،" މޫސާ ސޯލިހު ވިދާޅުވިއެވެ.

"އެންމެ ބޮޑުބަޔެއް މިއޮތީ ޓީއެމްއޭ އަށް. ސީޕްލޭން އޮޕަރޭޝަންގެ 65 ޕަސެންޓު 70 ޕަސެންޓް ފަސިންޖަރުން އުފުލަނީ ޓީއެމްއޭ އިން. އެހެންވީމަ ބައިބަޔަށް އަޅުގަނޑުމެން އެފަރާތުން ޓްރާންސްޕާ ކުރާނީ، އޮޕަރޭޝަނަށް އެއްވެސް ހުއްޓުމެއް ނާންނަ ގޮތަކަށް،"

މިހާރުވެސް ޓީއެމްއޭ އިން ތިން ޓާމިނަލެއްގައި ސީޕްލޭންގެ ފަސިންޖަރުންނަށް ހިދުމަތް ދެއެވެ.

"އައިލެންޑް އޭވިއޭޝަނުގެވެސް އަދި މަންޓާގެވެސް އޮޕަރޭޝަންސް އެބަ ހިނގާ. އެބޭފުޅުންގެ އޮޕަރޭޝަންސްވެސް މިކޮޅަށް [އާ ޓާމިނަލަށް] ޓްރާންސްފާ ވާނެ،" މޫސާ ސޯލިހު ވިދާޅުވީ އާ ޓާމިނަލް ގައި އިތުރު އެއާލައިނަކަށްވެސް ޖާގަ ދެވޭ ވަރަށް ޖާގަ އޮންނާނެ ކަމަށެވެ.

"އަންނަ އަހަރުގެ ފެށޭހިސާބުގައި އޮޕަރޭޓަރުންނަށް ޖާގަ ހަވާލުކުރަން ފަށާނަން. އެބޭފުޅުންގެ މަސައްކަތް ފަށާ ހިދުމަތްދޭން ދެތިން މަސް ނަގާނެ. އެހެންވީމާ މެއިމަހު ކަމަށް އަޅުގަނޑުމެން މިބަލަނީ މިތަނަށް ހިދުމަތް ތައް ބަދަލު ކުރެވޭނެ ކަމަށް،" އެމްއޭސީއެލްގެ އެކްޓިން އެމްޑީ ވިދާޅުވިއެވެ.

އާ ސީޕްލޭން ޓާމިނަލާއެކު ސީޕްލޭންތަކަށް ހާއްސަ ޑޮކެއްވެސް ވަނީ ގާއިމްކޮށްފައެވެ. އެންމެ ފަހުގެ ޓެކްނޮލަޖީ ބޭނުންކޮށްގެން ހަދާފައިވާ ސީޕްލޭން ޑޮކަކީ 50 އަހަރުގެ ގެރެންޓީ ލިބިފައިވާ ޑޮކެއް ކަމަށް އެމްއޭސީއެލް އިން ބުންޏެވެ. އާ ޑޮކްގައި މިހާރު ކަރަންޓާއި ފިޔުލް އަދި ފެން ގުޅާފައިވާއިރު އެއްފަހަރާ 55 ފްލައިޓަށް އެތަނުން ޖާގަ ލިބޭނެއެވެ. އާ ސީޕްލޭން ޓާމިނަލާ ގުޅިފައިވާ ޑޮކް އިތުރަށް ބޮޑުކުރުމަށް ބޭނުންވާ ޖާގަވެސް އޮތްއިތު އެސަރަހައްދު ބޮޑުކުރުމުން 100 ފްލައިޓަށް ހިދުމަތް ދެވޭނެއެވެ.

ވީއައިއޭގެ އާ ސީޕްލޭން ޓާމިނަލް -- ސަން ފޮޓޯ: އަހުމަދު އައުޝަން އިލްޔާސް

މޫސާ ސޯލިހު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން އަހަރަކު ހަ ޕަސެންޓު ކުރިއަރާ ގޮސް، އިތުރު ރިސޯޓުތައްވެސް ހުޅުވިގެންދާއިރު އެމްއޭސީއެލް އިން މަސައްކަތްކުރަނީ ރާއްޖެ އަންނަ ފަތުރުވެރިންނަށް ދޭ ހިދުމަތް އެންމެ މަތީފެންވަރަށް ދިނުމަށް ކަމަށެވެ.

