މާލޭގެ އިންތިހާބީ ދާއިރާތައް ބަހާފައި ހުރިގޮތުން ފުއާދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި

(ކ-ވ) އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ފުއާދު ތައުފީގު، ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް އަދި ނައިބު ރައީސް އަހްމަދު އަކްރަމް -- ފޮޓޯ: އިލެކްޝަންސް ކޮމިޝަން

ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ ދާއިރާތައް ބަހާފައިވާގޮތާމެދު، އިލެކްޝަންސް ކޮމިޝަންގެ ކޮމިޝަނާ ފުއާދު ތައުފީގު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ދާއިރާތައް ބަހާފައިވާ ގޮތާ މެދު ގިނަ ބަޔަކު ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އެގޮތުން މާލޭގެ ހަތަރު އަވަށުގެ އިންތަކަށް ނުބަލައި، މާލޭގެ 18 އިންތިހާބީ ދާއިރާ ކަނޑައަޅާފައިވުމުން ސޯޝަލް މީޑިއާގައި އެކަމަށް ފާޑުކިޔަމުން ދެއެވެ.

އެކަމާ ގުޅިގެން ފުވާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުގެ ދާއިރާތައް ކަނޑައެޅުމަށް ހަމަޖައްސާފައިވާ ގޮތާމެދު މާލޭގެ ގިނަ ބަޔަކު ހިތްހަމަ ނުޖެހޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ 18 ދާއިރާ ކަނޑައަޅާފައިވަނީ ހަގީގަތުގައިވެސް މާލޭގެ ހަތަރު އަވަށުގެ އިންތަކަށް ބެލުމެއް ނެތި ކަމަށެވެ.

"މައްޗަންގޮޅީގައި ހުރި އަޅުގަނޑުގެ ގެވެސް ވަނީ މިހާރު ގަލޮޅު ދެކުނުގައި. ގިނަ މީހުންނެކޭ އެއްގޮތަށް އަޅުގަނޑުވެސް މިކަމަކާ އެހާ ހިތްހަމައެއް ނުޖެހޭ،" ފުއާދު ވިދާޅުވިއެވެ.

އިންތިހާބީ ދާއިރާތައް ބަހާވަފައިވާ ގޮތާމެދު އާންމުންގެ ހިތްހަމަނުޖެހުން އޮތްކަމުގެ ވާހަކަ ފެށުނީ ރާއްޖޭން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް ކުރެއްވި ޓްވީޓަކާއެކުގައެވެ.

ފަރަހަނާޒް ވިދާޅުވީ މާލޭ ސިޓީގެ މޭޔަރަކަށް ވޯޓު ދެއްވާނީ ދިވެހި ސަގާފީ ގޮތުން އޮންނަ އަވަށްތައް ސަގާފީގޮތުން ހިމާޔަތްކުރައްވަން މަސައްކަތްކުރައްވާ ބޭފުޅަކަށް ކަމަށެވެ. ސަފީރު ފަރަހަނާޒް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން މިހާރު ނިންމާފައިވާ ގޮތުން އޭނާއަކީ ދެ އަވަށަކަށް ނިސްބަތްވާ މީހެއް ކަމަށާއި، އެހެން އެގޮތަށް ނުވާނެ ކަމަށެވެ.

ތާރީހީ އިލްމުވެރިޔާ އަހްމަދު އަލާ ދީދީ ޓްވިޓާގައި ފަރަހަނާޒްގެ ވާހަކައަށް ތާއީދުކުރެއްވިއެވެ. އަދި ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއެއް ކަމަށްވާ ލީލާ އަހުމަދުވެސް ވަނީ ފަރަހަނާޒްގެ ޓްވީޓަށް ތާއީދުކުރައްވައި އިންތިހާބީ ދާއިރާތަކާ ގުޅޭގޮތުން ނުރުހުން ފާޅުކޮށްފައެވެ. ލީލާ ފާހަގަކުރެއްވި ގޮތުގައި އޭނާވެސް ވަނީ މައްޗަންގޮޅިން ގަލޮޅަށް ބަދަލުވެފައެވެ.

އޭޕްރިލް މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި މާލޭ ސިޓީގައި އިންތިހާބީ 18 ދާއިރާއެއް އޮވެއެވެ. އެއީ، ހުޅުމާލެ ދާއިރާ، ހެންވޭރު އުތުރު ދާއިރާ، މެދު ހެންވޭރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާ، ހެންވޭރު ހުޅަނގު ދާއިރާ، ގަލޮޅު އުތުރު ދާއިރާ، ގަލޮޅު މެދު ދާއިރާ، ގަލޮޅު ދެކުނު ދާއިރާ، ގަލޮޅު ހުޅަނގު ދާއިރާ، މައްޗަންގޮޅި އުތުރު ދާއިރާ، މައްޗަންގޮޅި މެދު ދާއިރާ، މައްޗަންގޮޅި ދެކުނު ދާއިރާ، މާފަންނު މެދު ދާއިރާ، މާފަންނު އުތުރު ދާއިރާ، މާފަންނު ހުޅަނގު އުތުރު ދާއިރާ، މާފަންނު ހުޅަނގު ދާއިރާ، މާފަންނު ދެކުނު ދާއިރާ އަދި، ވިލިމާލޭ ދާއިރާއެވެ.

comment ކޮމެންޓް