ކޮރޯނާ ވައިރަސް ޖެހޭމީހުން އަވަހަށް ރަނގަޅު ކުރެވޭ ބޭސްތަކެއް ދެނެގެންފި

ބެންގްކޮކްގެ ރާޖަވިތީ ހޮސްޕިޓަލް

ބެންގްކޮކް (3 ފެބްރުއަރީ 2020) : ޗައިނާގެ ވޫހާން ސިޓީން ފެނިފައިވާ ކޮރޯނާ ވައިރަސްގެ އައު ރޯގާ ޖެހޭމީހުން ވަރަށް އަވަހަށް ރަނގަނޅު ކުރެވޭ ބާވަތުގެ ބޭސްތަކެއް ދެނެގަނެވިއްޖެކަމަށް ތައިލެންޑް ގެ ޑޮކްޓަރުން ބުނެފިއެވެ.

ބެންކްކޮކް ގެ މަޝްހޫރު ރާޖަވިތީ ހޮސްޕިޓަލްގެ އިސް ޑޮކްޓަރެއްކަމަށްވާ ކްރިޔަންގްސަކް އަޓެޕޯނޮއިޗް ވިދާޅުވީ އޭނާގެ ބެލުމުގެ ދަށުން އެ ހޮސްޕިޓަލުން ފަރުވާދިން ކޮރޯނާ ވައިރަސް ގެ ބަލިމީހަކަށް ވައިރަސްއާ ދެކޮޅަށް ދޭ ގިނަ ބޭސްތަކެއް އެއްކޮށްގެން ދިން ފަރުވާއިން ދެދުވަހުގެ ތެރޭގައި އެމީހާ ރަނގަނޅުވި ކަމަށާ އެއީ އުމުރުން 71 އަހަރުގެ އަންހެނެއްކަމުގައެވެ. ވޫހާން ސިޓީގައި އުޅުމަށްފަހު އެނބުރި ތައިލެންޑަށް އައި އެމީހާއަށް ކޮރޯނާ ވައިރަސް ޖެހިފައިވާކަން އެނގުނީ ބެންގްކޮކްގައި ހުއްޓައިކަމަށާ އެއަންހެން މީހާއަކީ ސިރިޔަސް އެހެން ބައްޔެއް ހުރި މީހެއްނޫންކަމަށް ރާޖަވިތީ ހޮސްޕިޓަލްގެ އިސް ޑޮކްޓަރ އަޓެޕޯނޮއިޗް ވިދާޅުވިއެވެ.

މިއަންހެން މީހާއަށް ދިން ވައިރަސްއާ އިދިކޮޅު ބޭސްތަކުގެ ތެރޭގައި ހިމެނެނީ Oseltamivir އާއި Lopinavir އަދި (Ritonavir) މި ތިންބޭސްކަމަށާ މީގެތެރެއިން Lopinavir އާއި Ritonavirއަކީ އެޗްއައިވީ ވައިރަސްއާ ދެކޮޅަށް ދޭ ދެބޭސް ކަމަށްވެސް ބެންކޮކްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަޓެޕޯނޮއިޗް ވިދާޅުވިއެވެ.

ޗައިނާގައި ކޮރޯނާ ޖެހުނު މީހުންގެ އަދަދު މިހާރު 17،488 އަށް އަރާފައިވީނަމަވެސް އެ ރޯގާގައި މިހާތަނަށް މަރުވެފައިވަނީ 362 މީހުންނެވެ. ކޮރޯނާ ވައިރަސް ޖެހިފައިވާ 17،488 މީހުންގެ ތެރޭގައި އެހެން ބަލިތައް ހުރުމުގެ ސަބަބުންނާއި އުމުރުން ދުވަސްވުމުގެ ސަބަބުން ފުރާނައަށް ނުރައްކާވާ ހާލަތުގައި 2،298 މީހުން އެބަތިއްބެވެ. ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ ތެރެއިން 5،300 އަށްވުރެ ގިނަ މީހުން ރަނގަނޅުވެގެން ދޫކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޮރޯނާ ވައިރަސްގެ ސަބަބުން މުޅި ދުނިޔޭގެ އާދަޔާ ޚިލާފު ބިރުވެރިކަމެއްގެ ތެރޭގައިވާއިރު 20 ގައުމަކަށް މިބަލި ވަނީ ފެތުރިފައެވެ. މީގެތެރޭގައި ޔޫރަޕްގެ ބައެއް ގައުމުތަކާއި އެމެރިކާ، ތައިލެންޑް، ސިންގަޕޫރު، އިންޑިއާ އަދި ޖަޕާން ހިމެނެއެވެ. ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާއިންވަނީ ދުނިޔޭގައި ސިއްޙީ ނިޒާމު ބަލިކަށި ކޮށް އޮންނަ ފަގީރު ގައުމުތަކުގައި މިބަލި ފެތުރިދާނެކަމުގެ ކަންބޮޑުވުން ފާޅުކޮށް ދުނިޔޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއްލާންކޮށްފައެވެ.

ނަމަވެސް ޒަރޫރީ ހާލަތެއް ކުރިމަތިވެގެންނޫނީ ދަތުރުފަތުރާއި އިގްތިސާދީ ހަރަކާތް މެދުކަނޑާލަން ނުޖެހޭކަމަށް އެ ޖަމްއިއްޔާއިން ބުނެއެވެ. އަދި މި ރޯގާއަށް ވެކްސިން އެއް ހޯދޭނެކަމުގެ އުންމީދު އެބައޮތް ކަމަށާ ނަމަވެސް މި ރޯގާ ފެތުރުން ހުއްޓުވުމަށް ވަގުތު ބޭނުންވާނެކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ އިން ބުނެއެވެ. (ނޫސް އެޖެންސީތައް)

comment ކޮމެންޓް