ވިލިމާލޭ މޫދު ކުޅިވަރު ސަރަހައްދުގައި ހުންނަ 100 އަހަރުވީ ނިކަގަހުގެ ބޮޑުބައެއް ކަނޑާލައިފިއެވެ.
އެ ގަސް ކަނޑައިލުމުގެ މަސައްކަތްތައް ވެމްކޯއިން ފެށީ، މިދިޔަ ހަފުތާގެ ބުދަ ދުވަހެވެ. އެ ކަން ހުއްޓުވުމަށް އެ ދުވަހު ތިމާވެށި ހިމާޔަތްކުރުމަށް ގޮވާލާ އެކްޓިވިސްޓަކު އެ ގަހަށް އަރައި، ކެނޑުން ހުއްޓުވަން މަސައްކަތް ވެސް ކުރިއެވެ.
ވިލިމާލޭން 'ސަން'އާ ވާހަކަދެއްކި ބައެއް މީހުން މިއަދު ބުނީ، މިހާރު އެ ގަހުގެ ބޮޑު ބައެއް ކަނޑާލާފައިވާ ކަމަށެވެ. އަދި، މިހާރު ގަހުގެ ގޮފިތައް ކަނޑައި، ބާކީ ހުރީ ގަހުގެ ބުޑު އެކަނި ކަމަށް އެ މީހުން ބުންޏެވެ.
ވިލިމާލޭގެ ނިކަގަސް ކަނޑަނީ --- ފޮޓޯ/ ޒޫނާ، އެކްސްވިލިމާލޭގައި ބޮޑު ދެ ނިކަ ގަސް ހުރެއެވެ. އޭގެ ތެރެއިން އެއް ގަސް ހުންނަނީ ފުލުހުންގެ ސްޓޭޝަން ކައިރިއެވެ. އަނެއް ގަސް ހުންނަނީ އެ ރަށުގެ "ވޯޓާ ސްޕޯޓްސް ބީޗް" ސަރަހައްދުގައެވެ. އޭގެ ތެރެއިން އެ ވޯޓާ ސްޕޯޓްސް ބީޗާ ދިމާލުގައި ހުންނަ ގަހުގެ މުލާއި ގޮފިތަކުގެ ސަބަބުން އެ ސަރަހައްދުގެ ގޭގެއަށް ދަތިވާކަމުގެ ޝަކުވާ ރައްޔިތުން ކުރެއެވެ.
އެހެން އެ ކަން އޮއްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވަނީ، ވިލިމާލޭގައި ހުރި ދެ ނިކަގަސް ކަނޑާލާނެކަން އިއުލާނުކުރައްވާފައެވެ.
އެ ގަހުގެ 100 އަހަރުވީ ތާރީޚެއް އޮންނަ ކަމަށް ވިދާޅުވެ، އެ ގަސް ނުކެނޑުމަށް އާދޭހާއެކު، ކުރީގެ ރައީސް މުހައްމަދު ނަޝީދު އޭރު އެދިވަޑައިގެންނެވިއެވެ. އަދި، ތިމާވެށީގެ ހައްގުގައި ވަކާލާތު ކުރާ އިތުރު މީހުން ވެސް ކަންބޮޑުވުން ފާޅުކުރިއެވެ.
އެހެންވެ، ރައީސް ވަނީ ގަސް ކެނޑުން ފަދަ ކަންކަމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި ނަމަވެސް، އިންސާނީ ދިރިއުޅުމަށް އުނދަގޫވާނަމަ ގަސް ނެގުމަކީ ގަސް އިންދުމާ ދެކޮޅުވުން ނޫން ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ ވިލިމާލެއިން ނަގާ ދެ ނިކަގަހުގެ ބަދަލުގައި، އެ އަވަށުގައި މަދުވެގެން 300 ގަސް އިންދަން އެންވަޔަރަމެންޓް މިނިސްޓްރީއަށް އަންގަވައިފައިވާ ކަމަށް ވިދާޅުވެފައެވެ.