ލަންކާގެ އިގްތިސާދު ކޮޅަށްޖެހުމަށް ތައިލެންޑާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް

ލަންކާގެ އަންައުނު އުފައްދާ ކާރުހާނާއެއް. ފޮޓޯ/ބީބީސީ

ސްރީ ލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ އަނދަވަޅުން އަރައިގަތުމަށް ތައިލެންޑާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމާ ގުޅިގެން ލަންކާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އިގްތިސާދު ކޮޅަށް ޖެހުމަށް އެޅި މި ފިޔަވަޅަކީ ވިޔަފާރީގެ ފުރުސަތުތައް އިތުރުކޮށް، އިންވެސްޓްމެންޓުތައް އަދި ފިކުރީ މުދަލުގެ ހައްގުތައް ފަދަ ކަންކަމާމެދު މަޝްވަރާ ކުރުމަށް އެޅި މުހިންމު ފިވަޔަޅެއް ކަމަށެވެ.

ދެ ގައުމުގެ ދެމެދުގައި ވެވޭ ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ތައިލެންޑްގެ ބޮޑުވަޒީރު ސްރެތާ ތަވިސިންއާއި އެ ގައުމުގެ އިސް ބޭފުޅުން ވަނީ ލަންކާއަށް ވަޑައިގެންފައެވެ. އެ ދަތުރުފުޅުގައި ލަންކާގެ 76ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަފްލާގައި ވެސް ސްރެއްތާ ބައިވެރިވެވަޑައިގަންނަވާނެއެވެ.

"މި އެއްބަސްވުމުގެ ސަބަބުން ދެފަރާތަށް ވެސް ވިޔަފާރީގެ ބޮޑެތި ފުރުސަތުތަކެއް ލިބިގެންދާނެ. އަޅުގަނޑުމެންގެ އަމިއްލަ ފަރާތްތަކަށް ބާރުއަޅަނީ ދެ ފަރާތަށް ފައިދާވާ ގޮތަށް ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ފުރުސަތުތައް ހޯދުމަށް،" އެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސްރެތާ ވިދާޅުވިއެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ އިތުރުން އެ ދެގައުމުން ވަނީ ވައިގެ ހިދުމަތުގެ އައު އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފައެވެ.

ލަންކާގެ މަރުކަޒީ ބޭންކުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2021ވަނަ އަހަރު ލަންކާއާއި ތައިލެންޑާއި ދެމެދު ކުރި ވިޔަފާރީގެ އަގު ގާތްގަނޑަކަށް 460 މިލިއަން ޑޮލަރަށް އަރައެވެ.

ލަންކާއިން ތައިލެންޑަށް މައިގަނޑު ގޮތެއްގައި އެކްސްޕޯޓް ކުރަނީ ސައިފަތާއި އެކި ކަހަލަ ޖަވާހިރެވެ. އިލްކްޓްރޯނިކް ސާމާނާއި ކާބޯތަކެއްޗާއި ރަބަރު އަދި ޕްލާސްޓިކަކީ މައިގަނޑު ގޮތެއްގައި ތައިލޭންޑުން ލަންކާއަށް އެކްސްޕޯޓުކުރާ ތަކެއްޗެވެ.

އަޑިއަޅައިލައިފައިވާ ލަންކާގެ އިގްތިސާދު ކޮޅަށްޖެހުމަށް އެ ގައުމުން އަންނަނީ ވިޔަފާރީގެ އެއްބަސްވުންތައް އިތުރުކޮށް، އިގްތިސާދީ ކުރިއެރުން ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ބޭރުގެ ފައިސާގެ ދަތިކަން ކުރިމަތިވެ ލަންކާގެ އިގްތިސާދީ ދުވެލި މިދިޔަ އަހަރު ވަނީ 3.8 އިންސައްތައަށް މަޑުވެފައެވެ.

comment ކޮމެންޓް