ގައުމުގެ ކޮންމެ ގޮވައިލުމަކަށް، އަމިއްލަ އެދުމަކާ ނުލައި އިޖާބަ ދޭން ވާނެ: މިނިސްޓަރު ހަސަން

ހުރަވީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގެ ތެރެއިން-- ފޮޓޯ/ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ދޮންބަންޑާރައިންގެ ހަޔާތުން އިބުރަތް ހާސިލުކޮށް، ގައުމަށް ކަމެއް ބޭނުންވާ ކޮންމެ ހާލަތެއްގައި ވެސް، ގައުމުގެ ގޮވާލުމަށް އިޖާބަ ދޭން ވާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.

ހުރަވީ ދުވަހުގެ މުނާސަބަތުގައި ތާޖުއްދީން ސްކޫލުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ހަސަން ވިދާޅުވީ ދޮންބަންޑާރައިންގެ ޝަހުސިއްޔަތަކީ ކޮންމެ ދިވެއްސަކު ވެސް ނަމޫނާއަކަށް ނަގަން ޖެހޭ ވަރުގެ ޝަހުސިއްޔަތެއް ކަމަށެވެ.

ދޮންބަންޑާރައިންގެ ވާހަކައިން އަމާނާތްތެރިކަމާއި މަޝްވަރާ ކުރުމުގެ ރީތި ސިފަ އަދި ގައުމު ދެކެ ލޯބިވުމުގެ މުހިންމުކަމުގެ އިތުރުން އަމިއްލަ އެދުމަކާ ނުލައި ކަންކަން ކުރަން ދިވެހި ދަރިން ދަސްކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އުންމީދަކީ ގައުމު އަޅުގަނޑުމެންގެ ކިބައިން ކަމަކަށް އެދޭ ކޮންމެ ހާލަތެއްގައި ވެސް އަމިއްލަ އެދުމެއް ނެތި، ގައުމުގެ ގޮވާލުމަށް އިޖާބަ ދޭ ބަޔަކަށް އަޅުގަނޑުމެން އެންމެން ވެގެން ދިޔުން. އިރުވައި މޫސުމުގައި ޖަހާފައި ހުންނަ ވަހުތާނަކަށް އަޅުގަނޑުމެންގެ ޝަހުސިއްޔަތު ވެގެން ނުދިއުން." މިނިސްޓަރު ވިދާޅުވި އެވެ.

ހުރަވީ ދުވަސް ނިސްބަތްވަނީ މަލާބާރީން ނުވަތަ ހޮޅިންގެ އަތްދަށުން ރާއްޖެ ސަލާމަތްކޮށް ދެއްވި ދޮންބަންޑާރައިން ނުވަތަ އައްސުލްތާން ޣާޒީ ހަސަން އިއްޒުއްދީނަށެވެ.

comment ކޮމެންޓް