ވޫހާންގައި ތިބި ލަންކާ ރައްޔިތުން ބަލާ ދިޔަ ސްރީލަންކަންގެ ކްރޫއަށް ތައުރީފު

ވޫހާންއިން ސްރީލަންކާއަށް ދަތުރުކުރި ފްލައިޓް ކްރޫގެ ބައެއް މަންޒަރުތައް --- ފޮޓޯ: ސްރީލަންކަން އެއާލައިންސް

ސްރީލަންކާގެ ގައުމީ އެއާލައިން، ސްރީލަންކަން އެއާލައިންސް އިން ޗައިނާގެ ވޫހާންގައި ތިބި އެ ގައުމުގެ ރައްޔިތުން ބަލައި ދިޔަ ފްލައިޓްގެ ކްރޫއިންނަށް ގިނަ ބަޔެއްގެ ސަމާލުކަމާއި ތައުރީފު ލިބިއްޖެއެވެ.

ވޫހާންއިން ސްރީލަންކާއަށް ދަތުރުކުރި ފްލައިޓް ކްރޫގެ ބައެއް މަންޒަރުތައް --- ފޮޓޯ: ސްރީލަންކަން އެއާލައިންސް

ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު، ފްލައިޓް ޔޫއެލް 1423 ގައި ދަތުރުކުރި 16 ކްރޫ މެންބަރުންނަކީ އަމިއްލައަށް އިސްނަގައިގެން ދަތުރުގައި ބައިވެރިވި މެންބަރުންނެވެ. މި ދަތުރުގައި ޗައިނާގައި ކިޔަވަންތިބި އެ ގައުމުގެ ރައްޔިތުންތަކެއް ވަނީ އެނބުރި ސްރީލަންކާއަށް ގެނެސްފައެވެ.

ސްރީލަންކާގެ ރައީސް، ގޯޓާބަޔަ ރާޖަޕަކްސަގެ ސީދާ އިރުޝާދުތަކުގެ ދަށުން ކުރެވުނު މި ދަތުރުގައި ވޫހާންއިން އެނބުރި ސްރީލަންކާއަށް އައި ހުރިހާ އެންމެންވެސް ފްލައިޓުން ފޭބުމަށްފަހު ވަނީ ސްރީލަންކާގެ ސިފައިންނާއި އެހެނިހެން މުއައްސަސާތަކުގެ އެހީގައި ސިއްހީ އެހީތެރިންގެ ބެލުމުގެ ދަށަށް ގެންދެވިފައެވެ.

އިއްޔެ ފަތިހު ލަންކާ ގަޑިން 4:05 ގައި ސްރީލަންކަންގެ ފްލައިޓު ޖެއްސީ ސްރީލަންކާގެ ދެކުނުގެ ހަމްބަންތޮޓަ އަވަށުގައި އޮންނަ ބައިނަލްއަގުވާމީ އެއާޕޯޓު، މައްތަލަ ރާޖަޕަކްސަ އިންޓަނޭޝަނަލް އެއާޕޯޓުގައެވެ. އަދި އެތަނުން ހާއްސަ ބަހެއް އަރުވައިގެން އެ ދަރިވަރުން ގެންދިޔައީ މެދުތެރޭގައި އޮންނަ ދިޔަތަލާވަ އާމީ ކޭމްޕުގައި ގާއިމުކޮށްފައިވާ ކަރަންޓީން ފެސިލިޓީއަކަށެވެ.

ވޫހާއިން އިން ސްރީލަންކާއަށް ދަތުރުކުރި ބައެއް ފަސިންޖަރުން --- ފޮޓޯ: ސްރީލަންކަން އެއާރލައިންސް

ކޮރޯނާވައިރަސް، އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވޫހާން ސިޓީ އަދިވެސް އޮތީ 'ލޮކްޑައުން' ހާލަތެއްގައިކަމަށްވާއިރު، ސްރީލަންކަން އެއާލައިންސްގެ ފްލައިޓް ކްރޫ ދަތުރުކުރީ ސަލާމަތީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށްފަހު އަދި، ވައިރަހުން ރައްތެރިވުމަށްޓަކައި ބޭނުންވާ ހުރިހާ ވަސީލަތްތަކާއިވެސް އެކުގައެވެ.

ސްރީލަންކަން އެއާލައިންސްއިން ހިންގި އޮޕަރޭޝަންގެ ބައެއް ފޮޓޯތައް އެ އެއާލައިނުން އާންމުކުރި އިރު، އޭގެން ފެންނަ ގޮތުން ފްލައިޓުގެ ހުރިހާ ކްރޫއިން ތިބީ ޑީކޮންޓެމިނޭޝަން ސޫޓުގެ އިތުރުން އަނގައާއި ނޭފަތް ނިވާކުރުމަށް މާސްކު، އަދި ދެ ލޯ ނިވާކުރުމަށް ސޭފްޓީ ގޮގްލްސްވެސް އަޅައިގެންނެވެ.

ސްރީލަންކަން އެއާލައިންސްގެ ޗެއާމަން އާޝޮކް ޕަތިރާގެ ވިދާޅުވީ ކާރިސާގެ ވަގުތުތަކުގައި މުޅި ގައުމުން އަބަދުވެސް އެގައުމުގެ ގައުމީ އެއާލައިނަށް ބަރޯސާވާ ކަމަށެވެ. އަދި ވޫހާންއަށް ކުރި ދަތުރުގައި ބައިވެރިވި 16 ކްރޫއިން އަމިއްލައަށް އިސްނަގައިގެން އެ އޮޕަރޭޝަނުގައި ބައިވެރިވުމަކީ އެމީހުންގެ ވަޒީފާގެ މަސްއޫލިއްޔަތުގެ ބޭރުން ކުރި ވަރަށް ހިތްވަރުގަދަ ކަމެއް ކަމަށާއި، އެމީހުންގެ ހިތްވަރަށްޓަކައި ފަޚުރުވެރިވާކަމަށް ޗެއާމަން ޕަތިރާގެ ވިދާޅުވިއެވެ.

ވޫހާންއިން ސްރީލަންކާއަށް ދަތުރުކުރި ފްލައިޓް ކްރޫގެ ބައެއް މަންޒަރުތައް --- ފޮޓޯ: ސްރީލަންކަން އެއާލައިންސް

ސްރީލަންކަން އެއާރލައިންސްގެ ކްރޫއިންގެ މި ގައުމީ ޚިދުމަތަށްޓަކައި އެ އެއާރލައިންގެ ވެރިންނާއި އަދި އާންމުންވެސް ދަނީ އެ ޓީމަށް ޝުކުރުއަދާކޮށް ތައުރީފުގެ މެސެޖުތައް ފޮނުވަމުންނެވެ.

މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ އަސަރު ސްރީލަންކާއިންވެސް ފެނުނެވެ. އެއީ އެގައުމަށް ދަތުރުކުރި ޗައިނާ އަންހެން ފަތުރުވެރިއެއްގެ ކިބައިންނެވެ. އެހެން ނަމަވެސް ސްރީލަންކާގެ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސާވިސެސް ޑރ. އަނިލް ޖާސިންހަ އިއްޔެ ވިދާޅުވި ގޮތުގައި ޕޮޒިޓިވްވި ޕޭޝަންޓު މިހާރު ވަނީ މުޅިން ބަލި ރަނގަޅުވެފައެވެ.

comment ކޮމެންޓް