ހައިބްރިޑް ހަނގުރާމައާ ބެހޭ ފަންނިއްޔާތުގެ ހުނަރުތައް އަދުގެ ޒުވާނުން ދަސްކުރަން ޖެހޭކަމަށް ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަތީފް މިރޭ ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިފަދައިން ވިދާޅުވީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
އެމަނިކުފާނު ވިދާޅުވީ މިއަދު ހުރަވީ ދުވަސް ފާހަގަކޮށް ގައުމީ އަބުތޯލުންގެ ޒިކުރާ އާކުރަމުންދާއިރު، މިއަދު އިއްޔެއާއި ތަފާތު ކަމަށާއި އިއްޔެގެ ފަސްމާގާއި މާދަމާގެ ކުރިމަގު ތަފާތުކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ އަދުގެ ދުނިޔޭގައި ތޮޅެނީ ހަމައެކަނި ލޮންސިއާ ކަނޑި ބަޑި، ނުވަތަ ބޮމަކުން ނޫންކަމަށެވެ. މިއަދު ތޮޅެނީ ފިކުރީ ގޮތުންނާއި މައުނަވީ ވިސްނުމާއި ފިކުރުންކަން އެމަނިކުފާނު ވަނީ ހަނދާން ކޮށްދެއްވާފައެވެ. އަދި މިއަދު ހަނގުރާމަތަކުގައި ގައުމުތައް ސުންނާފަތިކުރުމުގައި ބޭނުންކުރަނީ ހައިބްރިޑް ހަތިޔާރާއި އޭގެ އުކުޅުތައްކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ މިއަދު ދިވެހި ރައްޔިތުން ސަމާލުވާންވީ މިފަދަ ނުރައްކާތަކުން ސަލާމަތްވުމުގެ މައްޗަށް ކަމަށެވެ.
އެމަނިކުފާނު ވިދާލުވީ އަޅުގަނޑުމެންގެ ވިސްނުމާކުޅެ ނަފްރަތާއި ރުޅިވެރިކަން އުފެއްދުމަށް އިންްޓަނެޓްގެ ޒަރީޔާއިން މިއަދު ހަމަލާދޭ ކަމަށެވެ. ދޮގު މައުލޫމާތު ފަތުރައި އިގްތިސާދީ ފިއްތުންތައް ކުރިމަތި ކުރުވައި ސަގާފީ ނުފޫޒުގެ ތެރެއިން ތޮޅެމުންދަނީ ގައުމުތަކުގެ ގައުމިއްޔަތާއި ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނު ވިދާޅުވީ ހައިބްރިޑް ހަނގުރާމައިން ދަފަރާވާން ކުރަންޖެހިފައިވާ ކަންކަން ވަރަށް ގިނަ ކަމަށެވެ. އެކި ގޮތްގޮތުން ފެތުރޭ ދޮގު މައުލޫމާތާއި އެކު މަސައްކަތް ކުރަން މަޖުބޫރުވެފައިވާކަމާށެވެ.
އަދި އަދުގެ ޒުވާން ޖީލަކީ މާދަމާއަށް ނަމޫނާ ޖީލަކަށް ވާންޖެހޭކަމަށް އެމަނިކްފާނު ވަނީ ވިދާޅުވެފައެވެ. އަދި އެ ނަމޫނާ ދެއްކޭނީ ދޮން ބަންޑާރައިން ފަދައިން މާޒީގެ ބަތަލުންނަށް ދޭންޖެހޭ ހައްގު ޝުކުރު މިއަދު އަދާކޮށްގެން ކަމަށް ވެސް އެމަނިކްފާނު ވަނީ ވިދާޅުވެފައެވެ.
"ދުނިޔެ އަދު ކުރިމަތިލާފައިވާ ހައިބްރިޑް ހަނގުރާމަޔާއި ކުރިމަތުލުމަށް ބޭނުންވާ ފަންނީ ހުނަރުތައް ދަސްކުރުމަށް އަދުގެ ޒުވާނުންނަށް އަޅުގަނޑު ގޮވާލަން. 21 ވަނަ ގަރުނުގެ ތަހުޒީބާއި ތަމައްދުނުގެ އުކުޅުތަކާއި ގޮތްތައް ދަސްކުރަން އަދުގެ ކޮންމެ ބޭފުޅަކަށްވެސް އަޅުގަނޑު އިލްތިމާސްކުރަން. މިޒަމާނަށް އަޅުގަނޑުމެން ހޭލަންވާނީ ނިކަން ވަރުގަދަ އަޒުމަކާއި އެކުގައި،" ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބުރައީސް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ގެންދަވަނީ ގައުމުގެ ރައްކާތެރިކަމާއި މުޖްތަމައުގެ ދުޅަހެޔޮކަމަށް ޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށެވެ.
ދިވެހި ގައުމު އާރާސްތުކޮށް ގައުމުގެ ހައިބަތާއި އިއްްޒަތް ދުނިޔެއަށް ހާމަކުރެއްވުމަށް ރައީސް ކުރައްވާ އަގުހުރި މަސައްކަތައް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.