ރާއްޖޭގައި އިންޓަނެޓު މެދުވެރިކޮށް ލަދުހުތުރު މަންޒަރުތައް ބެލޭ (ބަރަހަނާ) ވެބްސައިޓުތަކަށް ވަދެވެން ހުރި ހުރިހައި ދޮރެއް ކުރިއަށް އޮތް ހަފުތާ ތެރޭ އެއްކޮށް ބަންދުކުރެވޭނެ ކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވިއިރު ރާއްޖޭގައި ބަރަހަނާ އެއްވެސް ވެބްސައިޓަކަށް ނުވަދެވޭހެން ރޭ ވަނީ ބްލޮކްކޮށްފައެވެ.
ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓްތަކަކީ ރާއްޖޭގައި ޒަމާނުއްސުރެ މިނެއް ނެތި ހުޅުވައިލެވިފައިވާ މައިދާނެއް ކަމަށެވެ.
ދިވެހިރާއްޖޭގެ ޤާނޫނު މި ކަން މަނާކުރާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި ނާތަހުޒީބު ދޮރުތައް ބަންދުކުރަން ދިވެހީންގެ ޤާނޫނާއި ދީންވެރިޔާގެ މައްޗަށް ލާޒިމުކުރާ ކަމަށެވެ.
ހަމަ އެހެންމެ ޒަމާނީ ދިރާސާތަކުން ކަށަވަރުވާ ގޮތުގައި މި ފަދަ މައިދާންތަކަށް ދެވިހިފުމަކީ އިންސާނާގެ ސިކުނޑީގެ ނިޒާމު ހަލާކުކޮށްލާކަމެއް ކަމަށާއި ލޮޑުކޮށްލާކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އޭނާގެ އުފެއްދުންތެރިކަން މަރައިލާކަމެއް. ނަފުސާނީ ބަލިމަޑުކަމެއްގެ ތެރޭގައި މީހާ ޣަރަގުކޮށްލާކަމެއް،" ރައީސް ވިދާޅުވިއެވެ.
"ޤާނޫނު ވެސް ވަނީ އެކަން މަނާކޮށްފައި. އެއީ އިންސާނާއާއި ޤައުމާއި މުޅި އިންސާނިއްޔަތުގެ ސަލާމަތަށްޓަކާ،"
އެމަނިކުފާނު ވިދާޅުވީ މި ފަދަ އެތައް ސަބަބެއް އޮތުމުން މާތްވެގެންވާ އިސްލާމްދީން ވަނީ މާ ކުރިން މި ފަދަ ހުތުރު އަމަލުތައް ނަހީކުރައްވާފައި ކަމަށެވެ.
"އެހެންވީމާ އިރާދަކުރެއްވިއްޔާ ރާއްޖޭގައި އިންޓަނެޓު މެދުވެރިކޮށް ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވެން ހުރި ހުރިހައި ދޮރެއްގައި މި ސަރުކާރުން ތަންޑު އަޅުވާނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާރު އެ މަސައްކަތުގެ ބޮޑުބައި ނިމިފައިވާ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ހަފުތާ ތެރޭގައި ރާއްޖެއިން ލަދުހުތުރު ވެބްސައިޓުތަކަށް ނުވަދެވޭ ގޮތަށް އެ ފަދަ ވެބްސައިޓްތައް މުޅިން ބަންދުކޮށްލެވޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ އަރުވާފައެވެ.
ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)އަށް އެ ކަން ކުރުމަށް ސަރުކާރުން އެންގިކަން ރޭ "ސަން"އަށް ވަނީ އެނގިފައެވެ.
މިއީ މިފަަދައިން ރާއްޖޭގައި އަމަލުކުރަން ފެށި ފުރަތަމަ ފަހަރެވެ.