ނ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ، ވަވައްޗަށް އިއްޔެ ޑިންގީއެއްގައި ލެއްގި ސޯމާލިޔާ ތިން މީހުންނަށް އެ އަތޮޅު ހޮޅުދޫން ވަގުތީ ބޯހިޔާވަހިކަން ދީފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ އެ މީހުން މިހާރު ހޮޅުދުއަށް ގެންގޮސް، އެ ރަށު ކައުންސިލްގެ އެހީތެރިކަމާއެކު ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާ ކަމަށެވެ.
"އިއްޔެ ފެނުނު ސޯމާލިއާ މީހުންނަކީ ކަނޑުމަތީގައި ހާލުގައި ޖެހި، ބެހިގެން އާދެވުނު ބައެއްކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވޭ،" އޮފިޝަލް ވިދާޅުވިއެވެ.
މި މީހުންނާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ. ނަމަވެސް ފުލުހުން ހިއްސާ ކޮށްފައިވާ ފޮޓޯއިން ފެންނަ ފެނުމަށް އެ ތިން ފިރިހެނުންގެ ހާލު ވެސް ރަނގަޅުކަމަށް ފެނެއެވެ.

ސޯމާލިއާ މީހުން ދަތުރުކުރި ކަމަށް ބުނާ ޑިންގީ: ޑިންގީގައި ތިން މީހުން ތިބި -- ފޮޓޯ/ ފުލުހުން
ސޯމާލިއާގެ ދިދަ ނަގާފައިހުރި މަސްބޯޓެއް ވަނީ މީގެ ކުރިން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ތެރެއިން ފެނިގެން ދިވެހި ސިފައިންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.
މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ސޯމާލިއާ މީހުން ރާއްޖެއަށް ލައްގާފައި އެބަހުއްޓެވެ. އޭގެ ތެރެއިން ބަޔަކު ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫގައި ވެސް ގެންގުޅުނެވެ. ފަހުން އެ މީހުން ވަނީ ގައުމަށް ފޮނުވާލާފައެވެ.
ކަނޑުފޭރޭ މީހުންގެ ޖަމާއަތްތައް އުޅޭ ސޯމާލިއާ މީހުންނަކީ ކޮންމެ ފަހަރަކު ރާއްޖެ "ލައްގާ" ބައެއްގެ ގޮތުގައި ދޫކޮށްލެވެން ނެތް ކަމަށް ބުނެ އެ މައްސަލަ ސަރުކާރުން ސީރިއަސްކޮށް ބަލައި ފިޔަވަޅުއަޅަންޖެހޭ ކަމަށް އާއްމުންނާއި ބައެއް ސިޔާސީ ޕާޓީތަކުން ވަނީ ބުނެފައެވެ. އަދި ސޯމާލިއާ މީހުން ރާއްޖެ އެތެރެވާ މައްސަލަ ބެލުމަށް މީގެ ކުރިން ވަނީ ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހަޅާފައެވެ.