ދުނިޔޭގެ ކެންސަރު ދުވަހާ ގުޅުވައިގެން ކަމާބެހޭ ފަރާތްތަކާއެކު ސިމްޕޯސިއަމްއެއް ބާއްވަން ނިންމައިފި އެވެ.
އެސްޓީއޯއިން އިންތިޒާމުކޮށްގެން 'އޮންކޯ ސްޕެކްޓްރާ 2.0'ގެ ނަމުގައި ބާއްވާ އެ ސިމްޕޯސިއަމްއާ ގުޅޭގޮތުން އައިޖީއެމްއެޗްގެ އޮންކޯ ޑިޕާޓްމަންޓްގެ ހެޑް އަދި ރާއްޖޭގެ ފުރަތަމަ އޮންކޯ ސާގަން ޑރ. މުހައްމަދު ޝިފާން ވިދާޅުވީ ފުރަތަމަ ދުވަސް ހާއްސަކޮށްފައިވަނީ ދުނިޔޭގެ އެކި ގައުމުތަކުގެ ކެންސަރު ބަލީގެ ފަރުވާ ދޭ ތަޖުރިބާކާރުން ބައިވެރިވާ ކޮންފަރެންސްއަކުންނެވެ.
"ކޮންފަރެންސްއަކާ ވޯކްޝޮޕެއް ކުރިއަށްގެންދާ ގޮތަށް ރާވާފައި އޮތީ. ކޮންފަރެންސްއަށް ކެންސަރު ބަލީގައި ފަރުވާދޭ ތަޖުރިބާކާރުން ބައިވެރިވާނެ. އޭގެ ތެރޭގައި އިންޑިއާ، ސައުތް އެފްރިކާ، ޔޫކޭ، ޒިމްބާބްވޭ އަދި ނޭޕާލްގެ ބޭފުޅުން ހިމެނޭ. ދެވަނަ ދުވަހު އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގެ ގޮތުން [މި ބައްޔާ ގުޅޭގޮތުން] ނަރުހުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންދާ ގޮތަށް އޮތީ." ޑރ. ޝިފާން ވިދާޅުވި އެވެ.
ސިމްޕޯސިއަމްގެ ތިންވަނަ ދުވަހު ސްކޫލްތަކުގެ އިސް ބޭފުޅުންނާއި ހެލްތް ވޯކަރުންނާ ބައްދަލުކޮށް، ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފަ އެވެ.
އެ ޕްރޮގްރާމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ކެންސާ ސޮސައިޓީގެ ޗެއާޕާސަން ޖުވޭރިޔާ ސައީދު ވިދާޅުވީ ކެންސަރު ބަލީގެ ޝިކާރައަކަށް ވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ދިރިއުޅުމުގެ އާދަކާދަތައް ގެންގުޅެވޭ ގޮތުން ކަމަށެވެ.
މި ޕްރޮގްރާމު ސްކޫލުތަކަށް އަމާޒުކުރި ސަބަބަކީ ސްކޫލު މާހައުލަކީ ރަނގަޅު އާދަތައް ކުދިންގެ ގައިގައި އަށަގެންނުވޭނެ އެންމެ ރަނގަޅު މާހައުލަށް ވުމުން ކަމަށް ޖުވޭރިޔާ ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި އެސްޓީއޯ މެޑިކަލްސްގެ މެނޭޖަރު ހަމްދޫން ފާއިޒު ވިދާޅުވީ އެސްޓީއޯއިން ކެންސަރު ބައްޔަށް ބޭނުންވާ ބޭސް ރާއްޖެއަށް އެތެރެކުރުމުގައި ބަލަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ގަބޫލުކުރާ، އެންމެ ކޮލިޓީ ރަނގަޅު ބޭސް ކަމަށެވެ.
މީގެ އިތުރުން މި ބައްޔަށް ބޭނުންކުރާ ބޭސްތައް ދިނުމުގައި ހާއްސަ ތަމްރީނުތަކެއް ލިބިފައި ހުރުމަކީ މުހިންމު ކަމަކަށްވުމުން، ނަރުހުންނާއި ފާމަސިސްޓުންނަށް ދޭންޖެހޭ ތަމްރީނުތައް އެސްޓީއޯއިން ފޯރުކޮށްދެމުންދާ ކަމަށް ހަމްދޫން ވިދާޅުވި އެވެ.
ދުނިޔޭގެ ކެންސަރު ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކު ވެސް ފާހަގަކުރަނީ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހެވެ.