ދީބާޖާ މައްސަލަ ރިވިއުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ބަންޑާރަ ނައިބު ރިފްއަތު: އޭޖީ މައްސަލަ ވަނީ ރިވިއު ކުރަން ހުށަހަޅާފައި -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ މަސައްކަތް ހަވާލުކުރި ދީބާޖާ ކުންފުނީގެ އެގްރިމަންޓް ބާތިލް ކުރި މައްސަލައިގައި އެ ކުންފުންޏަށް ބަދަލު ދިނުމަށް ސުޕްރީމް ކޯޓުން މީގެ ކުރިން ތާއިދުކޮށްފައިވާ ހުކުމް އަލުން ރިވިއު ކުރުމަށް ސްޕްރީމްކޯޓަށް ހުށަހަޅައިފި އެވެ.

ބަންޑާރަނައިބުގެ އޮފީހުން އެ މައްސަލަ ރިވިއު ކުރުމަށް ހުށަހެޅީ ދީބާޖާއަށް ބަދަލު ދިނުމަށް މީގެ ކުރިން ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާމެދު އާންމުންގެ ކަންބޮޑުވުން އޮތް ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ އޮފީހަށް އަންގަވާފައިވާތީއެވެ.

ބަންޑާރަނައިބު އޮފީހުން މިއަދު ކުރި ޓްވީޓެއްގައި ވަނީ އެ އެ މައްސަލަ ރިވިއުކުރުމަށް މިއަދު ސުޕްރީމް ކޯޓަށް ހުށަހެޅިކަން ކަށަވަރުކޮށްދީފައެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ މަސައްކަތް ހަވާލުކުރި ދީބާޖާ ކުންފުނީގެ އެގްރިމަންޓް ބާތިލުކުރުމުން، އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ހުކުމް ކުރީ، ބަދަލުގެ ގޮތުގައި ދައުލަތުން އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދިނުމަށެވެ. ދައުލަތުން އޭރު ހައިކޯޓުގައި އެ ހުކުމް އިސްތިއުނާފުކުރުމުން، ސިވިލްކޯޓުގެ ހުކުމް ހައިކޯޓުން ބާތިލުކުރިއެވެ. ނަމަވެސް ފަހުން ނަމަވެސް ސުޕްރީމްކޯޓުން ވަނީ ހައިކޯޓުގެ ހުކުމް ބާތިލުކޮށް ސިވިލްކޯޓުގެ ހުކުމް ދަމަހައްޓާފައެވެ.

ސެޓްލްމަންޓް ކޮމިޓީގެ ލަފާގެ މަތިން މީގެ ކުރިން އެ މައްސަލައިގައި ރައީސް ސޯލިހު ނިންމެވީ، ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށެވެ. އެހެން ނަމަވެސް އެ މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ނިންމައި މަޖިލީހުގެ ތަޅުމުން ފާސްކޮށްފައި ވަނީ އެ މައްސަލަ އަލުން ރިވިއު ކުރުމަށް ސުޕްރީމްކޯޓަށް ހުށަހެޅުމަށް ރައީސްއަށް ދެންނެވުމަށެވެ.

https://sun.mv/130543

ގަވައިދާ ހިލާފަށް އެގްރިމަންޓްތައް ބާތިލުކުރުމުގެ މައްސަލަތަކުގައި ކުންފުނިތަކަށް ދޭން ޖެހޭ ބަދަލު 6.8 ބިލިއަނެއްހާ ރުފިޔާއަށް އަރާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން މިހާތަނަށް ބަދަލުގެ ގޮތުގައި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ އެކި ފަރާތްތަކަށް ދީފައިވެއެވެ. އެކަމާ ގުޅިގެން ސަރުކާރަށް ފާޑުކިޔުން ވެސް ދަނީ އަމާޒުވަމުންނެވެ.

comment ކޮމެންޓް