ނަފްސާނީ ބަލިތަކުގެ ފަރުވާއަށް އާސަންދައިން 5،000 ރުފިޔާ

ނަފްސާނީ މައްސަލައެއް ކުރިމަތިވެފައިވާ ފަރާތަކަށް ސައިކޮލޮޖިސްޓް ދިމުތު ފަރުވާދެނީ-- ސަން ފައިލް ފޮޓޯ

އަމިއްލަ ކްލިނިކްތަކާއި ހޮސްޕިޓަލުތަކުން ފޯރުކޮށްދޭ ނަފްސާނީ ބަލީގެ ބައެއް ފަރުވާތައް އާސަންދައިގެ ދަށުން ކަވަރު ކުރަން ފަށާނެ ކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ.

އާސަންދަ ކުންފުނިން، އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނަފްސާނީ ބަލީގެ ބައެއް ފަރުވާތައް އާސަންދައިން ކަވަރު ކުރާނެ ކަމަށެވެ.

އެގޮތުން ސައިކޮލަޖިސްޓް ކޮންސަލްޓޭޝަން އާއި ސައިކޮލޮޖިކަލް އެސެސްމެންޓް އަދި ސައިކޮލޮޖިކަލް ތެރަޕީގެ އަގުތައް އާސަންދައިގެ ދަށުން ކަވަރު ކުރާނެ އެވެ.

މީގެ އިތުރުން، ޕްރައިވެޓު ހޮސްޕިޓަލުތަކާއި ކްލިނިކުތަކުން ނަފްސާނީ ބަލިތަކުގެ ހިދުމަތް ހޯދުމަށް އާސަންދައިގެ ދަށުން 5،000 ރުފިޔާ އަހަރަކަށް ހަމަޖައްސާފައިވާނެ ކަމަށްވެސް އާސަންދައިން ވަނީ ބުނެފަ އެވެ.

ނަފްސާނީ ބަލިތަކަށް ބޮޑު އަހައްމިއްޔަތެއް ދިނުމުގެ ގޮތުން އައިޖީއެމްއެޗުގައި ވަނީ ނަފްސާނީ ބަލިތަކަށް ހާއްސަ ކްލިނިކެއްވެސް ހުޅުވާފަ އެވެ. ސެންޓާ ފޮ މެންޓަލް ހެލްތުގެ ނަމުގައި އައިޖީއެމްއެޗުގައި އެ ކުލިނިކް ހުޅުވާފައިވަނީ މިދިޔަ އަހަރުގެ މާޗު މަހު އެވެ.

މެންޓަލް ހެލްތު ސެންޓަރުން ފޯރުކޮށްދޭ ހިދުމަތްތަކު ތެރޭގައި އޯޕީޑީގައި ބަލިމީހުން ބެލުމާއި އެނދުމަތިކޮށްގެން ދެވޭ ފަރުވާ ދިނުން ހިމެނެ އެވެ. އަދި އަވަސް ފަރުވާއަށް ބޭނުންވާ ބަލި މީހުންނަށް ފަރުވާދިނުމުގެ އިތުރުން ނަފްސާނީ ބަލިތައް ވަޒަންކުރުމާއި ބަލި ދެނެގަތުމާއި ބޭހުގެ އެހީގައި ފަރުވާދިނުމާއި ސައިކޮލޮޖިކަލް ހިދުމަތްތަކާއެކު ފަރުވާ ދިނުމާއި ރީހެބިލިޓޭޝަން އަދި އޮކިއުޕޭޝަނަލް ތެރަޕީ ދިނުން ފަދަ ހިދުމަތްތައް އެ ސެންޓަރުންދެ އެވެ.

comment ކޮމެންޓް