ގައުމީ ޓީމުތަކުގެ ކުޅުންތެރިން ޑައިޓް ބެލެހެއްޓުމަށް ލޮގު ފޮތެއް

ގުއާމާއާ ދެކޮޅަށް ނިކުންނަ ރާއްޖޭގެ ގައުމީ ޓީމް ވާމް އަޕް ކުރަނީ --- ފޮޓޯ: އެފްއޭއެމް

ގައުމީ ފުޓުބޯޅަ ޓީމުތަކުގެ ކޮންމެ ކުޅުންތެރިޔެއްގެ ޑައިޓް ބެލެހެއްޓުމަށް ލޮގް ފޮތެއް ހަވާލުކޮށް ހުރިހާ ކުޅުންތެރިންގެ ކެއުމާއި ބުއިން ބަހައްޓާނެ ވަކި މިންގަނޑެއް ކަނޑައަޅާފައިވާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ރާއްޖެއަކީ ފެށުނީއްސުރެން ހުނަރުގެ ގޮތުން ސަރަހައްދީ އެހެން ޓީމުތަކަށް ވުރެން ކުރީގައި އޮތް ޓީމެއް ކަމަށް ގިނަ ބަޔަކޫ ގަބޫލު ކުރާނެ އެވެ. އެކަމަކު ފުޓުބޯޅަ އަކީ ހަމައެކަނި ހުނަރަކުން ކުޅެވޭނެ އެއްޗަކަށް ނުވާ އިރު ކުޅުންތެރިންގެ ހަށިގަނޑުގެ ދުޅަހެޔޮކަމާއި ބުންވަރަކީ ދިވެހި ކުޅުންތެރިންގެ ގައިގައި މަދުވާ ބައެއް ކަމަށް ފުޓުބޯޅަ ދިރާސާ ކުރާ މާހިރުން ބުނެ އެވެ. އެހެން ކަމުން ފުޓުބޯޅައިގެ ރޮނގުން ދިވެހިން ކުރިއަށް ދިއުމަށް އެކަށީގެންވާ ޑައިޓެއް ކުޅުންތެރިން ގެންގުޅުމަކީ މުހިއްމު ކަމެކެވެ.

އެގޮތުން ކުޅުންތެރިންގެ ޑައިޓް އެންމެ ތުއްތު އިރުން ފެށިގެން ވެސް ވަކި މިންގަނޑެއްގައި ބެހެއްޓުމަށް އެފްއޭއެމުން މިހާރު ވަނީ މަސައްކަތް ފަށައިފަ އެވެ. އެފްއޭއެމްގެ އައު ޓެކްނިކަލް ޑިރެކްޓަރު އަލީގެ ބެލުމުގެ ދަށުން 16 އަހަރުން ދަށުގެ ހުރިހާ ކުޅުންތެރިންނަށް މިހާރު ވަނީ ލޮގު ފޮތެއް ހަވާލުކޮށްފަ އެވެ. އަދި އެ ފޮތުގައި ކުޅުންތެރިންގެ ކެއުމަށް ބޭނުންކުރާ ބާވަތްތަކާއި ފެންބޯ މިންވަރު ވެސް ހިމަނާފައިވާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް ވަނީ ވިދާޅުވެފަ އެވެ.

މި މަހުގެ 13 ވަނަ ދުވަހު ދުބާއީގައި ފަށައި 13 އަހަރުން ދަށުގެ މުބާރާތަށް ޓީމު ފުރުމުގެ ކުރިން ކުޅުންތެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ބައްސާމް ވިދާޅުވީ ބޭރުގެ ކުޅުންތެރިންނާއި ދިވެހި ކުޅުންތެރިންގެ ތަފާތަކީ އެ ކުޅުންތެރިންގެ ހަށިގަނޑުގެ ދުޅަހެޔޮ ކަމެވެ.

"އެ ކުޅުންތެރިންގެ [ބޭރު ކުލަބުތަކުގެ ކުޅުންތެރިން] ހަށިގަނޑުތައް ތިބެނީ ރާއްޖޭގެ ކުޅުންތެރިންނަށް ވުރެން މާ ވަރުގަދަކޮށް. މިކަހަލަ މުބާރާތަކަށް ދާއިރު ތިކުދިން [ގައުމީ 13 އަހަރުން ދަށުގެ ޓީމް] ވިސްނަންވީ ކީއްވެގެންތޯ އެކުދިން އެހާ ވަރުގަދަކޮށް އެ ތިބެނީ،" ބައްސާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 13 އަހަރުން ދަށުގެ ޓީމު މި މުބާރާތުގައި ވާދަކުރާ ބޮޑެތި ކުލަބުތަކުގެ ކުޅުންތެރިންނާ ވާދަކުރާ އިރު އެކުޅުންތެރިންގެ ފިޓްނަސް ރަނގަޅުވާ ސަބަބު ދެނަގަންނަން ޖެހޭ ކަމަށެވެ. އަދި އެ ކުޅުންތެރިންނާއި ދިވެހި ރާއްޖޭގެ ކުޅުންތެރިންގެ ކަންކަން ހުންނަ ގޮތް ވަރަށް ވެސް ތަފާތު ކަމަށް ބައްސާމް ވިދާޅުވި އެވެ.

"ކުދިންގެ ނިއުޓްރިޝަން ފުޑް އެބަ ޖެހޭ ތަފާތު ކުރަން. އަޅުގަނޑުމެންގެ ސޮސައިޓީގައި ވަރަށް ބޮޑަށް މި އޮންނަނީ ފިޒީ ޑްރިންކަށާއި ޖަންކް ފުޑަށް ގޮސްފައި. އަޅުގަނޑުމެންގެ ރިކުއެސްޓަކީ މި ބައިތަށް ކަނޑުވާލަދިނުން،"

ބައްސާމް އިތުރަށް ވިދާޅުވީ، ޕްރޮފެޝަނަލްކޮށް ފުޓުބޯޅަ ކެރިއަރެއް ބިނާ ކުރަން ބޭނުންނަމަ ކުޅުންތެރިން ގެންގުޅޭ ކެއުމުގެ ޑައިޓް ތަފާތު ކުރަން އެފްއޭއެމުން މަސައްކަތް ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޓެކްނިކަލް ޑިރެކްޓަރު ޖުދާން އަލީގެ ބެލުމުގެ ދަށުން، މިހާރު އަންޑާ 16 އާ އެކު މަސައްކަތް ކުރާ އިރު އެކުދިން އެބަޖެހޭ ލޮގު ފޮތެއް ގެންގުޅެން. ހަފްތާއަކު ކެއުމުގެ ކަންތައްތައް ހުންނަނީ ކިހިނެތްތޯ، ކިހާވަރަކަށް ފެންބޮއުނުތޯ، ކިހާވަރަކަށް ނިދުނުތޯ. މިހުރިހާ ކަމެއް މިހާރު ދަނީ މޮނީޓާ ކުރަމުން. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާ އަޅުގަނޑުމެންގެ 13 އަހަރުނަ ދަށުގެ ޓީމާއި އަންޑާ 19 އަދި ސީނިއާ ޓީމަށް ވެސް މި ލޮގު ފޮތް ހަވާލުކުރެވިގެން ދާނެ."

comment ކޮމެންޓް