ފަތިސް ނަމާދު ޖަމާއަތުގައި ކުރަން ބާރު އެޅުއްވުމުން ރައީސަށް ތައުރީފު އޮހެނީ

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު، އިސްލާމީ މަރުކަޒަށް ވަޑައިގެން ނަމާދު ކުރެއްވުން -- ފައިލް ފޮޓޯ

ރޭ އޮތް ހުރަވީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު، ފަތިސް ނަމާދު ޖަމާއަތުގައި ކުރުމަށް ބާރުއެޅުއްވުމާ ގުޅިގެން އެ މަނިކުފާނަށް ތައުރީފު އޮހެން ފަށައިފިއެވެ.

ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޚާއްސަ ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ، އެ މަނިކުފާނުގެ ސަރުކާރުން ބޭނުންވަނީ ގާނޫނު ނަގަހައްޓައި، އިސްލާމްދީނަށް ނަސްރުދޭން ކަމަށެވެ. އެގޮތުން ފަރުޟު ފަސް ނަމާދަކީ އިސްލާމްދީނުގެ މުހިންމު އެއް ތަނބަށްވާއިރު އެ މަނިކުފާނު ވަނީ ފަރުޟު ފަސް ނަމާދު އޭގެ ވަގުތުގައި ގާއިމުކުރަން އިލްތިމާސް ކުރައްވާފައެވެ.

އަދި، ޚާއްސަކޮށް އެ މަނިކުފާނު ވަނީ ފަތިސް ނަމާދުގެ ޖަމާއަތް ހީނަރުވިޔަ ނުދިނުމަށް އިލްތިމާސް ކުރައްވައިފައެވެ.

"ޚާއްޞަކޮށް ފަތިސްނަމާދުގެ ޖަމާޢަތް ހީނަރުވިޔަ ނުދެއްވާ! ފަތިސް ނަމާދުގެ ބަރަކާތުން ދުވަސް ފެށުމުގެ އުފާ ލިބިގަންނަ އާއިލާއަކަށް ދިވެހި ކޮންމެ އާއިލާއެއް ވުމަކީ އަޅުގަނޑުގެ ހިތުގެ ދުޢާއެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނަމާދުގެ ޖަމާއަތް ބައިބޯ ވެއްޖެ ނަމަ މުޅި ގައުމު ވަރުގަދަވެ، އުފާވެރިވެ ބާއްޖަވެރިވާނެ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި މިކަންކަމަށް އަލިއަޅުވައިލެއްވުމާ ގުޅިގެން ދިވެހި ބަހުގެ އެކެޑަމީގެ ކުރީގެ ރައީސް އަޝްރަފު އަލީ ވެސް ވަނީ އެ މަނިކުފާނަށް ތައުރީފު ކުރައްވައިފައެވެ.

އޭނާ ވިދާޅުވީ، މިއީ ރާއްޖޭގެ ވަލިއްޔުލް އަމްރަކު މުޅިން އަލަށް ވިދާޅުވި ވާހަކަފުޅެއް ކަމަށެވެ. އަދި، އެ މަނިކުފާނު އެ ވިދާޅުވި ބަސްފުޅުގެ އަސަރު މުޅި ދިވެހި އުންމަތަށް ވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ރައީސްގެ ވާހަކަފުޅުގައި ޖަމާއަތުގައި ނަމާދުކުރަން ވިދާޅުވި ވާހަކަފުޅު ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެފަދަ ނަސޭހަތް ދިވެހި އުންމަތަށް ދެއްވާތީ ގައުމު ދެކެ ލޯބިވާ ދަރިއެއްގެ ހައިސިއްޔަތުން، ޝުކުރުއަދާކުރައްވައި ކަމަށެވެ.

ރޭ ޖަލްސާގައި ފަތިސް ނަމާދު ޖަމާއަތުގައި ކުރެއްވުމަށް ބާރުއަޅުއްވައި ވާހަކަ ދެއްކެވުމަށް ފަހު ރޭގެ ފަތިސް ނަމާދުގެ ޖަމާއަތަށް ރައީސް ވަޑައިގަތުމާ އެކު ވެސް ގިނަ ބަޔަކު ވަނި އެ ކަމަށް ތައުރީފު ކޮށްފައެވެ.

އެގޮތުން މީސްމީޑިއާގައި ދައުރުވަމުން ދިޔަ ޕޯސްޓެއްގައި އެ މަނިކުފާނަކީ ހިތްތިރި ވެރިއެއްކަން ފާހަގަކޮށްފައިވެއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ވެސް އެމަނިކުފާނު، ފަތިސް ނަމާދުގެ ޖަމާއަތަށް ވަޑައިގަތުމާ ގުޅިގެންވެސް މީސްމީޑިއާގައި އާންމުން ވަނީ ވަރަށް ބޮޑަށް އެމަނިކުފާނަށް ތައުރީފު ކޮށްފައެވެ. އަދި ރައީސަކަށް އިންތިޚާބުވެ ވަޑައިގަތުމަށް ފަހު ވެސް ފަތިސް ނަމާދު ޖަމާއަތުގައި ކުރައްވާ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް އަންނަނީ މީސްމީޑިއާގައި ދައުރުވަމުންނެވެ.

comment ކޮމެންޓް