ކައުންސިލުތަަކަށް 134 މިލިއަން ރުފިޔާ ޖަމާކޮށްދީފި

އައްޑޫ ސިޓީ ކައުންސިލް އިދާރާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދައުލަތުން ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދިނުމަށް ނިންމާފައިވާ 1.6 ބިލިއަން ރުފިޔާގެ ތެރެއިން، ފުރަތަމަ ޕޭމްންޓުގެ ގޮތުގައި 134 މިލިއަން ރުފިޔާ ކައުންސިލުތަކުގެ އެކައުންޓުތަކަށް ޖަމާކޮށްދީފައިވާ ކަމަށް ލޯކަލް ގަވަމެންޓު އޮތޯރިޓީން މިއަދު ބުނެފިއެވެ.

އެލްޖީއޭއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ދައުލަތުން ކައުންސިލްތަކަށް ދޭ އަންމު ހިލޭ އެހީގެ ގޮތުގައި 134،584،205 ރުފިޔާ ޖަމާކޮށްދީފައިވާނެ ކަމަށެވެ.

މި އަހަރުން ފެށިގެން ކައުންސިލްތަކަށް ބަޖެޓް ދެމުންއައި އުސޫލު، "ބްލޮކް ގްރާންޓް" އުސޫލުން ފައިސާ ދޫކުރާގޮތަށް ބަދަލުކޮށް، މިއަހަރަށް ފާސްކުރި ބަޖެޓުގައި ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ދިނުމަށް ވަނީ ނިންމައިފައެވެ. މިއީ ކައުންސިލުތައް މާލީ ގޮތުން ލާމަރުކަޒުކުރުމަށް ވިސްނައިގެން އެކުލާވާލާފައިވާ ސިޔާސަތެއް ކަމަށް ސަރުކާރުން ބުނެއެވެ.

ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓުގެ ޖުމްލަ ބަހަން ނިންމާފައިވާ ގޮތް

  • ރަށު ކައުންސިލްތަކަށް ހަތް ޕަސެންޓް
  • އަތޮޅު ކައުންސިލްތަކަށް 51 ޕަސެންޓް
  • ސިޓީ ކައުންސިލްތަކަށް 51 ޕަސެންޓް

އެ ފައިސާ ވަކިވަކި ކައުންސިލްތަކަށް ދޫކުރަން ނިންމާފައި ވަނީ "ސެންޓްރަލީ" ޖަމާކުރުމަށްފަހު ވަކި ފިސްކަލް ފޯމިއުލާއަކުންނެވެ. އެ ފޯމިއުލާގެ ތެރެއިން ހިލޭ އެހީ ކަނޑައަޅާއިރު ބަލާ ބައެއް ކަންތައްތަކުގެ ތެރޭގައި ދިރިއުޅޭ އާބާދީ، ބިމުގެ ބޮޑުމިން، އަތޮޅުގެ ވެރިކަން ކުރާ ރަށާ ހުރި ދުރުމިން، މާލެއާއި ހުރި ދުރުމިން އަދި ކައުންސިލު ހިންގުމުގެ ފެންވަރު ހިމެނެއެވެ.

އެ އުސޫލުން ފައިސާ ބަހާއިރު ބައެއް ކައުންސިލުތަކަށް މީގެ ކުރިން ލިބުނު ބަޖެޓަށް ވުރެ 400 ޕަސެންޓު ބޮޑު ބަޖެޓެއް ލިބިގެންދާނެކަމަށް ސަރުކާރުން ވަނި ބުނެފައެވެ.

މި ބަދަލާއެކު 2019 ވަނަ އަހަރަށް ފާސްކުރި ބަޖެޓާ އަޅާބަލާއިރު ރަށު ކައުންސިލްތަކަށް ލިބޭ ފައިސާ ގާތްގަނޑަކަށް 148.6 ޕަސެންޓު، އަތޮޅު ކައުންސިލްތަކަށް ލިބޭ ފައިސާ 155.1 ޕަސެންޓް އަދި ސިޓީ ކައުންސިލުތަކަށް ލިބޭ ފައިސާ 433.4 ޕަސެންޓް އިތުރުވާނެ ކަމަށް މި އަހަރަށް ފާސްކުރި ބަޖެޓުގައި ވަނީ ލަފާކޮށްފައެވެ.

comment ކޮމެންޓް