ކުޅުންތެރިންނަށް އިންޝުއަރެންސް ފޯރުކޮށްދޭނެ ބަޔަކު ހޯދަނީ

ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު ކުޅުންތެރިންތަކެއް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ގައުމީ ޓީމު އަދި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ބައިވެރިވާ ކުޅުންތެރިންނާއި އޮފިޝަލުންނަށް މެޑިކަލް އިންޝުއަރެންސް ފޯރުކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

ޔޫތު މިނިސްޓްރީއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މި މަހުގެ ނުވައެއްގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާފައި ހުންނާނެ ކަމަށެވެ.

މީގެކުރީންވެސް ޔޫތު މިނިސްޓްރީއިން ވަނީ އިންޝުއަރެންސް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފައެވެ. އެގޮތުން މިދިޔަ މަހުގެ 13ގައި މިނިސްޓްރީއިން ކުރި އިއުލާނަށް އެކަށީގެންވާ ތަރުހީބު ލިބިފައި ނުވުމުން އަލުން އިއުލާނުކޮށްފައިވާ ކަމަށް މިނިސްޓްރީއިން ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވަނީ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް އިންޝުއަރެންސް ޕެކޭޖެއް ތައާރަފުކުރުމުގެ ހިޔާލު ގެންގުޅުއްވާކަމަށެވެ.

"ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ދިމާވާ ކުޅިވަރުގެ އަނިޔާތަކަށް ފަރުވާދެވޭނެ އިންޝުއަރެންސް ސްކީމެއް ތައާރަފްކޮށް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ހިދުމަތް ލިބެން ފަށާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން، ދިވެހި ކުޅުންތެރިން ބައިނަލްއަގުވާމީ ފެންވަރުގައި ތަމްރީނުކޮށް ކުޅުންތެރިން ބިނާކުރުމުގެ ގޮތުން އިތުރު މަސައްކަތްތައް ކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ކުޅިވަރުގެ ހުނަރު ހޯދޭނެ ގޮތަކާއި ރާއްޖޭން ބޭރުން ކިޔެވުމުގެ ފުރުސަތު ކުޅުންތެރިންނަށް ހޯދައިދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް ސޯލިހު ވަނީ ފާހަގަކުރައްވާފައެވެ.

comment ކޮމެންޓް