އެމްއޭސީއެލް އިން ބުނީ އާ ޓާމިނަލް ތަރައްގީކުރަނީ ފަތުރުވެރިކަން ކުރިއަރާވަރަކަށް ހިދުމަތްދޭ އެއާލައިންތަކުންވެސް އެމީހުންގެ ހިދުމަތް ފުޅާކުރާނެ ކަމަށް ވިސްނައިގެން ކަމަށެވެ. ބޯޓުތައް ގިނަވެގެންގޮސް ކޭޓާ ނުކުރެވޭނެ ހިސާބަކަށްވެސް ގޮސްދާނެ ކަމަށާއި އެކަމަށް އެމްއޭސީއެލް އިން ވިސްނަން ޖެހޭނެ ކަމަށް އެކްޓިން އެމްޑީ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިދަނީ އަޅުގަނޑުމެންގެ ކެޕޭސިޓީ އިވެލުއޭޓް ކުރަމުން، އިންޓަނޭޝަނަލް ޓާމިނަލުގައިވެސް ސީޕްލޭން ޓާމިނަލުގައިވެސް. އަޅުގަނޑުމެން މިހާރު އެބަޖެހޭ އަޅުގަނޑުމެންކެ ކެޕޭސިޓީ ަކީީ ކޮބައިތޯ ބަލައި އެ ޕަބްލިޝްކުރަން. އެކަންތައް ބެލުމުގެ މަސައްކަތްވެސް މިދަނީ ކުރަމުން،" މޫސާ ސޯލިހު ވިދާޅުވީ ޓޫރިޒަމް ކުރިއަރާ މިންވަރާ އެމްއޭސީއެލްގެ ކެޕޭސިޓީ އާ ވެސް އަޅާކިޔާ އިވެލުއޭޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ވީއައިއޭގެ އާ ސީޕްލޭން ޓާމިނަލް -- ސަން ފޮޓޯ: އަހުމަދު އައުޝަން އިލްޔާސް

އާ ޓާމިނަލް އާއެކު އެމްއޭސީއެލްގެ އާމްދަނީ އިތުރުވާނެ

މިހާރު ރާއްޖޭގައި ސީޕްލޭންގެ ހިދުމަތްދޭ ތިން އޮޕަރޭޓަރުން އުޅޭއިރު އެ ފަރާތްތަކުން ހިދުމަތްދެނީ އެމްއޭސީއެލް އިން ބިން ކުއްޔަށް ނަގައިގެންނެވެ. ނަމަވެސް އާ ޓާމިނަލް ހިންގާނީ އެމްއޭސީއެލް އިން، އެތަނުގެ ލައުންޖުތައް އޮޕަރޭޓަރުންނަށް ކުއްޔަށް ދީގެންނެވެ. މިއާއެކު އެމްއޭސީއެލްގެ އާމްދަނީ 300 ގުނަ އިތުރުވާނެ ކަމަށް އެކުންފުނިން ވަނީ ލަފާކޮށްފައެވެ.

"އޭގެ މާނައަކީ މިތަނަށް [ޓާމިނަލް އަށް] ކުރި ހަރަދު ޓަސް ލާފައި ލިބުނިއްޔަކީއެއް ނޫނޭ. ހަރަދު އަންދާޒާކޮށް ހުންނާނީ އެންމެ ދަށްކޮށް އާމްދަނީ ލިބިގެން ރިކަވަރީ އެއް އަންނާނެ ކަމަށް އަންދާޒާކޮށްފައިވާނީ ނުވަ ވަރަކަށް އަހަރު ތެރޭ. އަޅުގަނޑުމެންގެ ގްރޯތަށް ބަލާފައި އެއަށްވުރެ އަވަހަށް ފައިދާ ލިބޭން ފަށާނެ،" މޫސާ ސޯލިހު ވިދާޅުވިއެވެ.

އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ބީޔޫސީޖީ އާއެވެ. ކޮންޓްރެކްޓުގެ އަގަކީ 40 މިލިއަން ރުފިޔާ އެވެ.

ސީޕްލޭން ޓާމިނަލްގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 29 ވަނަ ދުވަހު އެވެ.

comment ކޮމެންޓް