ތައިލޭންޑުގެ ކުރީގެ ބޮޑު ވަޒީރަށް މައާފުދީ، މިނިވަންކުރަން ނިންމައިފި

ތައިލޭންޑުގެ ކުރީގެ ބޮޑު ވަޒީރު ތަކްސިން ޝިނަވާޓްރާ -- ފޮޓޯ/ރޮއިޓާސް

ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ކުށް ސާބިތުވެ، އަށް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ތައިލޭންޑުގެ ކުރީގެ ބޮޑު ވަޒީރު ތަކްސިން ޝިނަވާޓްރާއަށް މައާފުދީ މިނިވަން ކުރަން ނިންމައިފިއެވެ.

ތައިލެންޑްގެ މިހާރުގެ ބޮޑުވަޒީރު ސްރެތާ ތަސްވިސިން ވިދާޅުވީ ތަސްކިންގެ މައްޗަށް އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމް މައާފުދީ އެއް އަހަރަށް ބަދަލު ކުރުމަށް އޭނާއަށް ލިބިދޭ އިހުތިޔާރުގެ ދަށުން ނިންމާފައިވާ ކަމަށެވެ. މިގޮތުން ޕެރޯލްގެ ދަށުން ތަސްކިން މިނިވަން ކުރަން ނިންމާފައިވާ ކަމަށް ވެސް ސްރެތާ ވިދާޅުވިއެވެ.

ތައިލޭންޑުގެ އިންސާފާ ބެހޭ ވަޒީރު ތާވީ ސޮޑްސޮންގް ވިދާޅުވި ގޮތުގައި ތަކްސިން އަވަހަށް ދޫކޮށްލުމަށް ޝަރުތު ހަމަވަނީ އޭނާ ސީރިއަސް ބަލިތަކެއް ބަލިތަކެއް ތަހައްމަލުކުރަމުންދާތީ، 70 އަހަރުން މަތީގެ ބަލި މީހުންގެ ކެޓަގަރީއަށް އޭނާ ޝަރުތު ހަމަވާތީއެވެ.

ތަކްސިން ދޫކޮށްލާނެ ތާރީހެއް ތައިލޭންޑު ސަރުކާރުން އަދި ހާމައެއްނުކުރެއެވެ. ނަމަވެސް މި ހަފުތާ ބަންދުގައި ދޫކޮށްލާނެ ކަމަށް ބެލެވޭ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ތަކްސިން ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވަނީ ބެންކޮކުގެ އަސްކަރީ ހޮސްޕިޓަލެއްގައެވެ. އެއީ އޭނާގެ ބައްޔަށް ފަރުވާކުރުމަށް ކަމަށް ބެލެވޭ ކަމަށް މީޑިއާތަކުން ބުނެއެވެ. ނަމަވެސް އެކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަނީ ހޮސްޕިޓަލެއްގައި އޭނާގެ ހުކުމް ތަންފީޒުކުރުމަކީ ހާއްސަ އިމްތިޔާޒެއް ދިނުން ކަމަށް ބުނެ، އެއީ އޭނާގެ ޕާޓީއާއި އަސްކަރިއްޔާއާ ދެމެދު އޮތް ސިޔާސީ އެއްބަސްވުމެއްގެ ބައެއްގެ ގޮތުގައި ކުރާ ކަމެއް ކަމަށް ވެސް ތުހުމަތުކޮށްފައެވެ.

ތަސްކިން ތައިލެންޑުން ފިލައިގެން ދިޔަ ގޮތަށް 14 އަހަރު ފަހުން މިދިޔަ އަހަރު ގައުމަށް އެނބުރި އައުމާއެކު އޭނާގެ މައްޗަށް ޖަލު ހުކުމް އިއްވާފައި ވަނީ ކޯޓަށް ހާޒިރުކޮށްގެންނެވެ.

ތައިލެންޑްގެ ބޮޑުވަޒީރުކަން 2001 އިން 2006 ގެ ނިޔަލަށް ކޮށްފައިވާ ތަސްކިންއަކީ ގިނަ ތުހުމަތުތައް ކުރެވޭ ބޭފުޅެކެވެ. މިގޮތުން އޭނާ ގައުމުން ފިލައިގެން ދިޔައީ ވެސް ފެންމަތިވި މައްސަލަތަކާ ގުޅިގެންނެވެ.

comment ކޮމެންޓް