ސޯމާލިއާގައި ގޮއްފުޅަނގި ގިނަވެ، ކުއްލި ހާލަތު އިއުލާންކޮށްފި

ގޮއްފުޅަނގި އިތުރުވުމުން ދަނޑުވެރިކަމަށް އޭގެ ނޭދެވޭ އަސަރު ކުރޭ -- ފޮޓޯ: ރޮއިޓާސް

މޮގަދިޝޫ (ފެބްރުއަރީ 3): އިރުމަތީ އެފްރިކާގައި އާދަޔާ ހިލާފަށް ގޮއްފުޅަނގި ގިނަވުމުގެ ސަބަބުން އެސަރަހައްދުގައި އޮންނަ ސޯމާލިއާއިން ކުއްލި ހާލަތު އިއުލާންކޮށްފި އެވެ.

ސޯމާލިއާގެ ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ބުނި ގޮތުގައި ގޮއްފުޅަނގި އެހާވަރަށް އިތުރުވުމަކީ އެގައުމުގެ ކާނާގެ ރައްކާތެރިކަމަށް އޮތް ނުރައްކަލެކެވެ.

"[ގޮއްފުޅަނގި އިތުރުވުމަކީ] ގޮވާމާއި ކެއުމަށް ބޭނުން ކުރާ ޖަނަވާރަށް އޮތް ނުރައްކަލެއް. އެސޫތްޕަކީ އާދަޔާ ހިލާފަށް ބޮޑު އަދި ގިނަ އަދަދަކަށް ގޮވާން ހުސް ކުރާ އެއްޗެއް،" ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ބުންޏެވެ.

ސޯމާލިއާގައި ގޮއްފުޅަނގި އިތުރުވުމުގެ ސަބަބުން އެގައުމުގައި ވަނީ ކުއްލި ހާލަތު އިއުލާންކޮށްފަ -- ފޮޓޯ: އީޕީއޭ

އެ މިނިސްޓްރީން ބުނި ގޮތުގައި ކުއްލި ހާލަތު އިއުލާން ކުރީ އަންނަ އޭޕްރީލް މަހު ގޮވާން ކަނޑަންވާ އިރަށް ގޮއްފުޅަނގީގެ އަދަދު ކޮންޓްރޯލު ކުރުމަށް ކުރާ މަސައްކަތްތައް އިތުރު ކުރުމަށެވެ.

އދ.އިން ބުނާ ގޮތުގައި އެއީ ފާއިތުވި 25 އަހަރު ތެރޭ ސޯމާލިއާ އާއި އިތިއޯޕިއާއަށް އެރި އެންމެ ބޮޑު ގޮއްފުޅަނގީގެ ތޫފާނެވެ. އަދި ކެންޔާއަށް ވަނީ ގޮއްފުޅަނގި އިތުރުވުމުގެ ނުރައްކާ ފާއިތުވި 70 އަހަރު ތެރޭ އިތުރު ނުވާ މިންވަރަކަށް އިތުރުވެފަ އެވެ.

ނަމަވެސް އެ ސަރަހައްދުގައި ގޮއްފުޅަނގީގެ ސަބަބުން ކުއްލި ހާލަތު އިއުލާން ކުރި ފުރަތަމަ ގައުމަކީ ސޯމާލިއާ އެވެ.

މިދިޔަ މަހު އދ.ގެ ފުޑް އެންޑް އެގްރިކަލްޗާ އޯގަނައިޒޭޝަނުން ވަނީ ގޮއްފުޅަނގީގެ މައްސަލައިގައި ބޭރު ގައުމުތަކުން އިރުމަތީ އެފްރިކާގެ ގައުމުތަކަށް އެހީ ވުމަށް ގޮވާލާފަ އެވެ. އަދި އަންނަ ޖޫން މަހާ ހަމަޔަށް އެސަރަހައްދުގައި ގޮއްފުޅަނގީގެ އަދަދު 500 ގުނަ އިތުރު ވެދާނެ ކަމަށް ބުނެފަ އެވެ.

އިރުމަތީ އެފްރިކާގައި ގޮއްފުޅަނގީގެ އަދަދު އިތުރުވީ މިދިޔަ އަހަރުގެ ފަހުކޮޅު ބޯކޮށް ވާރޭވެހި، އެތަކެތި ވިހާ އާލާވުމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް