ހއ. މޮޅަދޫ މޫދުގައި ޒަހަމްތަކަކާއެކު އޮތް ކޯމަހަކަށް އެރަށު ޒުވާނަކު އެހީތެރިވެދީ، އެ ކޯމަސް ކަނޑަށް ދޫކޮށްލައިފިއެވެ.
އެރަށުން ކޯމަހަށް އެހީތެރިކަން ފޯރުކޮށްދިން އަބާން އިބްރާހިމް "ސަން"އަށް ބުނީ އެންމެ ފުރަތަމަ އެ ކޯމަސް ވަދެފައި ވަނީ މިހާރު ބަނދަރު ހެދުމުގެ މަސައްކަތްކުރަމުން އަންނަ ދިމާލަށް ކަމަށެވެ.
އެތަނުގައި ކޮނެފައި އޮތް ވަޅުގަނޑެއް ކައިރީ އުޅުމަށްފަހު، ދެން ފަހުން ފެނުނީ ރަށުގެ އެހެން ފަރާތެއްގެ މޫދުންނެވެ. ކޯމަހުގެ ތުމުގެ ތިރީ ކަށިގަނޑު މުޅިން ބިނދިފައިވާ ކަމަށާއި އަދި ކަށިކޮޅެއް މަދު ކަމަށް އަބާން ބުންޏެވެ.
"އަސުރުން ފޭބި ގޮތަށް އަހަރެން އުޅުނީ އެސޮރު ކައިރީ. ވަގުތުން ގުޅިން ކައިރީ އޮންނަ މަނަފަރު ރިސޯޓުގެ މެރިން ބަޔޮލޮޖިސްޓަކަށް ވެސް. އެއަށް އެހީވާން ކިހިނެތްހޭ ހަދަންވީ ބަލަން. ދެން އެބޭފުޅާ ވެސް ވިދާޅުވީ ކަށިކޮޅެއް މަދުވިއްޔާ އެމީހުންނަށް ވެސް ކުރެވޭނެ މާބޮޑު ކަމެއް ނެތްކަމަށް،" އަބާން ބުންޏެވެ.
މެރިން ބަޔޮލޮޖިސްޓުގެ އިރުޝާދާއެކު، ކޯމަހަށް ކާންދެވޭތޯ ވެސް އަބާން މަސައްކަތް ކުރިއެވެ. ނަމަވެސް އެސޮރަށް ކެވުނީ އެންމެ މަހެއް ކަމަށާއި، އިތުރަށް ނުކެވުނު ކަމަށް އަބާން ބުންޏެވެ.
ކޯމަހަށް އިތުރު އެއްޗެއް ކެވޭގޮތް ނުވުމުން އަބާން ވަނީ ކަނދެއްގައި ގޮސް އެ ކޯމަސް ކަނޑާ ހަމައަށް ގެންގޮސްދީފައެވެ.
"މެރިން ބަޔޮލޮޖިސްޓް ވެސް ބުނީ ކުރެވެން އޮތް ކަމަކީ ޑީޕް އޯޝަން އަށް ގެންދިއުމޭ. ދެން ތުމުން ފުމުނީމަ އޭތި އާދޭ ފަހަތުން. އެހެންވެ ކަނދެއްގައި އެހެން ހަދަމުން އޭތި ގެންދިޔައީ. ގެންގޮސް ކަނޑަށް ދޫކޮށްލީ،" އަބާން ބުންޏެވެ.
އަބާން ބުނީ ކޯމަހަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެވަގުތު ބަނދަރުމަތީ ތިބި މީހުންނާއި އޭނާގެ ދައްތަގެ އެހީތެރިކަން ލިބުނު ކަމަށެވެ.
އަބާންގެ މި މައްސަކަތަށް ގިނަ ބަޔަކު އަންނަނީ ތައުރީފުކުރަމުންނެވެ.
މިދިޔަ ހަފްތާގައި ވިލިމާލެ ފަޅުތެރެއަށް ބޮޑު މަހެއް ވަދެ، އޭތި އެއްގަމަށް ލައްގައިގެން ފުލުހުންނާއި އާންމުން ގުޅިގެން އެ ބޮޑުމަސް ވިލިމާލެ ފަޅުތެރެއިން ބޭރަށް ނެރެ، ކަނޑަށް ފުންކޮށް ވަނީ ސަލާމްތްކޮށްދީފައެވެ.