ރައީސްގެ އެންގުމަށް ދީބާޖާ މައްސަލަ ސުޕްރީމް ކޯޓްގައި ރިވިއުކުރަނީ

ދީބާޖާ އިންވެސްޓްމެންޑްއަށް ބަދަލު ދިނުމަށް ނިންމި މައްސަލައިގައި އެޓާނީ ޖެނެރަލް ރައްޔިތުން މަޖިލިޙުގެ މާލިއްޔަތު ކޮމެޓީއަށް ހާޒިރުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވުމާ ގުޅިގެން، ދީބާޖާއަށް ބަދަލު ދިނުމުގެ ހުކުމަށް ސުޕްރީމް ކޯޓުން ތާއީދު ކުރަން ނިންމި ނިންމުން އަލުން ރިވިއުކޮށްދޭން އެދި އެ ކޯޓަށް ހުށަހަޅަން އެޓާނީ ޖެނެރަލް ނިންމަވައިފި އެވެ.

އޭޖީ އޮފީހުން މިއަދު ބުނީ ދީބާޖާ މައްސަލާގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާމެދު އާންމުންގެ ކަންބޮޑުވުން އޮތް ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ އޮފީހަށް އަންގަވާފައިވާ ކަމަށެވެ. އެހެން ކަމުން އާންމު މަސްލަހަތަށް ރިއާޔަތްކޮށް، އެ މައްސަލަ ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމަށް އޭޖީ އިބްރާހިމް ރިފްއަތު ނިންމެވީ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

ސެޓުލްމަންޓް ކޮމިޓީގެ ލަފާގެ މަތިން މީގެ ކުރިން އެ މައްސަލައިގައި ރައީސް ސޯލިހު ނިންމެވީ، ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށެވެ. އެހެން ނަމަވެސް އެ މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ނިންމައި މަޖިލީހުގެ ތަޅުމުން ފާސްކޮށްފައި ވަނީ އެ މައްސަލަ އަލުން ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ރައީސްއަށް ދެންނެވުމަށެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ މަސައްކަތް ހަވާލުކުރި ދީބާޖާ ކުންފުނީގެ އެގްރިމަންޓް ބާތިލް ކުރުމުން، އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ހުކުމް ކުރީ، ބަދަލުގެ ގޮތުގައި ދައުލަތުން އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދިނުމަށެވެ. ދައުލަތުން އޭރު ހައިކޯޓުގައި އެ ހުކުމް އިސްތިއުނާފު ކުރުމުން، ސިވިލް ކޯޓްގެ ހުކުމް ހައިކޯޓުން ބާތިލްކުރި އެވެ.

ނަމަވެސް ސުޕްރީމް ކޯޓުން ފަހުން ވަނީ ހައިކޯޓްގެ ހުކުމް ބާތިލްކޮށް ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓާފަ އެވެ. ސުޕްރީމް ކޯޓުން އެގޮތަށް ނިންމީ، ދައުލަތުން ހައިކޯޓްގައި އެ މައްސަލަ އިސްތިއުނާފު ކުރީ އެކަމަށް އޮންނަ މުއްދަތު ފަހަނަ އަޅާ ދިޔަފަހުން ކަމަށް ވާތީ، އިޖުރާއަތްތައް ނުބައި ކަމަށް ބުނެ އެވެ.

ދީބާޖާއަށް ބަދަލުގެ ގޮތުގައި ފައިސާ ދޭން ނިންމުމުން މާލިއްޔަތު ކޮމިޓީގައި މެންބަރުން ވަނީ ސެޓުލްމަންޓް ކޮމިޓީގެ މެންބަރުންނަށް ރިޝްވަތުގެ ތުހުމަތުވެސް ކޮށްފަ އެވެ.

ގަވައިދާ ހިލާފަށް އެގްރިމަންޓްތައް ބާތިލުކުރުމުގެ މައްސަލަތަކުގައި ކުންފުނިތަކަށް ދޭން ޖެހޭ ބަދަލު 6.8 ބިލިއަނެއްހާ ރުފިޔާއަށް އަރާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރުން މިހާތަނަށް ބަދަލުގެ ގޮތުގައި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ އެކި ފަރާތްތަކަށް ދީފައިވެ އެވެ. އެކަމާ ގުޅިގެން ސަރުކާރަށް ފާޑުކިޔުން ވެސް އަމާޒުވެފަ އެވެ.

comment ކޮމެންޓް